ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ޖުމްހޫރީ ޕާޓީން އެމްޓީޑީއާ ބައްދަލުކުރުން. (ފޮޓޯ/ޖޭޕީ)
އިންތިހާބުގައި އެމްޓީޑީއާ އެކު ކުރިއަށް ދެވޭނެ ކަމުގެ އުންމީދު އެބަ އޮތް: ޖޭޕީ
އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ)އާ އެކު ކޯލިޝަން ހެދޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބަ އޮތް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޖުމްހޫރީ ޕާޓީން އެކުލަވާލާފައިވާ ރިޔާސީ އިންތިހާބާ ބެހޭ ކޮމިޓީން ރޭ އެ ޕާޓީގެ މައި އިދާރާ، މ. ކުނޫޒުގައި ވަނީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެމްޓީޑީގެ އިސް ބޭފުޅުންނާ ބައްދަލުކޮށްފަ އެވެ.
ތަފްސީލު - އެ ބައްދަލުވުމަށް ފަހު، މީޑިއާއާ ވާހަކަދައްކަވަމުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ، އެ ބައްދަލުވުމަކީ އެ ޕާޓީއާ އެކު ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރަން ބޭނުންވާ ސިޔާސީ ޕާޓީތަކާއި އެ ނޫން ވެސް ސިޔާސީ ބޭފުޅުނަނަށް މަޝްވަރާކުރުމަށް ދިން ދައުވަތުގެ ތެރެއިން، އެމްޓީޑީ ވެސް ހިމަނައިގެން އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
ރޭގެ ބައްދަލުވުމުގައި އޮތީ، ދެ ފަރާތުން ތައާރަފްވެ، ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހެޅުން ކަަމަށް އޭނާ ވިދާޅުވި އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިތުރު ބައްދަލުވުންތައް ބާއްވާނެ ކަމަށް އަމީން ވިދާޅުވި އެވެ.
"ވަރަށް އުންމީދު އެބަ އޮތް މި ފެންނަ މަންޒަރަށް ބަލާއިރު، އެ ބޭފުޅުންނާ އެކު އަޅުގަނޑުމެންނަށް ކުރިއަށް ދިއުމުގެ ފުރުސަތުތަކެއް އޮތް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އޭނާ ވިދާޅުވި އެވެ.
އެމްއެޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޖަލަށް ހުކުމްކޮށް އަދި މިވަގުތު ގޭބަންދުގައި ހުންނެވި އަދީބުގެ އެމްޑީޓީ މިދިޔަ ދުވަސްތަކުގައި ސިޔާސީ ގޮތުން އެހާ ހަރަކާތްތެރިއެއް ނޫނެވެ.
މި ބައްދަލުވުމުގައި އެމްޓީޑީގެ ފަރާތުން ބައިވެރިވެފައި ވަނީ:
-
އަބްދުލް ރަޝީދު ނާފިޒު، ސީނިއާ ކައުންސިލް މެމްބަރު
-
އަހްމަދު އަޝްރަފު (ޝުމްބާ)، ސެކެޓްރީ ޖެނެރަލް
-
މުހައްމަދު ހަލީމް، ލީގަލް އެޑްވައިޒަރު
ނޫސްވެރިންނާ ވާހަކަދައްކަވަމުން ނާފިޒު ރޭ ވިދާޅުވީ، އެ ބޭފުޅުންގެ ފަރާތުން ހުށަހެޅުންތަކެއް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް، އެކަމުގެ މާ ބޮޑު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
"ރާއްޖޭގައި ޖުމްހޫރީ ޕާޓީގެ ވެރިކަމެއް ގާއިމްކުރެވޭ އިރު، އަޅުގަނޑުމެން އެންމެ ދެކެން ބޭނުންވާ ކަމަކީ، ތަފާތު ކުރުމެއް ނެތި، އިންސާފުވެރިކަމާ އެކު ވެރިކަން ކުރެވޭނެ ނިޒާމެއް ރާއްޖޭގައި ގާއިމްވެފައި އޮތުން،" އޭނާ ވިދާޅުވި އެވެ.
ނާފިޒު ވިދާޅުވީ އެމްޓީޑީގެ ފަރާތުން ހުށަހަޅާ ހުށަހެޅުމަކީ ވެސް ހަމަހަމަކަމާ އެކު އިންސާފުން ވެރިކަންކުރާ ކުރުން ކަމަށެވެ. އަދި ކުރިއަށް ހުރި ބައްދަލުވުންތަކުގައި އިތުރު ހުށަހެޅުންތައް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
'އެކަނިވިޔަސް ވާދަކުރާނެ ކަމުގެ ޔަގީންކަން ގާސިމް ވަނީ ދީފައި'
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސީ ރޭހަށް ނުނިކުންނަވާނެ ކަމަށް ވެސް އަޑުތައް ފެތުރިފައިވެ އެވެ. އެ ވާހަކަތައް ދޮގުކޮށް، އެ ކަމަށް ވެސް އަމީން ރޭ ޖަވާބު ދެއްވި އެވެ.
"މި ކަމަށް ޝައްކު އުފައްދަން ބޭނުންވާ ފަރާތްތަކަށް، އެ ޝައްކު އުފެއްދޭތޯ އެ ކުރައްވާ މަސައްކަތް. އެ ބޭފުންގެ އަމާޒަކަށް ވާނީ، އަޅުގަނޑުމެންނާ ދިމާއަށް އެ ވަޑައިގަންނަވަން ތިއްބަވާ ބޭފުޅުން ވަޑައިގަތުން، ފަހަތަށް ޖެއްސުން ނުވަތަ ހުއްޓުވުން،" އެ ފަދަ ވާހަކަތައް ދައްކާ ސަބަބާ ގޫޅޭ އަމީން ވިދާޅުވި އެވެ.
އެ ޝައްކު އުފައްދާ އަނެއް ސަބަބަކީ، އަމީން ވިދާޅުވި ގޮތުގައި، ޖޭޕީން ރިޔާސީ ކެމްޕެއިން ރަސްމީކޮށް އަދި ފަށާފައި ނުވާތީ އެވެ. ކެމްޕެއިން ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީން ވިދާޅުވި ގޮތުގައި، އެކަނި ރިޔާސީ ރޭހަށް ނުކުންނަވަން ޖެހިވަޑައިގަތަސް އެކަން ކުރައްވާނެ ކަމުގެ ޔަގީންކަން ގާސިމް އިއްޔެ ޕާޓީގެ ކައުންސިލް މެމްބަރުންނަށް ވަނީ ދެއްވާފަ އެވެ.
"ގާސިމް ވަރަށް ސާފުކޮށް ވިދާޅުވި، ތިމަންނަ [ރިޔާސީ] ރޭހުގައި ހުންނަވާނެ ކަމަށް، ތިމަންނަ ނުކުންނަން ޖެހެނީ އެކަނިމާ އެކަނި ކަމަށް ވިޔަސް، މިފަހަރުގެ ރޭހުން ފެނިވަޑައިގަންނަވާނެ ކަމަށް. އެހެންވީމާ ގާސިމް އިބްރާހިމް މި ފަހަރުގެ އިންތިހާބުގައި ބައިވެރިވެވަޑައިގަތުމާ ދޭތެރޭ ޝައްކު ނުކުރައްވާ،" އަމީން ވިދާޅުވި އެވެ.