ގާސިމް ނަޝީދާ ބައްދަލުކުރެއްވި އިރު ހުދު ކޮތަރު މޭޒުމަތީގައި އަދި ނަޝީދުގެ ކޮނޑުމަތީ

ގާސިމްގެ ހުދު ކޮތަރު ނަޝީދުގެ ކޮނޑުމައްޗަށް އޮޅުވެ ހަމަޖެހިލައިގެން

ސަޕޯޓަރުން ބުނަނީ ސަން އައިލެންޑުގެ ބައްދަލުވުމުގެ މި ހާއްސަ މެހުމާނަކީ ހެޔޮ ފާލެއް ކަމަށް

ވިލާ ކުންފުނީގެ ސަން އައިލެންޑު ރިސޯޓުގައި މިއަދު ހަވީރު ބޭއްވި ސިޔާސީ ބައްދަލުވުމުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން ގިނަ މީހުންގެ ސަމާލުކަން ދަމައިގަތީ ތަފާތު ކަމަކަށެވެ.

ފިކުރެއްގެ ދިރުން ނަމުގައި އެމްޑީޕީގެ ފެކްޝަނެއް ހައްދަވައިގެން އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ދެ ފަރާތުގެ އިސް މެމްބަރުންގެ ހާޒިރުގައި ބޭއްވެވި އެ ބައްދަލުވުމުގެ ހާއްސަ މެހުމާނެއް ފަދައިން ފެންނަ ހުދު ކޮތަރުގެ ވާހަކަ ނިކަން ގަދަޔަށް އެބަ ދެކެވެ އެވެ.

ބައްދަލުވުމުގެ މޭޒުމަތީގަ އާއި ނަޝީދުގެ ކޮނޑުފުޅުގައި އެ ކޮތަރު އޮޅުވެގެން އިންނަތަން ސޯޝަލް މީޑއާގެ މަންޒަރުތަކުން ފެނެ އެވެ.

އެކަމަށް މީހުންގެ ސަމާލުކަން ލިބުމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ މެމްބަރެއް ކަމަށްވާ ހަމިއްޔާ އަލީ (ޔާލް) މިއަދު އޭނާގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި އެ ކޮތަރާ އެކު ގާސިމް ފެންނަ ފޮޓޯތަކެއް އާއްމުކުރި އެވެ. އެ ޕޯސްޓުގައި އޭނާ ބުނީ، އެ ކޮތަރަކީ ގާސިމަށް ވަރަށް ބޮޑަށް ލޯބިޖެހިފައިވާ އެއްޗެއް ކަމަށެވެ. އެގޮތުން އދ. މާމިގިލިން ގާސިމް ސަން އައިލެންޑަށް ލޯންޗުގައި ދަތުރުކުރައްވާއިރު ވެސް ކޮނޑުފުޅުމަތީގައި އެ ކޮތަރު ގެންދަވާ ކަމަށް ހަމިއްޔާ ބުންޏެވެ.

"ގާސިމްއަކީ ހިތްތިރި، އިންސާނިއްޔަތުކަން ހުރި، ޖަނަވާރުންނަށް ލޯބި ކުރައްވާ ބޭފުޅެއް،" އޭނާ ލިޔުނެވެ.

ގާސިމް އޭނާގެ އޮޅު ކޮތަރާ އެކު (ފޮޓޯ/ހަމިއްޔާ އަލީ/ފޭސްބުކް)
ގާސިމް އޭނާގެ އޮޅު ކޮތަރާ އެކު (ފޮޓޯ/ހަމިއްޔާ އަލީ/ފޭސްބުކް)

ގާސިމްގެ ހުދު ކޮތަރު ނަޝީދުގެ ކޮނޑުމައްޗަށް އޮޅުވެގެން އުޅޭ މަންޒަރު ފެނި ސަޕޯޓަރުން ތިބީ އުފަލުންނެވެ. އެއީ، އެ މީހުން ބުނާ ގޮތުގައި، ހެޔޮ ފާލެއް ނުވަތަ އުފާވެރި ކަމެއްގެ ނިޝާނެކެވެ. އަދި ރަނގަޅު އެތައް ގޮތަކުން އެކަން މާނަކޮށް ތަރުޖަމާކުރަމުން އެބަ ގެންދެ އެވެ.

ނަމަވެސް އިދިކޮޅު މީހުން އެއިން ނަގަނީ މުޅިން ތަފާތު މާނަތަކެކެވެ. ކޮނޑުގައި ކޮތަރެއް އިނުމަކީ ހިޓްލަރު ފަދަ ޑިކްޓޭޓަރުންގެ ފަރާތުން ފެންނަ ކަމެއް ކަމަށް ބުނެ މީމްތައް ހަދާފައިވެ އެވެ.

ކޮމެންޓް (1)

ޙިމްދާ

7 އޭޕްރީލު 2023
ހަމަ ހިނި އަންނަނީ. ކޮތަރު އޮޅުކޮށްގެން އުޅުމަކީ އެމީހާގެ ސިފަ ދައްކައިދޭ ކަމެއްނޫނެވެ. ކޮސް ގޮވަން ވެސް ހައްދެއް އޮންނާނެ.
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް