ރޮޒެއިނާ އާއި ހުސެއިން: ނަޝީދާ ބެހޭ ގޮތުން ގެންދަވަނީ ފާޑުވިދާޅުވަމުން

ނަޝީދަށް ސެކިއުރިޓީ ދިނުމާ ދެކޮޅަށް ވާހަކަދައްކަވާތީ ރޮޒެއިނާ އާއި ހުސެއިންގެ މައްސަލަ ފުލުހަށް

ނަޝީދުގެ ގާތް މެމްބަރެއް ކަމަށްވާ އިމްތިޔާޒު ފަހުމީ ވިދާޅުވީ ނަޝީދާ ދެކޮޅަށް ނުރައްކާތެރި ހަމަލާއެއް ރާވަމުން ދާކަމަށް ބެލުމުގެ ޖާގަ އެބަ އޮތް ކަމަށް
20 އޭޕްރީލު 2023

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދައުލަތުން ސެކިއުރިޓީ ފޯރުކޮށްދިނުމާ ދެކޮޅަށް ވާހަކަދައްކަވާކަމަށް ބުނެ، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމްގެ މައްސަލަ ފުލުހުންނަށް މިއަދު، އެމްޑީޕީގެ އެހެން މެމްބަރެއް ކަަމަށްވާ އިމްތިޔާޒު ފަހުމީ ހުށަހަޅުއްވައިފި އެވެ.

ވީ ކިހިނެއް؟- ނަޝީދުގެ 'ފިކުރެއްގެ ދިރުން' އަށް ނިސްބަތްވެވަޑައިގަންނަވާ އިމްތިޔާޒް އެ މައްސަލަ މި ހުށަހެޅުއްވީ ނަޝިދަށް ސެކިއުރިޓީ ދިނުމާ ދެކޮޅަށް އިއްޔެ މަޖިލީހުގެ ޖަލްސާގައި ހުސެއިން ވާހަކަދެއްކެވި ފަހުންނެވެ. ހުސެއިން ވިދާޅުވީ ނަޝީދުގެ ސެކިއުރިޓީއަށް އެކަނި ދައުލަތުން ބޮޑު ހަރަދެއް ކުރަން ޖެހޭ ކަމަށެވެ. މީގެ ކުރިން ވެސް އޭނާ އެކަން ފާހަގަކުރެއްވިއިރު، ނަޝީދުގެ ސެކިއުރިޓީއަށް ކުރާ ހަރަދަކީ ދައުލަތަށް އުފުލޭވަރުގެ ބުރައެއް ނޫން ކަމަށް ދޭހަވާ މޭރުމުން މީގެ ކުރިން ރޮޒައިނާ ވަނީ ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރައްވައިފަ އެވެ.

ތަފްސީލް- ފުލުހުންނަށް އިމްތިޔާޒް ފޮނުއްވި ސިޓީގައި، އެނާ ފާހަގަކުރެއްވި ކަންކަމަކީ:

  • 6 މެއި 2021ގައި ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާ ދިން މައްސަލައިގައި އެމަނިކުފާނަށް އަދިވެސް އިންސާފު ލިބިވަޑައިނުގަންނަވާ ކަމަށް

  •  އެ މައްސަލަ މޮނީޓާ ކުރެއްވުމަށް ރައީސް ކަނޑައަޅުއްވާފައިވާ ހާއްސަ މަންދޫބު އައްބާސް ފާއިޒު ވެސް އެ ކަންބޮޑުވުން ފާޅުކުރައްވާފައި

  • އެ ހަމަލާ ރައްދުވީ، ނަޝީދުގެ ހަށިކޮޅަށް ނުރައްކާ އޮތް މިންވަރު 'ކްރިޓިކަލް' ލެވެލްގައި ވަނިކޮށް، އެ ހަމަލާއިން ރައްކާތެރިކަން ފޯރުކޮށްނުދެވުމުންކަން އިންކުއަރީ ރިޕޯޓުން އެނގޭ ކަމަށް

ނަޝިދަކީ މީގެ ކުރިން ރާއްޖޭގެ ރައީސްގެ މަގާމު އަދާކުރެއްވި ބޭފުޅެއް ކަމާއި، މިއަދު އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ފާހަގަކުރައްވަމުން އިމްތިޔާޒް ވިދާޅުވީ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ގާނޫނުން ލަޒިމުކޮށްފައިވާއިރު ވެސް، ސަރުކާރާ ގާތް ގުޅުން އޮންނަ ބައެއް ބޭފުޅުން އެކަމާ ދެކޮޅަށް ވާހަކަދައްކަވަމުން ގެންދަވާ ކަމަށެވެ. އެއީ، އިމްތިޔާޒް ވިދާޅުވާ ގޮތުގައި، މަޖިލީހުގެ 241 ކޮމިޓީގެ ނައިބު މުގައްރިރު ހުސެއިން ޝަހީމް އާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު ރޮޒެއިނާ އެވެ.

ނަޝީދަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދެކޮޅުހައްދަވައި އަދި އެކަން ހުއްޓުވަން ބާރުއަޅުއްވާ މޭރުމުން އެކި ފޯރަމްތަކުގައި ތަކުރާރުކޮށް ވާހަކަދައްކަވަމުން ގެންދަވަނީ، އިމްތިޔާޒް ތުހުމަތުކުރެއްވި ގޮތުގައި، އެކަމުގައި ނުބައި ރޭވުމެއް އޮތުމުންނެވެ.

ރޮޒެއިނާ އާއި ހުސެއިންއާ ގުޅިގެން އޭނާ ވިދާޅުވީ:

  • އެއީ ނަޝީދާ މެދު މަތީ ދަރަޖައެއްގެ ރުޅިވެރިކަމާއި ނަފުރަތު އޮންނަކަން އެނގޭ ގޮތަށް ބަސްތައް ރައްދުކުރައްވާ ދެ ބޭފުޅުން

  • ތުރެޓުގެ މިންވަރު އެންމެ މަތީ ލެވެލްގައި ހުރި ބޭފުޅަކަށް ގާނޫނީ ގޮތުން ލާޒިމްކުރާ ސެކިއުރިޓީ ފޯރުކޮށްދިނުމާ މެދު ފާޑުވިދާޅުވެ، އެކަމަށް ދެކޮޅުހައްދަވައި ތަކުރާރުކޮށް ވާހަކަދައްކަވަން ޖެހޭ އިތުރު ސަބަބެއް އޮންނާނެ ކަމަކަށް ގަބޫލުނުކުރެވޭ

  • އެގޮތަށް ވާހަކަ ދައްކަވަނީ އެމަނިކުފާނުގެ ސެކިއުރިޓީ ދަށްކުރުމުގެ ބޭނުމުގައި

  • ސެކިއުރިޓީ ދަށްކުރުން އެ ބޭފުޅުންނަށް ކާމިޔާބު ވެއްޖެ ނަމަ، އެމަނިކުފާނު އިތުރަށް ނުރައްކަލަކަށް ހުށަހެޅިގެންދާނެކަން އެ ބޭފުޅުންނަށް ޔަގީންވާތީ ކަމަށް

"އެހެންކަމުން މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އިތުރު ހަމަލާއެއް ދިނުމަށް ފަހިކުރުމުގެ ނުބައި ނިޔަތެއްގައި ހީލަތްތެރިކަމާ އެކު ދުރާލާ ރާވަމުންދާ ރޭވުމެއް ނުވަތަ ޓެރަރިޒަމްގެ ކުށެއްގެ އަމަލު ހިންގުމަށް ތައްޔާރުވުމުގެ އަމަލެއް ކަމުގައި ބެލުމުގެ ޖާގަ އޮތް ކަމަކަށް ވާތީ، މި ކަންބޮޑުވުން އަޅުގަނޑުގެ އޮންނާތީ މިކަމުގެ ހަގީގަތް ބައްލަވައިދެއްވުމަށާއި ޖިނާއީ އަމަލެއް އެކުލެވޭ ނަމަ އަވަސް ފިޔަވަޅު އަޅުއްވައި ދެއްވުމަށް އެދި ދެންނެވީމެވެ،" އިމްތިޔާޒްގެ ސިޓީގައި ވިދާޅުވި އެވެ.

ގުޅުން ހުރި ކަމެއް- މިދިޔަ އަހަރުގެ މެއި މަހު ރައްޔިތުން މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި މެމްބަރުން ދެއްކެވި ވާހަކަތަކެއްގެ ތެރެއިން ނަޝީދު ވަަނީ އެ މައްސަލަ ބެލުމަށް އެމްޑީޕީ ތެރޭގައި އުފެއްދި ކޮމިޓީ އާއި، މަޖިލީހުގެ 241 ކޮމިޓީއަށް ހުސެއިން ހުރަސްއެޅުއްވި ކަމަށް ތުހުމަތުކުރައްވާފަ އެވެެ. އެ ތުހުމަތުތަކަށް ފަހު ނަޝީދު ވިދާޅުވެފައި ވަނީ، "ތިޔަ ބޭފުޅާގެ އަތުގައި ކޭއްތިފައި ތިޔަ ވަނީ އަޅުގަނޑުގެ ލޭ" ކަމަށެވެ. އެކަމަކު މި މަހުގެ 5 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވެފައިވަނީ ހަމަލާއާ ގުޅިގެން ހުސެއިންގެ އިސްތަށިފުޅުގައި އެއްވެސް އިލްޒާމެއް އަޅުވާފައިނުވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން-


އިތުރު އާޓިކަލް

އިތުރު އާޓިކަލް