ހިތަށްފިނިވާގޭގައި ރޭ ރޯވެ އަނދަނީ.

ނިދާފައި ތިއްބާ އަނެއްކާވެސް ގެއެއްގައި ރޯވެ، އަނދައި ހުލިވެއްޖެ

މިދިޔަ މަހު އައްޑޫގެ ގެއެއްގައި އަލިފާން ރޯވީ ވެސް ގޭގެ އެންމެން ނިދާފައި ތިއްބާ؛ މީގެ ހަފުތާއެއް ކުރިން ހދ. މަކުނުދޫގެ ގެއަކާއި އެ ގެއާ އިންވެގެން ހުރި ގުދަނުގައިި ވެސް އަލިފާން ރޯވެ ވަނީ ބިމާ ހަމަވެފައި

ހއ. ފިއްލަދޫގެ ގެއެއްގައި ރޭ ދަންވަރު އަލިފާން ރޯވެ، މުދަލާ އެކު ގެ އެއްކޮށް އަނދައި ހުލިވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފިއްލަދޫ ހިތަށްފިނިވާގޭގައި ރޭ ދަންވަރު 1 ހާއިރު އަލިފާން ރޯވި އިރު، ގޭގައި ހަތް މީހުން ނިދާފައި ތިއްބެވެ. އެއީ އުމުރުން ދުވަސްވީ ދެމަފިރިންނާއި ދެ އަންހެނުން އަދި އެ މީހުންގެ ތިން ދަރިންނެވެ. ނަމަވެސް، އަލިފާންގަނޑު މުޅި ގެއަށް ފެތުރުމުގެ ކުރިން، އެ އެންމެންނަށް ވެސް ގެއިން ނުކުމެވުނެވެ.

އެނގުން މުހިއްމު - މިދިޔަ މަހުގެ މެދުތެރޭގައި އައްޑޫގެ ގެއެއްގައި އަލިފާން ރޯވީ ވެސް ގޭގެ އެންމެން ނިދާފައި ތިއްބަ އެވެ. އޭރު ގޭގައި ތިބީ ދެ އަންހެނުންނާއި ވަރަށް ތުއްތު ކުއްޖެއް ވެސް ހިމެނޭ ގޮތަށް ފަސް ކުޑަކުދިންނެވެ.

އޭގެ އިތުރުން، މީގެ ހަފުތާއެއް ކުރިން ހދ. މަކުނުދޫގެ ގެއަކާއި އެ ގެއާ އިންވެގެން ހުރި ގުދަނުގައިި ވެސް އަލިފާން ރޯވެ ވަނީ ބިމާ ހަމަވެފަ އެވެ.

ހިތަށްފިނިވާގޭގައި ރޭ ރޯވެ، ގޭގެ ފާރުތައް ވެއްޓި އަނދައި ހުލިވެފައި.

ތަފްސީލު - ފިއްލަދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ރަޒީފް މިއަދު ވިދާޅުވި ގޮތުގައި، ހިތަށްފިނިވާގޭގައި އަލިފާން ރޯވީ ކަރަންޓު ޝޯޓެއް ވެގެންނެވެ. އަދި އަލިފާން ރޯވިކަން އެނގުނީ، ގެއިން ކަރަންޓު ކެނޑި، ހޫނުވާން ފެށުމުން މީހަކަށް ހޭލެވުމުން ކަމަށާއި ވަގުތުން އޭނާ ގޭގެ އެހެން މީހުންނަށް ގޮވައި ގެއިން ނެރުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"މީހުންނަށް ކިރިޔާ ނުކުމެވުނީ. ޕްލައިވުޑުން ސީލިންގުކޮށްފައި ހުރުމުން ވަރަށް އަވަހަށް މުޅި ގޭގައި ހުޅު ހިފައިފި،" ރަޒީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި:

  • އެ ހާދިސާގައި ގޭގެ މީހުންގެ އެއްވެސް ފޯނެއް، އަންނައުނެއް އަދި ހިފައި ގެންގުޅޭ އެއްވެސް ސާމާނެއް ސަލާމަތެއް ނުކުރެވުނު

  • ރަށު ރައްޔިތުންގެ އެހީގައި ފެން ޖަހައި އަލިފާންގަނޑު ނިއްވާލެވުނު އިރު، ތިން ކޮޓަރީގެ އެ ގޭގެ ފާރުތައް ވެސް ހުރީ ވެއްޓިފައި؛ މުޅި ތަނުގައި އޮތީ އަޅި

ހާލުގައި ޖެހުނު ގޭގެ މެމްބަރުން މިހާރު ތިބީ، އެ މީހުންގެ އާއިލާގެ ގެތަކުގަ އެވެ. ކައުންސިލުން ބުނީ އެ މީހުންނަށް އެހީވެވޭނެ ގޮތެއް އޮތްތޯ މިހާރު ބަލަމުން އަންނަ ކަމަށެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް