އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު 'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން

މައުލޫމާތު ނުދިނުމުގެ ޝަކުވާތައް މިދިޔަ 16 މަހު ކަންބޮޑުވާ މިންވަރަކަށް އިތުރުވެއްޖެ: އާހިދު

ޝަކުވާތަކުގެ %80 އަކީ އިދާރާތަކުން އެއްވެސް ޖަވާބެއް ނުދީގެން ހުށަހަޅާ ޝަކުވާ

ފާއިތުވި 7 އަހަރަށްވުރެ މިދިޔަ 16 މަހު ހުށަހެޅި މައުލޫމާތު ނުދިނުމުގެ ޝަކުވާތައް އިތުރު ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މީޑިއާ ކައުންސިލް (އެމްއެމްސީ)އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާ ގުޅިގެން ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން މިދިޔަ ބުރާސްފަތީގައި ބޭއްވި "ނޫސްވެރިންގެ ސައްލާ" ގެ ސެޝަނެއްގައި ވާހަކަދައްކަވަމުން އާހިދު ވަނީ ރާއްޖޭގައި މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގު ރަނގަޅަށް ތަންފީޒުނުކުރެވޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ބުނީ ކީކޭ؟ - އާހިދު ވިދާޅުވީ، 2021ގެ ސެޕްޓެމްބަރުގައި އޭނާ އިންފޮމޭޝަން ކޮމިޝަނަރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ކަންބޮޑުވާ މިންވަރަކަށް އިދާރާތަކުން މައުލޫމާތު ހާމަނުކުރާ މައްސަލަ އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިިދިޔަ ހަތް އަހަރު ޝަކުވާ ނުލިބޭ ވަރަށް ފާއިތުވި 16 މަހު މައުލޫމާތު ނުދިނުމުގެ ޝަކުވާތައް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"2022 އިން ފަށައިގެން މިއަދާ ހަމަޔަށް މައުލޫމާތު އިދާރާތަކުން ނުދީގެން އަޅުގަނޑާ ހަމަޔަށް ޝަކުވާ އައިސްފައި ހުރި މިންވަރަކީ އޭގެ ކުރީ ހަތް އަހަރު މައުލޫމާތު ނުދީގެން އިންފޮމޭޝަން ކޮމިޝަނަރަށް ޝަކުވާ އައިސްފައި ހުރި ވަރަށް ވުރެ ގިނަ އަދަދެއް. މި ދައްކަނީ 16 މަހުގެ ވާހަކަ،" އާހިދު ވިދާޅުވި އެވެ.

އެ ޝަކުވާތައް އިތުރުވާ އެއް ސަބަބަކީ އާހިދު ވިދާޅުވި ގޮތުގައި ނޫސްވެރިންނާއި އާއްމު ފަރާތްތަކުން މައުލޫމާތަށް އެދޭ މިންވަރު އިތުރުވުމެވެ. އެކަމަކު ވެސް، މައުލޫމާތަށް އެދޭ މިންވަރަށް ވުރެ މައުލޫމާތު ހާމަނުކުރުމުގެ މައްސަލަތައް އިތުރުކަން ފާހަގަކުރެއްވި އެވެ.

އާހިދު ކަންބޮޑުވުން ފާޅުކުރެއްވި އަނެއް ކަމަކީ، މައުލޫމާތަޢް އެދުމުން، އެއަށް އިދާރާތަކުން އެއްވެސް ޖަވާބެއް ނުދޭ މައްސަލަ އެވެ. އޭނާ ވިދާޅުވީ އެ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކުގެ %80 އަކީ އިދާރާތަކުން އެއްވެސް ޖަވާބެއް ނުދީގެން ހުށަހަޅާ ޝަކުވާތައް ކަމަށެވެ.

އާހިދު ވިދާޅުވީ ރާއްޖޭގައި އޮންނަ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނަކީި ދުނިޔޭގެ ފެންވަރުގައި ވެސް ވަރަށް ރަނގަޅު ގާނޫނެއް ކަމަށެވެ. އެހެން ނަމަވެސް އެ ގާނޫނު ތަންފީޒުނުކުރެވޭ ނަމަ، އޭގެ ބޭނުމެއް ނޯންނާނެ ކަމަށް އާހިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެހެން ގާނޫނު ތަކުގެ ވާހަކަ ދައްކާއިރު ވެސް ބުނާ ވާހަކައެއް އެއީ، ކަރުދާހުގައި ކިތަންމެ ރަނގަޅު ގާނޫނެއް ލިޔެވިފައި އޮތަސް، ފާސްކުރެވިފައި އޮތަސް އެ ގާނޫނު ރަނގަޅަށް ނުހިންގާ  ކަމަށްވަންޏާ އެއީ ބޭނުންނެތް އެއްޗެކޭ. އެކަހަލަ ނިޝާންތަކެއް ފެންނަން ފަށާފައި މިއޮތީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގަށް،" އާހިދު ވިދާޅުވި އެވެ.

ކޮމެންޓް (1)

ފިލާ

7 މޭ 2023
މިއީ ކަމުދާމީހެއް ނޫން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް