13 ޖެނުއަރީ 2023: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ފަތުރުވެރިން ހަރަކާތްތެރި ވަނީ. މެލޭރިއާއަށް ޕޮޒިޓިވްވެފައިވަނީ ރާއްޖެ އައި ބިދޭސީއެއް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެޗްޕީއޭ

ރާއްޖެ އައި މީހަކު މެލޭރިއާއަށް ޕޮޒިޓިވް؛ އާންމުންނަށް ނުރައްކަލެއް ނެތް: އެޗްޕީއޭ

މެލޭރިއާ ފަތުރާ ބާވަތުގެ މަދިރި ރާއްޖޭގައި ނޫޅޭތީ ބަލި ފެތުރުމުގެ އެއްވެސް ބިރެއް ނެތް ކަމަށް އެޗްޕީއޭއިން ބުނި
18 އޭޕްރީލު 2023

ރާއްޖެ އައި ބިދޭސީއަކު މެލޭރިއާއަށް ޕޮޒިޓިވް ވެފައިވީ ނަމަވެސް އެކަމުގެ ސަބަބުން މެލޭރިއާ އައުޓްބްރޭކެއްގެ އެއްވެސް ނުރައްކަލެއް ނެތް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ބުނީ ކީކޭ؟ - އެޗްޕީއޭގެ އެސިސްޓަންޓް ހެލްތު ޕްރޮގްރާމް އޮފިސާ އައިޝަތު ލުބާނާ މިއަދު 'ދައުރު' އަށް ވިދާޅުވީ ރާއްޖެއިން ފެނިފައިވާ މެލޭރިއާ ކޭސް އަކީ "އިމްޕޯޓަޑް ކޭސް"އެއް ކަމަށާއި އެފަދަ ކޭސްތައް ދޭތެރެ ދޭތެރެއިން ފާހަގަކުރެވޭ ކަމަށެވެ. 

އެހެންނަމަވެސް، މެލޭރިއާ ފަތުރާ މަދިރި އަކީ ރާއްޖޭގައި އުޅޭ މަދިރީގެ ބާވަތަކަށް ނުވުމުން ބަލި ފެތުރުމުގެ އެއްވެސް ބިރެއް ނެތް ކަމަށް ލުބާނާ ވިދާޅުވި އެވެ. އަދި "މިއީ މެލޭރިއާގެ އައުޓްބްރޭކެއް ކަމަކަށް ނުބެލެވޭނެ" ކަން ފާހަގަކުރެއްވި އެވެ.

ބަލި ފެތުރުމުގެ ރިސްކެއް ނެތުމުން ކަމާބެހޭ ފަރާތްތަކުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަނީ، ލުބާނާ ވިދާޅުވި ގޮތުގައި، ބަލިޖެހިފައިވާ ފަރާތަށް ފަރުވާ ފޯރުކޮށްދިނުމުގެ މަސައްކަތެވެ.

އެނގުން މުހިއްމު - ރާއްޖެއިން މެލޭރިއާ ނައްތާލެވިފައިވަނީ 1970ގެ އަހަރުތަކުގަ އެވެ. އޭގެ ފަހުން މެލޭރިއާގެ އެއްވެސް އައުޓްބްރޭކެއް ނައިސް 30 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވުމުން، ރާއްޖެއަކީ 'މެލޭރިއާ ފްރީ' ގައުމެއްކަން ފާހަގަކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ 2015 ވަނަ އަހަރު ރާއްޖެއަށް ހަނދާނީ ފިލައެއް އަރުވާފަ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ދާދިފަހުން ރާއްޖެއިން ނައްތާލެވިފައިވާ ހިމަބިއްސަށް ކުއްޖަކު ޕޮޒިޓިވްވެ، އައުޓްބްރޭކެއްގެ ގޮތުގައ އެޗްޕީއޭ އިން އިއުލާނުކޮށްފައިވެ އެވެ. އެއާ އެކު ހިމަބިހި ޖެހިފައިވާ ކުއްޖާގެ ކޮންޓެކްޓް ޓްރޭސިން ހަަދައި ކޭސް ފެނުނު ސަރަހައްދުގެ ކޮމިއުނިޓީ ސާވޭ ކުރިއަށް ގެންދިޔަ އެވެ.

ނަމަވެސް އޭގެ ފަހުން އަދި މިހާތަނަށް އިތުރު ހިމަބިހީގެ ކޭހެއް ފެނިފައެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް