އޯލެވެލްގައި އިނގިރޭސިން ދުނިޔޭގެ 1 ވަނަ ހޯދި މިޝްގާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަތްޕުޅުން އިނާމު ހޯދަނީ ފޮޓޯ/ރައީސް އޮފީސް)

ތައުލީމު

ތޮއްޑޫ ސްކޫލުގެ މި ދަރިވަރު އިނގިރޭސިން މުޅި ދުނިޔޭގެ އެއްވަނަ

މިޝްގާއާ އެކު އިތުރު 9 ކުދިން އެއް ވަނަ ހޯދި. އެކަމަކު އޭނާއަކީ ރަށެއްގެ ސްކޫލަކުން ތައުލީމް ފުރިހަމަ ކުރި ހަމައެކަނި ދަރިވަރު

ރަށުން ކިޔެވުމަކީ، މޮޅު ނަތީޖާއެއް ހޯދުމަށް އޮތް ހުރަހެއް ކަމަށް އައިޝަތު މިޝްގާ ނާސިރު އެއްވެސް އިރެއްގައި ގަބޫލެއް ނުކުރެ އެވެ. އޭނާ ގެންގުޅުނު މޮޓޯއަކީ ހިތްވަރުކޮށް، މަސައްކަތް ކޮށްފިއްޔާ ކޮންމެ ތަނެއްގައި ހުއްޓަސް ރަނގަޅަށް ކިޔެވޭނެ ކަމެވެ.

އެކަން އއ. ތޮއްޑޫ ސްކޫލުގެ ދަރިވަރު މިޝްގާ ވަނީ ސާބިތުކޮށްދީފަ އެވެ. ގްރޭޑް 10އަކާ ހަމައަށް ރަށު ސްކޫލުން ކިޔެވި އިރު އޭނާ ހޯދީ ހަމައެކަނި އޯލެވެލްގެ ގަދަ ދިހައެއްގެ 1 ވަނަ އެކަންޏެއް ނޫނެވެ. ރަށު ސްކޫލުން ކިޔަވައިގެން އިނގިރޭސި މާއްދާއިން ދުނިޔޭގެ 1 ވަނަ ވެސް އޭނާ ވަނީ ހޯދާފަ އެވެ.

އޯލެވެލް އިމްތިހާނުން 1 ވަނަ ހޯދި މިޝްގާ، ތޮއްޑޫ ސްކޫލުގެ ޔުނީފޯމުގައި

މިއީ އޯލެވެލް އިމްތިހާނުގައި ވެސް ތާރީހީ ކާމިޔާބެކެވެ.

"މޮޅު ނަތީޖާއެއް ހޯދޭނީ ކުއްޖާ ކުރާ މަސައްކަތުން، ކިޔަވާތަން މާ މުހިއްމުކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" މިޝްގާ، 17، ބުންޏެވެ.

ދުނިޔެއިން އެއް ވަނަ ހޯދުމަކީ އޭނާގެ އަމާޒެއް ނޫނެވެ. މިޝްގާގެ ހުރިހާ ވެސް އުއްމީދެއް ގުޅިފައި ހުރީ ހުރިހާ މާއްދާއަކުން 'އޭ ޕްލަސް' ހޯދައިގެން، ގަދަ ދިހައެއްގެ އެއް ވަނަ ހޯދުމާ އެވެ. އެކަން އޭނާ ކާމިޔާބު ކުރި އިރު، އިނގިރޭސި މާއްދާއިން ދުނިޔޭގެ އެއް ވަނަ ލިބުންވީ، މިޝްގާއަށް ވެސް ލިބުނު ސަޕްރައިޒަކަށެވެ.

މިޝްގާ: އޭނާއަކީ ތޮއްޑޫ ސްކޫލުގެ މިދިޔަ އަހަރުގެ ކެޕްޓަން

ކުޑައިރުއްސުރެ ކިޔެވުމަށް މޮޅު މިޝްގާ، އޯލެވެލް އިމްތިހާނަށް ތައްޔާރުވި ގޮތް އޭނާ ކިޔައިދިނެވެ. ފިލާވަޅުތައް ނަގައިގަންނަން އޭނާއަށް ފަސޭހައީ، ދަންވަރުގެ ހަމަހިމޭން ވަގުތު ކަމަށް ވުމުން، އޭނާ ފިލާވަޅު ދަސްކުރާ ވަގުތަކަށް ހެދީ ދަންވަރެވެ. ދަންވަރު އެންމެން ނިދާ ފައިހިލައޮބުމުން، ދޭއް ޖަހާކަންހާއިރު އޭނާ ތެދުވެ އެވެ.

"އެންމެ ފުރަތަމަ އަޅުގަނޑު ދަމު ނަމާދު ކުރަނީ. ނަމާދުކޮށް، ގުރުއާން ކިޔަވަން އިންނަން ގާތްގަނޑަކަށް ތިނެއް ޖަހަންދެން،" މިޝްގާ ކިޔައިދިނެވެ.

"ދެން އޭގެ ފަހުން ފަތިސް ވަންދެން ފިލާވަޅު ކިޔަވަން އިންނަނީ،"

ހެނދުނުހެނދުނާ ތެދުވެ މިޝްގާ ސްކޫލަށް ދެ އެވެ. ހުރިހާ އަޅުކަންތަކެއް ބަރާބަރަށް އަދާކުރަމުން، ސްކޫލުގައި ބުރަކޮށް ކިޔެވުމަށް މަސައްކަތް ކުރެ އެވެ. ރަނގަޅު ނަތީޖާއެއް ލިބުމަށް އެދި ގިނަގިނައިން ދުއާކުރެ އެވެ.

މިޝްގާ ބުނި ގޮތުގައި އޯލެވެލް އިމްތިހާނަށް ތައްޔާރުވި އިރު އާއްމުކޮށް އޭނާ ނިދީ ހަތަރު ފަސްވަރަކަށް ގަޑިއިރަށެވެ. ނިދަން ލިބޭ ވަގުތުކޮޅު ކުޑަޔަސް، މިހާރު މި ކުރާ މަސައްކަތުގެ ނަތީޖާ ފަހުން ފޮނިވާނެކަން އޭނާ ގަބޫލު ކުރި އެވެ.

މިޝްގާ އޭނާގެ އާއިލާއާއެކު ފޮޓޯއަކަށް ހުއްޓިގެން
މިޝްގާ އޭނާގެ މަންމަ އާ އެކުގައި

ތޮއްޑޫ ސްކޫލުގެ މިދިޔަ އަހަރުގެ ކެޕްޓަން ބުނިގޮތުގައި ރަށު ސްކޫލުގައި ކިޔެވުމަކީ، ކިޔެވުން އިތުރަށް ތަރައްގީ ކުރުމަށް ލިބޭނެ ފުރުސަތެކެވެ. އެއީ ކިޔަވާ ދަރިވަރުންގެ އަދަދު މަދުވުމާ އެކު، ޓީޗަރުންގެ ފުރިހަމަ ސަމާލުކަމާއި  ދަރިވަރުންނަށް ލިބުމެވެ.

ކިޔެވުމަށް ބޭނުންވާނެ ވަސީލަތްތަކާއި އިތުރު އެހީތައް، ކޮންމެ ސްކޫލަކުން ވެސް މިހާރު ލިބެން ހުންނާނެ ކަމަށް އޭނާ ގަބޫލު ކުރެ އެވެ.

"ދެން އޮންނާނީ ދަރިވަރުން ކުރި ހިތްވަރެއް،" އޭނާ ބުންޏެވެ.

މިޝްގާ ދުނިޔޭގެ އެއް ވަނަ ހޯދީ، އިނގިރޭސި މާއްދާއިންނެވެ. ދެ ވަނަ ބަހެއްގެ ގޮތުގައި ސްކޫލުތަކުގައި އިނގިރޭސި ކިޔަވައިދިނަސް، ލިޔުންތެރިކަމާއި ވާހަކަ ދެއްކުމާއި އެހެން ގޮތްގޮތުން ވެސް އޭނާ އެ ވަނީ، އެންމެ މޮޅު ކަމަށް ފާހަގަ ކުރެވިފައިވާ އެހެން ސްކޫލުތަކުގެ ދަރިވަރުންނާ އަރާ ހަމަކޮށްފަ އެވެ. ނޫނީ އެއަށް ވުރެ މޮޅު ނަތީޖާއެއް ހޯދާފަ އެވެ.

އޯލެވެލްއާ ހަމައަށް ރަށުން ކިޔެވުމަށް ފަހު، އިތުރަށް ކިޔެވުމަށް މިޝްގާ މިހާރު ވަނީ މާލެ ބަދަލުވެފަ އެވެ. އޭނާގެ ހުރިހާ އަމާޒެއް އަނެއްކާ ވެސް ހުއްޓިފައި ހުރީ، އޭލެވެލްގެ އެއް ވަނަ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕް ހޯދާށެވެ. އަދި ބޭނުން ގައުމަކުން ހިލޭ މަތީ ތައުލީމްގެ ފުރުސަތު ހާސިލް ކުރާށެވެ.

މިޝްގާއާ އެކު އިތުރު އަށް ކުއްޖަކު، އިނގިރޭސި މާއްދާއިން ދުނިޔޭގެ 1 ވަނަ ހޯދި އެވެ. އެކަމަކު ތޮއްޑޫ ސްކޫލުން ކިޔަވައިގެން ހޯދި ދުނިޔޭގެ ވަނައާ އެކު އޭނާ ސާބިތުކޮށްދިނީ، ހިތްވަރާއި މަސައްކަތުން، ރާއްޖޭގެ ކޮންމެ ތަނެއްގައި ހުއްޓަސް މޮޅު ނަތީޖާއެއް ހޯދިދާނެ ކަމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް