މަޖިލިސް ޖަލްސާއެއްގެ ތެރެއިން: މަޖިލިސް ތަޅުން (ފޮޓޯ/ މަޖިލިސް)
ކޮމިޓީތައް އުވި މަޖިލީސް މަރުތަޅެއްގައި؛ އަސްލަކީ އީވާގެ މައްސަލަކަމުގެ ތުހުމަތު
ރައްޔިތުން މަޖިލީހުގެ ގިނަ މަސައްކަތްތައް ހިނގާ ދާއިމީ ކޮމިޓީތައް އެކުލަވާނުލެވި މަޖިލީހަށް ހުށަހަޅާފައިވާ މުހިއްމު ބޮޑެތި މަސައްކަތްތައް ހުއްޓި މަޖިލީހުގައި މަރުތަޅު އެޅިއްޖެ އެވެ. އެކަމާ މެދު މިއަދު ވަނީ މަޖިލީހުގެ މައި ޕާޓީ، އެމްޑީޕީއިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ވީ ކިހިނެއް؟- މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލުކުރާ މެމްބަރުންގެ އަދަދަށް މިފަހުން އަައި ބަދަލާ އެކު މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ތިއްބަވާ މެމްބަރުންނަށް ވެސް ވަނީ ބަދަލު ގެންނަން ޖެހިފަ އެވެ.
އެނގުން މުހިއްމު- އެ ބަދަލު ގެންނަން ޖެހުނީ، މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ 67 މެމްބަރުންގެ ތެރެއިން 12 މެމްބަރަކު ވަކިވެ އެއް މެމްބަރަކު އެ ޕާޓީއިން ވަކިކުރުމުންނެވެ. އެމްޑީޕީގައި އިސްކޮށް އުޅުއްވި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެ ޕާޓީން ވަކިކުރީ، މިދިޔަ މަހުގެ 16ގަ އެވެ. މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހިމެނޭގޮތަށް 12 މެމްބަރުން ޕާޓީން ވަކިވެވަޑައިގެންނެވީ ޖެހިގެން އައި ދުވަހު އެވެ.
އެ މެމްބަރުން ޕާޓީން ވަކިވި ފަހުން މަޖިލީހުގައި އެއްވެސް ޕާޓީއެއް ތަމްސީލުނުކުރައްވާ މެމްބަރުންގެ ތެރެއިން މިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ވެސް ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. އަދި ކުރިން ޖުމްހޫރީ ޕާޓީ ތަމްސީލުކުރެއްވި އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ވެސް ވަނީ އެ ޕާޓީން ވަކިވެ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. މިހާރު އެމްޑީޕީ ތަމްސީލުކުރައްވާ 56 މެމްބަރުން މަޖިލީހުގައި ތިއްބަވާނެ އެވެ.
ބުނީ ކީކޭ؟- މިއަދު އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޖީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ މަޖިލީހުގެ އެންމެ ގިނަ މަސައްކަތްތައް ކުރަމުންދަނީ ކޮމިޓީތަކުގައި ކަން ފާހަގަކުރައްވައި، އެ މަސައްކަތްތައް މުޅިން ހުއްޓިފައިވާކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ، ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓިފައި ވަނީ ރިޔާސަތުން ކޮމިޓީތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ނުކޮށް ދިގުދަންމާލާފައި ވާތީ ކަމަށެވެ.
"މަޖިލީހުގެ އެންމެ ގިނަ މަސައްކަތްތައް ހިނގާ ތަނަކީ މަޖިލީހުގެ ކޮމިޓީތައް އެހެން ނަމަވެސް މަޖިލީހުގެ ކޮމްޕޮޒިޝަނަށް އައި ބަދަލާ ގުޅިގެން މަޖިލީހުގެ ކޮމިޓީތައް މުޅިން ހުއްޓިފައިވާ މައްސަލަ ވެސް ނުނިމި ދިގުލަމުންދަނީ،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ދެއްކެވި ވާހަކަތަކަށް ބަލާއިރު ކޮމިޓީތައް އެކުލެވޭ ގޮތަށް ބަދަލު ނުގެނެވި ދިގުލައިގެންދަނީ މަޖިލީހުގެ އިދާރާއިން އެކަން "ޕާކުކޮށްލާފައި" އޮތުމުންނެވެ.
އަސްލަމް ވިދާޅުވި ގޮތުގައި ނަޝީދު އަމަލު ކުރައްވާ ގޮތުން މަޖިލީހުގައި މަސައްކަތްތައް ކުރަން މިހާރު ވަރަށް ދައްޗެވެ. އޭނާ އެގޮތަށް ވިދާޅުވީ، މިއަދުގެ ޖަލްސާގައި ކުރިއަށްގެންދިޔަ ބަންޑާރަ ނައިބުގެ މައްޗަަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ މަޑުޖައްސާލުމަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމެވި ނިންމެވުމަށް އިޝާރާތް ކުރައްވަމުންނެވެ.
އެނގުން މުހިންމު - ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޑުޖައްސާލުމަށް ނަޝީދު ނިންމެވީ، ރިއްފަތު މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ބުނެ، އިދިކޮޅު ޕީޕީއެމް އިން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލަ ތަޅުމަށް ހުށަހެޅުމުން މިއަދުގެ ޖަލްސާގެ ހެނދުނުގެ ދަންފަޅީގައި 48 މެންބަރުންގެ ވޯޓާ އެކު ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ.
ނަމަވެސް، އެ މައްސަލައަށް ބަހުސް ނުކޮށް ކޮމިޓީއަށް ފޮނުވަން ވަކި މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައިވާތީ، އެ މައްސަލަ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް ރިޔާސަތުން އިއުލާންކުރި އެވެ.
އަސްލަމް ވިދާޅުވީ ތަޅުމުން ކޮމިޓީތަކަށް މައްސަލަ ފޮނުވުމުގެ އިޖުރާއަތުތައް މަޖިލީހުގެ ގަވާއިދުން ވަރަށް ސާފު ކަމަށެވެ. އެ މައްސަލަ ބަލަންޖެހެނީ މަޖިލީހުގެ އިމްތިޔާޒް ކޮމިޓީ އިން ކަމަށް ވާއިރު، އެ ކޮމިޓީގައި މުގައްރިރެއް ނެތް ކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ އެ ކޮމިޓީގެ މަސައްކަތްތައް ވެސް އޮތީ ހުއްޓިފައި ކަމަށެވެ.
'ކޮމިޓީތައް އެކުލަވާލަން ޕާޓީތައް އެއްބަސް؛ ލަސްކުރަނީ ނަޝީދު'
އަސްލަމް ވިދާޅުވި ގޮތުގައި ކޮމިޓީތައް އެކުލެވޭ ގޮތަށް ބަދަލު ނުގެނެވި ލަސްވަނީ އެކަމަށް "ސިޔާސީ ޕާޓީތަކުން އެއްބަސް ނުވެގެން" ކަމުގެ މައުލޫމާތު މަޖިލީހުގެ އިދާރާއިން ދެއްވާފައިވާ ކަމަށެވެ. އެކަމަކު ސިޔާސީ ޕާޓީތަކުގެ ޕީޖީ ލީޑަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި އެ އިދާރާގައި ޕާޓީތައް ތަމްސީލުކުރާ މެމްބަރުންގެ ނިސްބަތުން ކޮމިޓީތަކަށް މެމްބަރުން ހަމަޖެއްސުމަށް އެބޭފުޅުން އެއްބަސްވެފައިވާ ކަމަށެވެ.
"އެ ބައްދަލުވުމުގައި ހާޒިރުވެ ވަޑައިގެން ތިއްބެވި ހުރިހާ ސިޔާސީ ޕާޓީތަކުން އެއްބަސްވޭ އެ ޕާޓީއެއް މަޖިލީހުގައި ނިސްބަތްވާ މިންވަރަށް ކޮމިޓީތަކުގެ ސްލޮޓު ދެއްވުމަށް. އެގޮތުން އެމްޑީޕީން މިވަގުތު ތަމްސީލުކުރަނީ 64% .64% ގެ ސްލޮޓަކީ 113 ސްލޮޓު. އެ 113 ސްލޮޓަށް އަޅުގަނޑުމެން މިތިބީ އެއްބަސްވެގެން،" އަސްލަމް ވިދާޅުވި އެވެ.
އެކަމަށް ޕާޓީތަކުން އެއްބަސްނުވިޔަސް، ކޮމިޓީތަކަށް މެމްބަރުން ހަމަޖައްސަން ޖެހޭގޮތް ގަަވާއިދުން ސާފުވާކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ، އެއީ މަޖިލީހުގެ އިދާރާއިން އެޖެންޑާކޮށް ފާސްކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި އެކަން ނުކޮށް އޮންނަ ކޮންމެ ދުވަހަކީ މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައިވާ ދުވަހެއްކަން ފާހަގަކުރެއްވި އެވެ.
" މިއަދުވެސް އެކަން ނުކުރައްވާ، ނުކުރައްވާ ކޮންމެ ދުވަހަކީ މަޖިލީހުގެ މަސައްކަތް ހުއްޓިގެންދާނެ ދުވަހެއް ކަމުގައި އަޅުގަނޑު ދެކެނީ. އެއީ މަޖިލީހުގައި މިހާރުވެސް ކޮމިޓީތަކުގައި ވަރަށް ގިނަ ވަރަށް މުހިއްމު ވަރަށް ހައްސާސް މައްސަލަތަކާ ގުޅޭ ބިލުތަކާ މައްސަލަތައް އެބަހުރި." އަސްލަމް ކަންބޮޑުވުންފާާޅުކުރެއްވި އެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނާގޮތުން ދާއިމީ ކޮމިޓީތަކަށް ސިޔާސީ ޕާޓީތަކަށް ކަނޑައަޅާ މެމްބަރުން އެއް ކޮމިޓީން އަނެއް ކޮމިޓީއަށް ބަދަލުކުރުމުގެ އިހުތިޔާރު ލިބެނީ އެ ޕާޓީއެއްގެ ޕީޖީ ލީޑަރަށެވެ. ގަވާއިދުގެ 131 ވަނަ މާއްދާގައި ބުނެފައިވަނީ:
-
ދާއިމީ ކޮމިޓީތަކާއި ވަގުތީ ކޮމިޓީތައް ކަނޑައަޅައި ކޮމިޓީތަކަށް މެމްބަރުން އިންތިހާބުކުރާނީ މަޖިލީހުން ފާސްކުރާ ގޮތެއްގެ މަތިން
-
އެ ކޮމިޓީތަކަށް މެމްބަރުން އިންތިހާބުކުރުމަށްފަހު ކޮމިޓީއެއްގައި ހިމެނޭ މެމްބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީއަކުން ބޭނުންވާ ނަމަ އެ މެމްބަރުގެ ބަދަލުގައި އެ ކޮމިޓީއަށް އެ ޕާޓީގެ އެހެން މެމްބަރަކު އައްޔަނުކުރުމުގެ އިހުތިޔާރު އެ ޕާޓީއަކަށް ލިބިގެންވޭ
-
އެގޮތަށް ދާއިމީ ކޮމިޓީއެއްގައި ހިމެނޭ އެ ޕާޓީގެ މެމްބަރެއްގެ ބަދަލުގައި އެހެން މެމްބަރަކު އައްޔަނުކުރާނަމަ، އެ ޕާޓީއެއްގެ ޕީޖީން އެކަން ލިޔުމަކުން މަޖިލީހުގެ އިދާރާއަށް އަންގަން ޖެހޭ
-
އެ ލިޔުން މަޖިލީހުގެ ރައީސަށް ލިބުމުން އެ މެމްބަރުގެ އިއުތިރާޒެއް ނެތްކަން އިދާރާއިން ކަށަވަރުކުރުމަށްފަހު ޕީޖީތަކަށް އެކަން އަންގަން ޖެހޭ
-
އެކަން އެންގުމާއެކު އެ ބަދަލު އައިކަމަށް ބަލައި އެންމެ އަވަހަށް އޮންނަ ޖަލްސާއެއްގައި އެކަން އިއުލާނުކުރަން ޖެހޭ
ފާހަގަކޮށްލެވޭ ކަމެއް- މަޖިލީހުގެ ދާއިމީ ކޮމިޓީތައް މިހާރު އެކުލެވިގެންވާ ގޮތަށް ބަލާއިރު އެމްޑީޕީން ވަކިވެވަޑައިގެންނެވި 12 މެމްބަރުން ތިއްބަވަނީ އެންމެ މުހިއްމު ކޮމިޓީތަކުގަ އެވެ. އޭގެ ތެރެއިން ބައެއް މެމްބަރުން ކޮމިޓީތަކުގެ މުގައްރިރުކަން ވެސް ކުރެއްވި އެވެ.
-
އާއްމު ކޮމިޓީގެ މުގައްރިރަކަށް ހުންނެވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
-
އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ މުގައްރިރަކަށް ހުންނެވީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް
-
ޖުޑިޝަރީ ކޮމިޓީގެ މުގައްރިރަކަށް ހުންނެވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
-
ސްޓޭޓް އޯންޑް އެންޑް އެންޓަޕްރައިޒެސް ކޮމިޓީގެ މުގައްރިރަކަށް ހުންނެވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު
-
މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި އިލްޔާސް ލަބީބް އިންނަވަނީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި
'މަޖިލިސް ހުއްޓުވާލީ އީވާގެ މައްސަލައާ ހަމައިން'
އެމްޑީޕީން ވަކިވެވަޑައިގެން ވަކި ޕާޓީއެއް އުފައްދަވަން ފެއްޓެވުމާ އެކު، އީވާ އަބްދުﷲ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ވަކިކުރަން، އެމްޑީޕީގެ 50 މެމްބަރުންގެ ސޮޔާ އެކު އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް މަޖިލީހަށް ހުށަހަޅާފައިވެ އެވެ.
އެ މައްސަލައިގައި ޖަވާބުދާރީ ވުމަށް އީވާއަށް ދީފައިވާ 14 ދުވަހުގެ ނޯޓިސް މި މަހުގެ 11ގައި ހަމަވާއިރު، އެހާތަނަށް ދާއިމީ ކޮމިޓީތައް އެކުލަވާނުލެވިއްޖެ ނަމަ، އެ މައްސަލަ އެޖެންޑާ ކުރުން ވެސް ލަސްވެދާނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ 'ދައުރު' އަށް މައުލޫމާތު ދީފަ އެވެ.
އިދިކޮޅު ކޯލިޝަނުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަވެސް އެޖެންޑާނުކުރެވި ލަސްވަނީ ވެސް ދާއިމީ ކޮމިޓީތައް އެކުލަވާނުލެވޭތީ އެވެ.
މި މަހުގެ ނިޔަލަށް މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލާއިރު، މިއަދު އެމްޑީޕީގެ ޕީޖީން މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމަށް ހުށަހަޅާ މައްސަލަވެސް ދައުރު ނިމުމުގެ ކުރިން ނިންމިދާނެ ކަމާ މެދު އެ ޕާޓީން ވަނީ ސުވާލު އުފައްދާފަ އެވެ.
އަސްލަމް މިއަދު ތުހުމަތުކުރެއްވި ގޮތުގައި މަޖިލީހުގެ ނައިބު ރައީސް އީވާގެ މައްސަލަ ފަދަ ނަޝީދު ކުރިއަށް ގެންދަވަން ބޭނުން ނުވާ މައްސަލަތައް ނުހިންގާ ޕާކްކޮށްލާފައި ބެހެއްޓުން ކަމަށެވެ. އެހެން ނަމަވެސް އަސްލަމް ވިދާޅުވީ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ ސާފު މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލައިގައި އީވާގެ އިތުބާރު ނެތް ވަރަށް، 50 މެންބަރުން ސޮއި ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު އެކަން ވެސް ކުރިއަށް ނުގޮސް ތާށިކޮށްލާފައި އެ އޮތީ. އެހާ ސާފު މައްސަލައެއް. މިކަހަލަ މައްސަލަތަކެއް ޕާކްކޮށްލުން ކަމަށް ބެލެވޭ މަޖިލީސް މިގޮތަށް ބާއްވާފައި މި އޮތީ،" އަސްލަމް ވިދާޅުވި އެވެ.