ޖޯލި މޯލްޑިވްސް ރިސޯޓުގެ ޓީމުން ނަގާފައިވާ ގޯސްޓް ނެޓް | ފޮޓޯ: އޮލިވް ރިޑްލީ ޕްރޮޖެކްޓް

އެއްލާލާފައިވާ ޓަނަކަށް ވުރެ ބަރު ދަލެއް ރާއްޖޭގެ ފަރަކުން ނަގައިފި

މި ދާ ނަގާފައި ވަނީ ޖޯލި މޯލްޑިވްސް ރިސޯޓުގެ ޓީމަކުން ކުރި 7 ގަޑިއިރުގެ މަސައްކަތުން
22 އޭޕްރީލު 2023

ރާއްޖޭގެ ފަރަކުން ޓަނަކަށް ވުރެ ބަރު ކަމަށް އަންދާޒާ ކުރެވޭ، އެއްލާލާފައިވާ ބޮޑު ދަލެއް ނުވަތަ 'ގޯސްޓް ނެޓް'އެއް ނަގައިފި އެވެ.

އެނގުން މުހިއްމު - ގޯސްޓް ނެޓަކީ ކަނޑަށް ގެއްލިފައިވާ ނުވަތަ ދޫކޮށްލާފައިވާ ބޮޑެތި ދަލެވެ.

  • މިފަދަ ދަލުގައި ތާށިވެ، ގިނަ އަދަދެއްގެ ކަނޑުގެ ދިރުންތަކަށް އަނިޔާވެ، މަރުވޭ

  • ރާއްޖޭގައި ވެސް މިފަދަ ދަލުގައި ތާށިވެގެން ވެލާ ކަހަނބުގެ ބާވަތްތަކާއި މަންތާ ރޭ އާއި އެހެނިހެން ދިރުންތަކަށް އެކިއެކި ގެއްލުންތައް ލިބެމުންދޭ

  • ފަރުތައް ފަދަ ނާޒުކު ތިމާވެށީގެ ނިޒާމުތަކަށް ވެސް މިފަދަ ދަލުގެ ސަބަބުން ވަރަށް ބޮޑު އަސަރު ކުރޭ 

  • މުރަކަތަކުގައި ދާ އޮޅުމުގެ ސަބަބުން އިރުގެ އަލި ނުލިބި، މުރަކަ މަރުވާންވެސް ދިމާވޭ

ވީ ކިހިނެއް؟ - ވެލާ ކަހަނބު ހިމާޔަތްކުރަން މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ އޮލިވް ރިޑްލީ ޕްރޮޖެކްޓް (އޯއާރުޕީ) އިން އިއްޔެ ބުނި ގޮތުގައި، މި ދާ ނަގާފައިވަނީ ޖޯލި މޯލްޑިވްސް ރިސޯޓުގެ ޓީމަކުންނެވެ.

ހަތް ގަޑިއިރުގެ މަސައްކަތުން ރާއްޖޭގެ ތިލަ ފަރަކުން އެ ދާ ނަގާފައިވަނީ ފަތާފައި ފުން ހިސާބަކަށް އެ ދާ ގެންދިއުމަށް ފަހު، ކަފު ޖަހައިގެން ރިސޯޓާ ހަމައަށް ގެންގޮސްގެން ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

ޖޯލި މޯލްޑިވްސް ރިސޯޓުގެ ޓީމުން ނަގާފައިވާ ދާ. (ފޮޓޯ/އޮލިވް ރިޑްލީ ޕްރޮޖެކްޓް)

ދާ މޫދުން ނެގުމަށް ފަހު އެ ދާގެ އެކިއެކި ސާމްޕަލް ނަގައި މައުލޫމާތު އެއްކޮށްފައިވާ ކަމަށް އޯއާރުޕީން ބުންޏެވެ. އެކަމުގެ ސަބަބުން މޫދަށް ދޫކޮށްލާފައިވާ އެކިއެކި ސާމާނު ނައްތާލުމަށް ކުރާ މަސައްކަތުގައި ކުރިއެރުންތަކެއް ލިބޭނެކަން އެ ޖަމިއްޔާ އިން ފާހަގަކުރި އެވެ.

ރާއްޖޭގެ ސަރަހައްދެއްގައި މި ގޮތަށް ދޫކޮށްލާފައިވާ ދަލެއް ފެނިއްޖެ ނަމަ އޯއާރުޕީގެ ވެބްސައިޓް މެދުވެރިކޮށް އެކަން ރިޕޯޓުކުރަން އެ ޖަމިއްޔާ އިން ވަނި އެދިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް