ފ. މަގޫދޫ ކައުންސިލާއި އަންހެނުންގެ ކޮމިޓީއިން ކާށި ހޮވައި، ރައްޔިތުންނަށް ހަދިޔާ ކުރުމަށް ބަހައްޓާފައި (ފޮޓޯ/ މަގޫދޫ ކައުންސިލް

ގްރީން ފަންޑް

ކާށި ލިބުން ދަތިވާ މައްސަލަ ހައްލުކުރަން ގްރީން ފަންޑުން ހަރަދު ކުރަނީ

ގްރީން ފަންޑުން އެކަމަށް މިހާތަނަށް 5 ލައްކަ ރުފިޔާ ވަނީ ހަރަދުކޮށްފައި
9 އޭޕްރީލު 2023

ރާއްޖޭގެ ރުއްތައް ހަލާކުވެ ކާއްޓަށް ޖެހުމާ ގުޅިގެން އެ މައްސަލަ ހައްލުކުރަން ގްރީން ފަންޑުން ހަރަދުކުރަން ފަށައިފި އެވެ.

ގްރީން ފަންޑަކީ ކޮބާ؟ - އެ ފަންޑަކީ ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ގެއްލުންތަކުން ސަލާމަތްވުމާއި ވިލުންވެރިކަން ނުވަތަ ރެޒިލިއަންސް ގާއިމްކުރުމަށް ކުރަން ޖެހޭ ހަރަދުތައް ކުރަން ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ.

  • އެ ފަންޑަށް ޖަމާކުރަނީ ޓޫރިސްޓުންގެ އަތުން ނަގާ ގްރީން ޓެކްސް 

  • އެ ފަންޑުން އާންމުކޮށް ހިންގަނީ ރަށްރަށުގެ ފެނާއި ނަރުދަމާ ގާއިމްކުރުން އަދި ރަށް ގިރާ ސަރަހައްދުތައް ހިމާޔަތް ކުރުމުގެ މަޝްރޫއުތައް 

ވީ ކިިހިނެއް؟ - ފިނޭންސް މިނިސްޓްެރީއިން އެންމެ ފަހުން އާންމުކޮށްފައިވާ ގްރީން ފަންޑުގެ ރިޕޯޓްތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ކާށި މަދުވުމުގެ މައްސަލަ ހައްލުކުރަން މިދިޔަ ނޮވެމްބަރު މަހުން ފެށިގެން އެ ފަންޑުން އަންނަނީ ހަރަދު ކުރަމުންނެވެ. އެގޮތުން: 

  • ޖުމްލަ 567،370.52ރ. ފަންޑުން އެކަމަށް ހަރަދުކޮށްފި

  • އެންމެ ބޮޑު އެއްޗެއް ހަރަދުކުރީމިދިޔަ ޑިސެމްބަރުގައި؛ އެ މަހު 320،401ރ. ހަރަދުކުރި

  • ނޮވެމްބަރުގައި 183،668.65ރ. ހަރަދުކުރި

  • ޖެނުއަރީ، ފެބުރުއަރީ މަހުވެސް އެވްރެޖްކޮށް 31،650ރ. އެކަމަށް ހަރަދުކޮށްފައިވޭ 

އެ ފައިސާ ސީދާ ހަރަދުކުރަނީ ކޮން ކަންތައްތަކަށް ކަމެެއް ސާފެއް ނުވެ އެވެ. މިފަހުން ވަނީ އިންޑިއާގެ ކެރެލާއިން ރާއްޖެއަށް 5،000 ރުއް ގެނެސްފަ އެވެ. 

އެނގުން މުހިންމު - ރާއްޖެއިން ކާށި ލިބުން މަދުވެ އަގުބޮޑުވުމާ ވިދިގެން ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯއިން ވަނީ ކާށި ޝިޕްމަންޓެއް ރާއްޖެ އެތެރެކޮށް ވިއްކަން ފަށައިފަ އެވެ. 

ކާށި ލިބުން ދަތިވެގެން އުޅެނީ ރުއްތަކަށް ބައްޔެއް ޖެހި ވަރަށް ގިނަ ރަށްރަށުގެ ރުއްތައް ހަލާކުވުމާ ގުޅިގެންނެވެ.

ގްރީން ފަންޑުގައި 825.9 މިލިއަން ރުފިޔާ 

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފެބުރުއަރީ މަސް ނިމުނު އިރު، ގްރީން ފަންޑުގައި 825.9  މިލިއަން ރުފިޔާ އެބަ ހުއްޓެވެ. އަދި އެ ފަންޑުން ވަނީ 65.9 މިލިއަން ރުފިޔާ ފެބުރުއަރީ މަހުވެސް ހަރަދުކޮށްފަ އެވެ. އެ ފަންޑުން ކުރި ބޮޑެތި ހަރަދުތަކަކީ:

  • ޅ. ކުރެންދޫގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުން - 14 މިލިއަން ރުފިޔާ 

  • މ. ކޮޅުފުށީގެ ގިރާ ސަރަހައްދު ހިމާޔަތް ކުރަން - 10.9 މިލިއަން ރުފިޔާ 

  • ރަށްރަށުގައި ބަނދަރާއި، ފެން އަދި ނަރުދަމާ ހަދަން - 5 މިލިއަން ރުފިޔާ

  • ކ. ހިންމަފުށީގައި ފެނުގެ ނިޒާމް ގާއިމްކުރަން - 5.1 މިލިއަން ރުފިޔާ  

އިތުރު އާޓިކަލް

އިތުރު އާޓިކަލް