ބްރޯޑްކާސްޓިން ކޮމިޝަންގެ ބައްދަލުވުމެއްގެ ތެރެއިން (ފައިލް ފޮޓޯ/ކޮމިޝަން)
ރައީސަށް ވަގަށް ގޮވާ ލަވަތަކެއް ނުދައްކަން ޗެނަލް 13އަށް އަންގައިފި
ޗެނަލް 13 އިން ދެއްކި ތިން ލަވައަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ގަދަރަށް އުނިކަން ލިބޭ ކަމަށް ބެލެވޭ ކަމަށް ބުނެ، އެ ލަވަތައް ދެއްކުން ހުއްޓާލަން އަންގައި އެ މައްސަލަ ބަލަން ބްރޯޑްކާސްޓިން ކޮމިޝަނުން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ބޮރޯޑްކާސްޓިން ކޮމިޝަނުން މި ގޮތަށް އެންގީ، އެ ކޮމިޝަންގެ ލީގަލް އެފެއާޒް ޑިރެކްޓަރު ޝާން ސޯލިހް މުހައްމަދު ސޮއިކުރައްވައި ޗެނަލް 13 ހިންގާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ނާސިފަށް މިއަދު ފޮނުއްވި ސިޓީއެއްގަ އެވެ.
ތަފްސީލު - އެ ސިޓީގެ ކޮޕީއެއް 'ދައުރު'އަށް ވަނީ ލިބިފަ އެވެ. އެ ސިޓީގައިވާ ގޮތުން، މިިދިޔަ ހޯމަ ދުވަހުގެ ރޭ އެ ޗެނަލުން ދެއްކި ތިން ލަވައެއްގައި ހިމެނޭ ކޮންޓެންޓަކީ ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ބައެއް ހަމަތަކާ ހިލާފުވާ މަންޒަރާއި އަޑު ހިމެނޭ ލަވަތަކެއް ކަމަށް ބެލެވެ އެވެ.
އެ ލަވަތައް ނުދެއްކުމަށް އެންގުމަށް ކޮމިޝަނުން ނިންމާފައި ވަނީ، އެ ޗެނަލަށް ފޮނުވި އެންގުމުގައިވާ ގޮތުން، މިއަދު އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމުގަ އެވެ.
"ކޮމިޝަނުން ވަކި ގޮތަކަށް އަންގަންދެން ތިޔަ ސްޓޭޝަނުން ބްރޯޑްކާސްޓްކޮށްފައިވާ 'ކަނޑުފޭރޭ ޗޯރު'، 'ފެލާލައިފި'، ލުޓޭރު އިބުރޭ' ލަވަތަކުގެ އަޑާއި މަންޒަރު ހިމެނޭ ގޮތުގެ މަތިން އެ ކޮންޓެންޓް ނުވަތަ އެ ކޮންޓެންޓްގެ މަންޒަރާއި އަޑު ބްރޯޑްކާސްޓް ނުކުރުމަށް ތިޔަ ފަރާތަށް އަންގަމެވެ،" ސިޓީއާ އެކު ޗެނަލް 13އަށް ފޮނުވި އެންގުމުގައި ބުނެފައިވެ އެވެ.
އިދިކޮޅު ހަބަރުތައް ގެނެސްދޭ ޗެނަލް 13އަށް ކޮމިޝަނުން އެ ގޮތަށް އެންގީ، ބްރޯޑްކާސްޓްކުރުމުގެ ގާނޫނުން ކޮމިޝަނަށް ލިބޭ އިހްތިޔާރުގެ ދަށުން ކަމަށް ވެސް އެ އެންގުމުގައި ފާހަގަކޮށްފައިވެ އެވެ.
އެ ސިޓީގައި ކޯޑް އޮފް ޕްރެކްޓްސްއާ ހިލާފުވި ކަމަށް ބެލެވޭ ހަމަތަކުގެ ގޮތުގައި ބުނެފައި ވަނީ:
-
މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިދާ ފަދަ ނުވަތަ އިއްޒަތާއި ގަދަރަށް އުނިކަމެއް އަތުވެދާ ފަދަ ނުވަތަ ނިކަމެތިކަމެއް ލިބިދާނެ ބަސްތަކާއި މަންޒަރާއި އަޑު ބްރޯޑްކާސްޓް ނުކުރުން
-
ހަބަރު ގެނެސްދިނުމުގައި ވަކި ފަރާތަކަށް ބުރަނުވެ، ހަމަހަމަކަމާ އެކު ގެނެސްދިނުމަށް އިސްކަންދީ، ތެދު މައުލޫމާތު ފެތުރުމަށް މަސައްކަތް ކުރުން
-
މުޖުތަމައުގެ އަދަބު އަހުލާގުގެ މިންގަނޑު ކަމަށް އާންމު ގޮތެއްގައި ގަބޫލުުކުރާ މިންގަނޑުތައް ހިފެހެއްްޓުން
-
އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގާއި އިޝާރާތްތައް ބޭނުން ނުކުރުން
މި މައްސަލައާ ގުޅިގެން ޖަވާބުދާރީވުމުގެ ފުރުސަތު ޗެނަލް 13އަށް ވަނީ ދީފަ އެވެ. ކޮމިޝަނުން އެދުނީ، އަންނަ މަހުގެ 12 ވަނަ ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން ލިޔުމުން ޖަވާބުދާރީވުމަށެވެ.
"ހަވާލާދީފައިވާ މުއްދަތުގައި މި ކޮމިޝަނަށް ލިޔުމުން ޖަވާބު ހުށަހަޅާފައި ނުވާ ނަމަ ނުވަތަ ސަބަބު ބަޔާންކޮށް ޖަވާބުދާރީވުމުގެ މުއްދަތު އިތުރުކުުރުމަށް އެދި ލިޔުމުން ހުށަހަޅުއްވާފައި ނުވާ ނަމަ، ލިބިފައިވާ ހެކިތަކުގެ އަލީގައި މައްސަލަ ބަލައި ނިންމާނެ ވާހަކަ ވެސް ދަންނަވަމެވެ،" ސިޓީގައިވެ އެވެ.
ގުޅުން ހުރި ކަމެއް - އިޖުތިމާއީ މިންގަނޑާ ހިލާފުވެގެން ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ، ޗެނަލް 13 އިން ސަރުކާރަށް ފާޑުކިޔައި ގެނެސްދެމުން އައި 'މަޑިސީލަ' ޕްެރޮގްރާމް ވެސް މީގެ ކުރިން ހުއްޓުވާފަ އެވެ.
ކޮމެންޓް (1)
ޖުލައި