ދިވެހި ފުލުހުންގެ ހިދުމަތުގެ 90 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އިމްރާން ވާހަކަދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް

ޖަލުތަކުގައި މިހާރު ގައިދީންނަށް އަނިޔާއެއް ނުލިބޭނެ: އިމްރާން

ފުލުހެއްގެ ކިބައިން އެއްވެސް ރައްޔިތަކަށް އަނިޔާއެއް ލިބުމަކީ އެއްވެސް ހައިސިއްޔަތަކުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިމްރާން ވިދާޅުވި

ރާއްޖޭގެ ޖަލުތަކުގައި ތިބޭ ގައިދީންނަށް މިހާރު އަނިޔާއެއް ނުލިބޭނެ ކަމަށާއި އެފަދަ އަނިޔާއެއް ދީފި ނަމަ އެ އޮފިސަރަކާ މެދު ފިޔަވަޅު އަޅަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ދިވެހި ފުލުހުންގެ ހިދުމަތުގެ 90 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ބޭއްވި ރަސްމިޔާތުގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ، ފުލުހުންނާ މެދު ރައްޔިތުންގެ ގިނަ ޝަކުވާތަކެއް އެބަހުރި ކަމަށާއި އިތުރަށް ކުރާ އުންމީދުތަކެއް ވެސް އެބަހުރި ކަމަށެވެ.

ބުނީ ކީކޭ؟ - ބައެއް އޮފިސަރުންގެ ކިބައިން ރައްޔިތުންނަށް ބައެއް ފަހަރު އަނިޔާތަކާއި ގެއްލުންތައް ލިބޭކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ، ފުލުހެއްގެ ކިބައިން އެއްވެސް ރައްޔިތަކަށް އަނިޔާއެއް ލިބުމަކީ "އެއްވެސް ހައިސިއްޔަތަކުން ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށެވެ.

"މިއަދު ކުރިއާ ހިލާފަށް ޖަލުތަކުގައި ބަންދުކުރެވޭ މީހުންނަށް ވަރަށް މަދު ފަހަރަކު ނޫނީ އަނިޔާއެއް ލިބޭ ހަބަރު އަޅުގަނޑުމެންނަކަށް ނުލިބޭ. އެފަދަ މައުލޫމާތެއް ލިބިއްޖެ ނަމަ، އަޅުގަނޑު ކޮމިޝަނަ އާއި ކޮމިޝަނަރުގެ ޓީމާ އެކު އަޅަން ޖެހޭ ފިޔަވަޅު އަޅަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ގެންދާނީ ވެސް އެހެން،" އޭނާ ވިދާޅުވި އެވެ.

އިމްރާން އިތުރަށް ވިދާޅުވީ:

  • އަނިޔާ ލިބޭ މީހާގެ ދުއާއާ ދޭތެރޭގައި ރައްކާތެރިވެ، ބިރުވެތިވުމަށް އިސްލާމް ދީނުގައި އަންގަވާފައިވޭ

  • މާތްﷲ އާއި އަނިޔާ ލިބޭ މީހާގެ ދުއާ މެދު އެއްވެސް ހުރަހެއް ނުވާ ކަމަށް ދީން ދަސްކޮށްދީފައިވޭ

  • ފުލުހުންގެ ކިބައިން ރައްޔިތަކަށް އަނިޔާއެއް ލިބިގެން ނުވާނެ

  • ފުލުހެއްގެ ކިބައިން ރައްޔިތަކަށް އަނިޔާއެއް ނުލިބޭކަން ކަށަވަރުކުރުމަށް މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ހާއްސަ އިސްކަމެއް ދިނިން

  • މިއަދު އެ ކަމުގެ ހެޔޮ ނަތީޖާ އެބަ ފެނޭ؛ ޖަލުތަކުގައި އަނިޔާކުރާ ހަބަރުތައް މިހާރު މަދުފަހަރަކު ނޫނީ ނުލިބޭ

ނުރައްކާތެރި ހާލަތަކާ ކުރިމަތިލާއިރު، ކުށްކުރާ މީހާއަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ނުދީ، އޭނާގެ އިންސާނީ ކަރާމާތާއި އިއްޒަތަށް އަސަރުނުކުރާ ގޮތަށް ގާނޫނު ތަންފީޒުކުރުމަކީ ފުލުހުން ކުރަން ޖެހޭ ކަމެއްކަން އިމްރާން ފާހަގަކުރެއްވި އެވެ.

'ޖަލުތަކަށް ވުރެ ފުލުހުން ތިބޭ ތަންތަނުގެ ހާލު ނިކަމެތި'

ރޭގެ ހަފްލާގައި އިމްރާން ވިދާޅުވީ، ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރާތްކުރައްވައި އަތޮޅުތެރޭގައި ގާއިމުވެގެން ތިބޭ ފުލުހުންނާ ބައްދަލުކުރައްވާފައިވާނެ ކަމަށެވެ. އެ ބައްދަލުވުންތަކުގައި ފުލުހުންގެ ދިރިއުޅުމާއި މަސައްކަތުގެ މާހައުލުގައި ނިދަން ޖެހޭ ތަނަށް ބަލައިލުމުން "އަސަރުން ފުރޭ" ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް މިއަދު ބުނެވިދާނެ ޖަލުގެ ހާލަތު ރަނގަޅުކޮށް ތިބޭ ގައިދީންނަށް ވުރެ އަތޮޅުތެރޭގައި ތިބޭ ފުލުހުން ނިދައި ކައިބޮއި ހަދަން ޖެހޭ ތަނުގެ ހާލު ބޮޑު. އެހެން ނަމަވެސް، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ކޮންމެ ދުވަހަކު އެ ކުރާ މަސައްކަތަކީ އަޅުގަނޑުމެން ބަލައިގަންނަން ޖެހޭ ކަމެއް،" އިމްރާން ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް