މަނަދޫގައި އުމުރުން ދުވަސްވީ މީހަކު މަރާލާފައި އޮއްވާ ފެނުނު ގެ ހުންނަ ސަރަހައްދު ބަންދުކޮށްފައި. (ދައުރު ފޮޓޯ

ނައީމާގެ މަރުގައި ޝައްކުކުރެވޭ ބަޔަކު އަދި ނެތް؛ ތަހުގީގަށް ކުރިއެރުމެއް ނުލިބޭ

ފުލުހުންގެ އިސް އޮފިސަރަކު ވިދާޅުވީ ތަހުގީގު ކުރިއަށް ގެންދަނީ ކޮންމެ މީހަކީ ވެސް ޝައްކުކުރެވޭ މީހެއްގެ ގޮތުގައި ބަލައިގެން ކަމަށް

ނ. މަނަދޫގައި ދުވަސްވީ މީހަކު ދިރިއުޅެމުންދިޔަ ގޭތެރޭގައި މަރާލާފައި އޮއްވާ ފެނުނު މައްސަލައިގައި ޝައްކުކުރެވޭ މީހަކު ނުވަތަ ބަޔަކު މިހާތަނަށް ދެނެގަނެވިފައި ނުވާކަން 'ދައުރު'އަށް އެނގިއްޖެ އެވެ.

ވީ ކިހިނެެއް؟ - ނައިމާ މޫސާ، 62، ދިރިއުޅެމުންދިޔަ އަންނާރުމާގޭގައި އޭނާ މަރާލާފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހު އެވެ.

  • އޭނާގެ ހަށިގަނޑުގެ އެތައް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވޭ؛ ތޫނު އެއްޗަކުން ކަރުގައި އަޅާފައި ހުރި ކަމުގެ ނިޝާންތަކެއް ވެސް ހުރި

  • މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމްސް ޑިޕާޓްމެންޓުގެ ޓީމެއް އެ ރޭ ދަންވަރު މަނަދުއަށް ދިޔަ

  • ޕޯސްމޯޓަމް ހަދަން ޖެހޭ ސަބަބެއް ނެތް ކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމުމުން، ޖެހިގެން އައި ދުވަހުގެ ނައީމާ ވަނީ އެ ރަށުގައި ވަޅުލާފައި

  • ނައީމާ ދިރިއުޅުނު ގޭގެ އިތުރުން، އެ ރަށުގެ ހަތަރު ގެއެއް މިހާތަނަށް ބަލާފައިވޭ؛ އޭގެ ތެރޭގައި ބިދޭސީން ދިރިއުޅޭ ގެއަކާއި ފަޅު ގެއެއް ވެސް ހިމެނޭ

ތަފްސީލް - އިތުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ނަައީމާ ދިރިއުޅެމުންދިޔަ ގެއިން ތަހުގީގަށް ބޭނުންވާ ބައެއް ތަކެތި ފުލުހުން ގެންގޮސްފައި ވިޔަސް، ފަހުން ބަލައި ފާސްކުރި ތަންތަނުން އެއްވެސް އެއްޗެއް ގެންގޮސްފައެއް ނުވެ އެވެ.

ނަމަވެސް، އެތަކެއްޗާ ގުޅޭ ގޮތުން ފުލުހުންގެ އަދި އެެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.

މަނަދޫގައި އުމުރުން ދުވަސްވީ މީހަކު މަރާލާފައި އޮއްވާ ފެނުނު ގެ ހުންނަ ސަރަހައްދު ބަންދުކޮށްފައި. (ދައުރު ފޮޓޯ

ބުނީ ކީކޭ؟ - ނަން ހާމަނުކުރަން އެދިވަޑައިގެން ވާހަކަދެއްކެވި ފުލުހުންގެ އިސް އޮފިސަރަކު މިއަދު 'ދައުރު'އަށް ވިދާޅުވީ، ތަހުގީގު ކުރިއަށް ގެންދަނީ ކޮންމެ މީހަކީ ވެސް ޝައްކުކުރެވޭ މީހެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ. އެކަމަކު މިހާތަނަށް ނައީމާ މަރާލި ކަމަށް އަދި މަރާލުމުގައި ބައިވެރިވި ކަމަށް ޝައްކުކުރެވޭ ވަކި މީހަކު ނުވަތަ ބަޔަކު ތަހުގީގަށް ފާހަގަވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާތަނަށް ނެތް އެއްވެސް އިތުރު ކުރިއެރުމެއް. އެއްވެސް މީހަކަށް އަދި ތުހުމަތެއް ވެސް ނުކުރެވޭ،" އޭނާ ވިދާޅުވި އެވެ.

މައްސަލައިގެ ހުލާސާ

މަނަދޫ ކައުންސިލުގައި ވަޒީފާގައި، ރަށުތެރެ ސާފުކުރާ މީހެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ ނައީމާ މަރާލާފައި އޮއްވާ ފެނުނީ އޭނާ މަސަައްކަތަށް ނުދާތާ ދެ ދުވަސް ވުމުން، އޭނާ ދިރިއުޅެމުން އައި ގެ ބެލުމުންނެވެ. އެގޮތުން:

  • ގޭގެ ދޮރު ވައްޓާލައިގެން ބެލިއިރު، ނައީމާ އޮތީ ތަޅުންގަނޑުގައި ވެއްޓިފައި ކަމަށް ފުލުހުން ބުނެފައިވޭ

  • އޭނާގެ ހަށިގަނޑުން ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ގިނަ ޒަހަމުތަކެއް ފެނުނު

  • ރަށަށް އަރާފޭބުން މަނާކުރި

  • ފުލުހުންގެ ތަހުގީގު ޓީމެއް އެ ރަށަށް ގޮސް، ތަހުގީގު ފެށި

  • ޕޯސްމޯޓަމް ހަދަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ ނައީމާ ވަޅުލި

  • މަރުގައި "ތުހުމަތު ކުރެވޭ ކަންތައްތަކެއް" ހުރިކަން ފާހަގަކޮށް، މައްސަލަ ތަހުގީގުކުރަމުން ދަނީ "ހޮމިސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި" ކަމަށް ފުލުހުން ބުނެފައިވޭ

ކޮމެންޓް (1)

އެމް.ސީ.ބީ ހަމީދާ

12 އޭޕްރީލު 2023
ނައީމާގެ މަރުގެ ތަހުގީގު ހުއްޓާލާފަ ފުލުހުން އެންމެ އިސްކަމެއް ދީގެން މިހާރު ތަހުގީގު ކުރިޔަށް ދަނީ “ ނަން ހާމަނުކުރަން އެދިވަޑައިގެން ވާހަކަދެއްކެވި ފުލުހުންގެ އިސް އޮފިސަރަކު“ ހޯދުމުގެ މަސައްކަތް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް