އެޕްރީލް 21، 2022: އިދިކޮޅު ލިޑަރު ރައީސް ޔާމިންގެ ގެ، ހ. ދޫވެހިގައި ނަގާފައި އިންޑިއާ އައުޓް ބެނާ ނެގުމުގެ މަސައްކަތް ފުލުހުން ކުރަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ދޫވެހީގައި ދެމި 'އިންޑިއާ އައުޓް' ބެނާ ނެގި ފުލުހުންގެ މައުލޫމާތު ހާމަކުރަން އެންގީ ގޯސްކޮށް: ހައި ކޯޓު

ވަކިވަކި ފުލުހުން އަދާކުރި ދައުރާއި އެ މީހުންގެ ނަމާއި ރޭންކު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގެވީ ގާނޫނާ އެއްގޮތަށް ނޫން ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައި

އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ 'އިންޑިއާ އައުޓް' ކެމްޕެއިން ތެރެއިން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެ ހ. ދޫވެހީގައި ދަމާފައި ހުރި ބެނާ ނެގި ފުލުހުންގެ މައުލޫމާތު ހާމަކުރަން އެންގީ ގޯސްކޮށް ކަމަށް ނިންމައި އެ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުން މިއަދު ހައި ކޯޓުން ބާތިލުކޮށްފި އެެވެ.

މައްސަލައިގެ ފެށުން - 'އިންޑިއާ އައުޓް' ނަމުގައި މިދިޔަ އަހަރު ހިންގި ހަރަކާތުގައި، ދޫވެހީގެ އިތުރުން، ޕީޕީއެމްގެ އޮފީސް ހިމެނޭހެން މާލޭގެ ބައެއް ތަންތަނުގައި ބެނާތަކެެއް ދެމި އެވެ.

އެޕްރީލް 21، 2022: އިދިކޮޅު ލިޑަރު ރައީސް ޔާމިންގެ ގެ، ހ. ދޫވެހިގައި ނަގާފައި އިންޑިއާ އައުޓް ބެނާ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު )

އެ ބެނާތައް ފުލުހުން ނަގާފައިވަނީ ކޯޓު އަމުރެއް ހޯދައިގެން ގޮހެވެ. ބެނާތައް ނެގި ސަބަބެއް ކަމަށް ބުނީ:

  • އާއްމުކޮށް ފެންނާނެހެން 'އިންޑިއާ އައުޓް' ޖަހައި ބެނާ ދެމުމަކީ ވަކި ގައުމަކަށް ނިސްބަތްކޮށް ހިންގާ އަމަލަކަށް ވުން

  • ބައިނަލްއަގުވާމީ ގުޅުންތަކާއި އަވަށްޓެރި ގައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ހާރިޖީ އަދި ސަގާފީ ގުޅުންތަކަށް ނުރަނގަޅު އަސަރުކޮށް، ރާއްޖެ އާއި ދިވެހިންގެ މަސްލަހަތަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގެއްލުންވާނެ ފިތުނަވެރި އަމަލަކަށްވާތީ

  • ދާހިލީ ނުރައްކާތަކުން ރައްކާތެރިވެ އޮތް މާހައުލެއް ގާއިމްކުރުމަށް ދުރާލާ ފިޔަވަޅު އެޅުމުގެ ބާރާއި މަސްއޫލިއްޔަތު ހަވާލުވެގެންވާ މުއައްސަސާގެ ހައިސިއްޔަތުން އަދި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އާއްމު މަސްލަހަތު ރައްކާތެރިކުރުމަށް 

ޔާމިންގެ ގެ، ހ. ދޫވެހިގައި ނަގާފައި ހުރި 'އިންޑިއާ އައުޓް' ބެނާ ނެގުމަށް އެޕްރީލް 21، 2022 ގައި ފުލުހުން ހަރަކާތްތެރިވަނީ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ދޫވެހީގައި ދަމާފަހުރި ބެނާ ނެގުމަށް ފުލުހުން މިދިޔަ އަހަރުގެ އޭޕްރީލް މަހު ހަރަކާތްތެރިވި ގޮތުގެ ތަފްސީލު ހޯދުމަށާއި އެކަމުގައި ހަރަކާތްތެރިވި ފުލުހުންގެ މައުލޫމާތު ހޯދުމަށް އެދުނީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ދިޔަރެސް ނޫހުގެ އަހްމަދު އަޒާން މަރްޒޫގު އެވެ.

އޭނާ ހޯދަން އެދުނު މައުލޫމާތަކީ:

  • 'އިންޑިއާ އައުޓް' ހަރަކާތް ހުއްޓުވުމަށް ރައީސް އޮފީހުން ނެރުނު ގަރާރަށް ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ ތަފްސީލް 

  • އެ ގަރާރުގެ އިތުރުން، އެ ހަރަކާތް ހުއްޓުވުމަށް ލިޔުމުން ރައީސް އޮފީހުން އަންގާފައިވާ ނަމަ އެ ލިޔުމުގެ ކޮޕީ 

  • މިދިޔަ އަހަރުގެ އެޕްރީލުގައި މާލޭގެ ގެއެއްގައި ދަމާފައިވާ އިންޑިއާ އައުޓް ބެނާތައް ނެގުމަށް ފުލުހުން އެ ގެއަށް ވަންނަން ކޯޓު އަމުރު ހޯދިއިރު، އެކަން ކުރަން ފުލުހުންގެ ތެރެއިން އަމުރުކުރި ފުލުހުންގެ އިސް ވެރިޔާގެ ނަން، އަދި އެކަން ކުރަން އެންގީ ލިޔުމުން ކަމުގައި ވާ ނަމަ އެ ލިޔުމުގެ ކޮޕީއެއް 

  • އެ ގެއަށް ބެނާތައް ކަނޑަން ވަންނަން ހިންގި އޮޕަރޭޝަނުގައި ހަރަކާތްތެރިވި ހުރިހާ ފުލުހުންގެ ނަމާއި ސާވިސް ނަންބަރު އަދި ރޭންކު 

  • ވަކިވަކި ފުލުހުން އޮޕަރޭޝަނުގައި އަދާކުރި ދައުރު، އަދި ބޮޑީ ކެމް އިން އެއްވެސް ފުޓޭޖެއް ނެގިފައިވާ ނަމަ އެ ފުޓޭޖު

  • އޮޕަރޭޝަން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ފުލުހުންގެ ކޮމާންޑަރުގެ ނަމާއި ރޭންކު

ޔާމިންގެ ގެ، ހ. ދޫވެހިގައި ނަގާފައި ހުރި 'އިންޑިއާ އައުޓް' ބެނާ ނެގުމަށް އެޕްރީލް 21، 2022 ގައި ފުލުހުން އެ ގެއަށް ވަނުމުން ސަޕޯޓަރުން އެއްވެ އަޑު އުފުލަނީ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ވީ ކިހިނެއް؟ މި މައުލޫމާތުތަކުގެ ތެރެއިން ފުލުހުން މައުލޫމާތު ހާމަކުރީ ފުރަތަމަ ދެ ސުވާލުގައި ފާހަގަކޮށްފައިވާ މައުލޫމާތެވެ. މައުލޫމާތު ހޯދުމަށް އޭގެ އިތުރުން އެދިފައިވާ ކަންކަމުގައި ވަކިވަކި ފުލުހުންގެ ޒާތީ މައުލޫމާތު ހިމެނޭތީ އެ މައުލޫމާތު ހާމަނުކުރެވޭނެ ކަމަށް ފުލުހުން އަޒާންއަށް އަންގާފައިވެ އެވެ. 

  • އެކަމާ މެދު ހިތްހަމަނުޖެހިގެން އެ މައުލޫމާތު ހޯދުމަށް އެދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް އަޒާން މިދިޔަ އަހަރުގެ 20 ޖުލައިގައި ހުށަހެޅި

  • އެ މައްސަލާގައި އިންފޮމޭޝަން ކޮމިޝަނަރު 31 އޮގަސްޓްގައި ނިންމީ އެއީ ހާމަކުރެވޭނެ މައުލޫމާތުތަކެއް ކަމަށް 

  • އެ މައުލޫމާތު ރަސްމީ ތިން ދުވަހުގެ ތެރޭގައި ދިނުމަށް އެންގި 

ތަފްސީލް - ހައި ކޯޓުން މިއަދު ގޮތް ނިންމާފައިވަނީ، އިންފޮމޭޝަން ކޮމިޝަނަރުގެ އެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ފުލުހުންގެ ފަރާތުން މިދިޔަ އޮކްޓޫބަރު މަސްތެރޭ އިސްތިއުނާފް ކުރި މައްސަލައިގަ އެވެ.

ފުލުހުންގެ ފަރާތުން އެދިފައިވަނީ އިންފޮމޭޝަން ކޮމިޝަނަރު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ (އާރުޓީއައި) ގާނޫނު މާނަކުރައްވައި އެ ގާނޫނުގެ ބައެއް މާއްދާތައް ތަތުބީގުކުރައްވާފައިވަނީ ގާނޫނީ އުސޫލުތަކާއި މާނަކުރުމުގެ ހަމަތަކާ ހިލާފަށް ކަމަށް ކަނޑައަޅައި އެ ނިންމުމުގެ އެ ބައި ބާތިލްކޮށްދިނުމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އެންގުން ބާތިލުކޮށް ހައި ކޯޓުން މިއަދު ނިންމި ނިންމުމުގައި ބުނެފައިވަނީ:

  • އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން ގޯސް ކަމަށް

  • ވަކިވަކި ފުލުހުން އޮޕަރޭޝަންގައި އަދާކުރި ދައުރާއި އޮޕަރޭޝަން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ފުލުހުންގެ ކޮމާންޑަރުގެ ނަމާއި ރޭންކު ފަދަ މައުލޫމާތު ދޫކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުން ގާނޫނާ އެއްގޮތް ކަމަށް ނުފެންނަ ކަމަށް

  • ގޭގެއަށް ވަންނަ އޮފިސަރެއްގެ ނަން ހޯދުމަށް އެ ގެއެއްގެ ވެރިފަރާތުގެ ޝައުގުވެރިކަން ކިތަންމެ ބޮޑަށް އޮތް ނަމަވެސް އާންމު މަސްލަހަތު އޮތީ ވަކިވަކި ފުލުހުންގެ ފުރާނައަށް ނުރައްކާވާ މައުލޫމާތު އާންމުކޮށް ހާމަނުކުރުމުގެ މައްޗަށް

އެނގުން މުހިންމު - ޔާމީންގެ ގޭގައި ދެމި ބޮޑު ބެނާ ފުލުހުން ނެގީ އެފަދަ ބެނާތައް އާންމުންނަށް ފެންނާނެހެން ދެމުން މަނާކޮށް އެކަން ހުއްޓުވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ގަރާރަކުން ފުލުހުންނަށް އަންގަވާފައި އޮއްވަ އެވެ.  

ގުޅުންހުރި - ކްރިމިނަލް ކޯޓުން އަމުރެއް ހޯދައިގެން ފުލުހުން އެ ގެއަށް ވަދެ ބެނާ ނެގި މައްސަލަ ޔާމީންގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި އެވެ. 

އެ މައްސަލާގައި މިދިޔަ އަހަރުގެ މެއި މަހު ހައި ކޯޓުން ނިންމީ: 

  • ދޫވެހީގައި ހުރި ބެނާ ބޭލުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ ގޯސްކޮށް ކަމަށް

  • އެ އަމުރު ނެރެދޭންޖެހޭ އެކަށީގެންވާ ސަބަބެއް އަދި އެ ނިންމުމަށް ވާސިލްވި ސަބަބެއް ކްރިމިނަލް ކޯޓުގެ އަމުރުގައި އެނގެން ނެތް  ކަމަށް

  • ބެނާ ބޭލުމަށް ފުލުހުން ތުހުމަތުކުރި ކުށާއި ފުލުހުން އަމަލުކުރި ގޮތުގައި ވެސް މައްސަލަ ހުރި ކަމަށް

ކޮމެންޓް (1)

ޙަސަން

9 މޭ 2023
އިންފޮމޭޝަން ކޮމިޝަނަރ އަކަސް ނުކުރެވޭނެ ކަންތައްތައް ހުންނާނެ ކަން ދަންނަންވާނެ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް