މަޖިލިސް ޖަލްސާއެއްގެ ތެރެއިން: މަޖިލިސް ތަޅުން (ފޮޓޯ/ މަޖިލިސް)

ސަރުކާރާ ދެކޮޅު މަޖިލިސް މެމްބަރުންނަށް ސްކޫލް ހަފްލާތަކުގައި ބައިވެރިނުވެވޭ ކަމުގެ ޝަކުވާ ބޮޑުވެއްޖެ

ސްކޫލު ހަފްލާތައް ޝަރަފްވެރިކޮށްދިނުމުގެ ހުއްދަ މެންބަރުންނަށް ނުލިބެނީ 'ސިޔާސީ ބޭފުޅުންނަށް' ވާތީ ކަމަށް ބުނެ

ސިޔާސީ ބޭފުޅުންނަށް ވާތީ ކަމަށް ބުނެ، ސަރުކާރަށް ތާއީދު ނުކުރައްވާ ބައެއް މަޖިލިސް މެމްބަރުންނަށް އެމީހުންގެ ދާއިރާތަކުގެ ސްކޫލު ހަފްލާތައް ޝަރަފުވެރި ކޮށްދިނުމުގެ ހުއްދަ ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދުގެ މަޖިލީހުގެ ޖަލްސާގައި ތައުލީމީ ދާއިރާއާ ގުޅުންހުރި ސުވާލުތަކަށް ޖަވާބުދެއްވުމަށްޓަކައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ މަޖިލީހަށް ހާޒިރުކުރުމުން، ބައެއް މެމްބަރުން ވަނީ އެކަމާ ގުޅޭ ސުވާލުތައް މިނިސްޓަރަށް އަމާޒުކުރައްވާފަ އެވެ.

ތަފްސީލް - ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ސުވާލު ކުރެއްވީ އޭނާގެ ދާއިރާ، ނޮޅިވަރަމްފަރު ސްކޫލުގެ އިނާމު ދިނުމުގެ ހަފްލާގައި ވާހަކަ ދެއްކުމުގެ ފުރުސަތު އޭނާއަށް ނުލިބުނީ ކީއްވެތޯ އެވެ. 

އެހެން ނަމަވެސް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއަށް އެ ފުރުސަތު ލިބިފައިވާ ކަމަށް ވިދާޅުވެ ޝަކުވާ އުފުލަވަމުން ނަޝީދު ވަނީ، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރެއްވީ މާ ފުރުސަތު ލިބެނީތޯ އައްސަވައިފަ އެވެ. ދެ ދާއިރާގެ މެމްބަރުންނަކީ ވެސް ރައްޔިތުންގެ ވޯޓުން ހޮވާފައި ތިބި މެމްބަރުންނަށް ވާއިރު "ވަކި މީހަކު ސިޔާސީ ވެފައި ވަކި މީހަކު ސިޔާސީ ނުވާ އުސޫލެއް މިނިސްޓްރީން ގެންގުޅެނީ ކީއްވެގެންތޯ؟" ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

މަޖިލިސް ޖަލްސާއެއްގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ:

  • ސްކޫލުތަކުގެ އިނާމު ދިނުމުގެ ހަފްލާގެ އެޖެންޑާތައް ކަނޑައަޅަނީ ސްކޫލުތަކުން 

  • މިނިސްޓްރީން ކުރާ ކަމަކީ އެ އެޖެންޑާތައް ފާސް ކުރުން

"ނޮޅިވަރަމްގައި ޕްރައިޒް ޑޭގައި ވީ ގޮތަކީ އަޅުގަނޑުމެންނަށް އެޖެންޑާ ލިބިފައެއް ނެތް. އެހެންކަމުން މަނިކުފާނު ވާހަކަދައްކަވަން ހަމަޖެހިފައި އޮތް ކަމެއް އަޅުގަނޑުމެންނަކަށް ނޭނގޭ. އެޖެންޑާގައި ނެތް ކަމެއް އަޅުގަނޑުމެން އެޖެންޑާ ތެރެއިން ހަމައެއް ނުޖައްސާނެ. އެޕްރޫވް ކޮށްފައި އޮންނަ އެޖެންޑާއާ އެއްގޮތަށް މިނިސްޓްރީން ކުރިއަށް ގެންދާނީ،" އައިޝަތު އަލީ ވިދާޅުވި އެވެ.

ސިޔާސީ ބޭފުޅުން ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް އިނާމު ދިނުމުގެ ޖަލްސާތައް ޝަރަފުވެރި ކުރުމުގެ ފުރުސަތު ނުދޭ ކަމަށް ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ވެސް ވިދާޅުވި އެވެ. އަދި ރަށު ކައުންސިލާއި އަތޮޅު ކައުންސިލުގެ ބޭފުޅުންނަށް އެ ފުރުސަތު ލިބޭ ކަން ފާހަގަކުރައްވާ، ސިޔާސީ ވަނީ މަޖިލިސް މެމްބަރުން އެކަނިތޯ ސުވާލު ކުރެއްވި އެވެ.

"ޗީފް ގެސްޓެއް ހަމަޖައްސާއިރު އޮވޭ ގައިޑްލައިން އެއް އަޅުގަނޑުމެން މިނިސްޓްރީގައި އޮންނަ. އެ ގައިޑްލައިނާ އެއްގޮތަށް ބޭބޭފުޅުން ހަމަޖައްސަވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިފަދައިން މެމްބަރުން ސުވާލުކުރައް ވާތީ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ނަޝީދު ވެސް އެކަމާ ބެހޭ ގޮތުން ހިޔާލު ފާޅު ކުރެއްވި އެވެ.

"އަޅުގަނޑު ހަނދާންވޭ ވަރަށް ގިނަ [ސްކޫލްތަކުގެ ހަފްލާތަކަށް] އަޅުގަނޑަށް ދެވިފައިވާނެ. އަދި މިހާރު ވެސް ވަރަށް ގިނަ ތަންތަނަށް ދައުވަތު ލިބިފައި އެބަވޭ. އަޅުގަނޑު ހިތުން އަޅުގަނޑަކީ ތިޔަ ވިދާޅުވާހެން ސިޔާސީ މީހެއް ނޫން،" ނަޝީދު ސަމާސާ ރާގަކަށް ވިދާޅުވި އެވެ.

ސްކޫލުތަކުގެ އިނާމުދިނުމުގެ ޖަލްސާތަކުގައި މަޖިލިސް މެމްބަރުންނަށް ދައުވަތު ދިނުމަށް އިސްކަން ދިނުމާއި ނުދިނުމަކީ އެރަށު ސްކޫލުން ނިންމާ ގޮތެއްކަން، އަދި އެއީ މިނިސްޓްރީން ކުރާ ކަމެއް ނޫން ކަން ސާފުކޮށް ބަޔާންކޮށްދެއްވުމަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އެދިވަޑައިގަތެވެ.

އެ ސުވާލުގެ ޖަވާބުގައި ވެސް ކުރިން ވިދާޅުވި ވާހަކަ ތަކުރާރު ކުރައްވާ މިނިސްޓަރު ފާހަގަކުރެއްވީ ޗީފް ގެސްޓުގެ ގޮތުގައި ކަނޑައަޅަން ބޭނުންވާ މީހަކު ހަމަޖައްސާނީ ސްކޫލުތަކުން ކަމަށެވެ.

"ދެން ތިން ޗޮއިސް އެއް ފޮނުއްވަވާ. އަޅުގަނޑުމެން އާންމުގޮތެއްގައި ފުރަތަމަ އެ އޮންނަ ޗޮއިސް އަކަށް އެޕްރޫވަލް ދެން،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް (1)

ސަމްސާ

30 މޭ 2023
ރަނގަޅު ގޮތެއް. މަޖިލީހުގަ ތިމީހުން ގޮވާ އެއްޗިހި ސްކޫލް ހަފްލާގަ ގޮވަން ފަށައިފިއްޔާ ކަމަކު ނުދާނެއްނު؟ ޝަރަފްފެރި ކޮށްދެވޭނީ ޝަރަފްވެރިކޮށް އުޅޭ ބަޔަކަށް ދޯ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް