މިއަދު ބޭއްވި ފައިނޭންސް ފޯރަމްގެ ޕެނަލްގައި އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވާހަކަ ދައްކަަވަނީ

އެމްއެމްއޭ

ރާއްޖޭގައި ޑިޖިޓަލް ރުފިޔާ ތައާރަފުކުރަން މަޝްވަރާކުރަނީ

އިމާދު ވިދާޅުވީ ރާއްޖޭގައި ބޭނުންކުރަމުން އަންނަ ފައިސާގެ %94 އަކީ ޑިޖިޓަލްކޮށް ބޭނުންކުރެވޭ ފައިސާ ކަމަށް

ރާއްޖޭގައި 'ޑިޖިޓަލް ރުފިޔާ' ތައާރަފުކުރަން ކަމާ ގުޅޭ ފަރާތްތަކާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ އިމާދު މިހެން ވިދާޅުވީ، ރާއްޖޭގެ މާލީ ދާއިރާގެ އިސް ފަރާތްތަކަށް އަމާޒުކޮށްގެން 2012އިން ފެށިގެން ކޮންމެ އަހަރަކު ޕެންޝަން އޮފީހުން ބާއްވަމުން އަންނަ ފިނޭންސް ފޯރަމްގެ މި އަހަރުގެ ފޯރަމުގައި ވާހަކަދައްކަވަމުންނެވެ.

ތަފްސީލް - މިއަދު ހެނދުނު ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދިޔަ ފޯރަމުގައި ޕެނަލިސްޓެއްގެ ގޮތުގައި ވާހަކަދައްކަވަމުން އިމާދު ވިދާޅުވީ އެތެރޭގެ ރީޓެއިލް ޕޭމަންޓް ސިސްޓަމްތަކަށް ހަލުވިމިން ގެނެވޭނެ ގޮތްތަކާ މެދު މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ވިދާޅުވީ:

  • އެ މަޝްރޫއުގެ އެންމެ ފުޅާ ކޮންސެޕްޓަކީ އޯޕެން ފައިނޭންސިން

  • އެކަމާ ގުޅޭ ގޮތުން ބޭންކުތަކާ އެކު މަޝްވަރާ ކުރެވެމުން އެބަދޭ

  • މިހާރު ބޭނުންކުރާ ބޭންކިން މޮޑިއުލަށް ބުރުލެއް ނާރާ ގޮތަށް އެ މަސައްކަތް ކުރެވޭނެ ގޮތްތަކަކަށް އަންނަނީ މަޝްވަރާކުރަމުން

އެކަން ވިސްނުމުގައި ބަހައްޓައިގެން ކުރާ މަޝްވަރާތަކުގެ ތެރޭގައި ޓޯކަނައިޒްކޮށް ފައިސާ ޓްރާންސްފާ ކުރެވޭނެ ގޮތެއް ބަލަމުން އަންނަ ކަމަށް އިމާދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ބޭނުންކުރާ ފައިސާގެ %94އަކީ ޑިޖިޓަލްކޮށް ބޭނުންކުރާ ފައިސާ ކަމަށެވެ.

"މި މަޝްވަރާގެ ތެރެއިން އެންސީއައިޓީއާ އެކު ދެކެވުނު ވާހަކަތަކުގައި ވެސް ވަރަށް ބޮޑަށް ވާހަކަދެކެވިފައިވޭ ޑިޖިޓަލް ރުފިޔާ ތައާރަފުކުރަން. އެކަން ކުރެވޭނެ ގޮތަކާއި، އިޖާދީ އުފެއްދުންތަކުގައި އެ ޑިޖިޓަލް ރުފިޔާގެ ބޭނުންތެރިކަމާ ބެހޭ ގޮތުން މަޝްވަރާތައް ކުރެވެމުން އެބަދޭ،" ޓޯކަނައިޒް ކޮށް ފައިސާ ޓްރާންސްފާ ކުރެވޭނެ ގޮތްތައް އީޖާދުކުރުމުގައި އެފަދަ އީޖާދެއް ތައާރަފް ކުރުމާ މެދު ވިސްނާކަން ފާހަގަކޮށް އިމާދު ވިދާޅުވި އެވެ.

މިފަދަ އީޖާދެއް ތައާރަފު ކުރުމަށް ރެގިއުލޭޓަރީ ފްރޭމްވޯކްތައް ހެދިފައި ހުރުމުގެ މުހިންމުކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން އާ ޑިޖިޓަލް ޓެކްނޮލޮޖީތައް ޓެސްޓްކޮށް، ތަރައްގީކުރުމުގެ ވަސީލަތެއްގެ ގޮތުގައި 'ރެގިއުލޭޓަރީ ސޭންޑްބޮކްސްތައް' ބިނާކުރަން، ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަކުރައްވާ ވިދާޅުވީ، އެ ނިޒާމު ގާއިމްކުރެވިގެން ދިއުމާ އެކު ޑިޖިޓަލް ރުފިޔާ އިޖާދުކުރުމުގެ މަސައްކަތް ވެސް ފަސޭހަވާނެ ކަމަށެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް