ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް. (ދައުރު ފޮޓޯ / އަބްދުﷲ ރިޒާ)

ތައުލީމު

ދަރުމަވަންތަ އާ އިމާރާތާއި ސަލާހުއްދީން ސްކޫލުގައި އާ އަހަރު ކިޔަވައިދޭނެ

މި ދެ ސްކޫލުގެ މަސައްކަތް ވެސް ވަނީ ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައި

ކުރިއަށް އޮތް ދިރާސީ އާ އަހަރު، މަސައްކަތް ދިގުލައިގެން ގޮސްފައިވާ ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތާއި ހުޅުމާލޭގައި އަލަށް އަޅާ ސަލާހުއްދީން ސްކޫލުގައި ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ވަނީ ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފަ އެވެ. އެގޮތުން، އެ ސްކޫލު ނިންމާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އެންމެ ފަހުން ދިން ތާރީހަކީ މިދިޔަ 31 ޑިސެމްބަރުގަ އެވެ.

ނަމަވެސް، މަސައްކަތް ނުނިމި، މިހާތަނަށް އޮތީ ކިޔަވައިދޭން ނުފެށި އެވެ.

ތަފްސީލް - އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ، ދިރާސީ އާ އަހަރު އެ އިމާރާތުގައި ކިޔަވައިދޭން ފަށަންް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި މަހު 23ގައި ފެށޭ ބޮޑު ބަންދަށް ފަހު ދިރާސީ އާ އަހަރަށް ސްކޫލުތައް ހުޅުވާނީ 6 އޮގަސްޓުގަ އެވެ.

  • ވިލާ ކޮލެޖު ކުރިމަތީގައި އޮންނަ ހުސް ބިމުގައި އެ އިމާރާތް ހެދުމަށް، އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ 2020ގައި 

  • އެ މަސައްކަތް ހަވާލުކުރީ އެއް އަހަރުގެ ތެރޭގައި ނިންމަން

  • މި މަޝްރޫއަށް ސަރުކާރުން ފުރަތަމަ ކަނޑައެޅި އަގަކީ 74.9 މިލިޔަން ރުފިޔާ، އެކަމަކު އިމާރާތުގެ ޑިޒައިނަށް ބަދަލު ގެނައުމާ އެކު، 20 މިލިޔަން ރުފިޔާ އިތުރަށް ހަރަދު ކުރަން ޖެހުން

ހުޅުމާލޭގެ ފޭސް ދޭއްގައި އަޅަމުންދާ ސަލާހުއްދީން ސްކޫލްގެ އިމާރާތް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ސަލާހުއްދީން ސްކޫލަކީ، ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ސަރުކާރުން އަޅާ އެންމެ ބޮޑު އެއް ސްކޫލެވެ. އެކަމަކު މި ސްކޫލުގެ މަސައްކަތް ވެސް މިހާރު ވަނީ ދިގުލައިގެން ގޮސްފަ އެވެ.

ގާތްގަނޑަކަށް އަހަރެއްގެ ތެރޭގައި ނިންމުމަށް، އަމީން ކޮންސްޓްރަކްޝަންއާ މި މަސައްކަތް ހަވާލުކުރީ، 2021 ވަނަ އަހަރު އެވެ. ޖުމްލަ 118 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އަޅާ މި ސްކޫލު ނިންމުމަށް އެންމެ ފަހުން ދިން ތާރީހަކީ މިދިޔަ ޖެނުއަރީ މަހެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސްކޫލުގައި ވެސް ދިރާސީ އާ އަހަރު ކިޔަވައިދޭން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ދެ ސްކޫލުގެ އިތުރުން ވެސް މިހާރު މަސައްކަތް ދިގުލައިގެން ގޮސްފައިވަނީ ޖަމީލް ދީދީ ޕްރީ ސްކޫލުގެ އެވެ. އެ ސްކޫލުގެ ކިޔެވުން ފެށޭނެ ތާރީހެއް އަދި އެޑިއުކޭޝަން މިނިސްޓްރީން ނުބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް