ކ.ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަ ކުރާ ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާ ކ. މާފުށީގައި ބޭއްވި ކެމްޕެއިން ހަރަކާތުގެ ތެރެއިން. ދައުރު ފޮޓޯ | މުޒައްޔިން ނާޒިމް

މި ނުކުތީ ބޭބެގެ ލެގަސީ ދަމަހައްޓަން؛ އިންތިހާބު ކާމިޔާބު ކުރާނަން: ހުސައިން ރިޒާ

ސަރުކާރުން ކިތަންމެ ވަރަކަށް ނުފޫޒު ފޯރުވިޔަސް، އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އަބްދުއްރަހީމް ވިދާޅުވި

ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވަން ނިންމެވީ، މިދިޔަ ތިން ދައުރުގައި އެ ގޮނޑި ފުރުއްވި އޭނާގެ ބޭބެ އިބްރާހިމް ރިޒާގެ ލެގަސީ ދެމެހެއްޓުމަށް ކަމަށާއި މި އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީކަން އެބަ އޮތް ކަމަށް އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާ ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ހުސައިން މިގޮތަށް ވިދާޅުވީ، ގުރައިދޫ ދާއިރާގައި ހިމެނޭ ކ. މާފުށީގައި އެމްޑީޕީގެ ބައެއް މެމްބަރުންނާއި ބައެއް ގެސްޓްހައުސް ވިޔަފާރިވެރިން ޕީޕީއެމްއަށް ސޮއިކުރަން އެ ރަށުގައި ބޭއްވި ހަރަކާތުގަ އެވެ. ޕީޕީއެމްއިން ބުނާ ގޮތުގައި ރޭ އެ ޕާޓީއާ ގުޅުނު ބައެއް މީހުން ވަނީ، ވޭތުދެދިޔަ 17 އަހަރު މާފުށީގައި އެމްޑީޕީ މެންބަރުންގެ ގޮތުގައި ވަރަށް އިސްކޮށް އުޅެފަ އެވެ.

  • ޕީޕީއެމްއަށް ވަނީ ކުރިން އެމްޑީޕީގައި އިސްކޮށް އުޅުނު ބައެއް މީހުން ކަމަށް، އިދިކޮޅުން ބުނޭ -- ދައުރު ފޮޓޯ | މުޒައްޔިން ނާޒިމް
  • ހުސެއިން ރިޒާ ވިދާޅުވި ޕާޓީއާ އަލަށް ގުޅުނު މީހުންގެ ފަރާތުން އޭނާއަށް ހިތްވަރު ލިބުނު. --ދައުރު ފޮޓޯ | މުޒައްޔިން ނާޒިމް
  • މާފުށިން ޕީޕީއެމްއާ ގުޅުނު ބައެއް މީހުން މެމްބާޝިޕް ފޯމް ހަވާލުކުރަނީ -- ދައުރު ފޮޓޯ | މުޒައްޔިން ނާޒިމް

ތަފްސީލު - އެ މެންބަރުންގެ މެމްބާޝިޕް ފޯމް ވަނީ، މި ރަސްމިއްޔާތުގައި ޕްރޮގްރެސިވް ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމްއާ ހަވާލުކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހުސައިން ރިޒާ ވިދާޅުވީ ގުރައިދޫ ދާއިރާގެ ތިން ރަށުންނާއި ޕީޕީއެމްގެ ލީޑަޝިޕުން އޭނާ އެ ދާއިރާއަށް ނުކުންނަވަން އެދުމުން، މި މަސައްކަތް ކުރައްވާނެ ރޫހާނީ ހިތްވަރެއް ނެތް ކަމަށް ދެންނެވި ކަމަށެވެ. އެއީ ބޭބެ އިބްރާހިމް ރިޒާގެ ކުއްލި ވަކިވުމާ ގުޅިގެން ކަމަށް ވިދާޅުވި އެވެ. އެ ހިތާމައަކީ "ހަށިގަނޑުގެ ބައެއް ބީވެގެން ދިޔުން" ކަމަށް އޭނާ ސިފަކުރެއްވި އެވެ.

"މަރްހޫމް ރިޒާ ނެތި ދިޔުމަކީ އަޅުގަނޑުމެންގެ އެންމެންގެ ހިތުގައި ވެސް ވަރަށް ހިތްދަތި އިހުސާސްތަކާއި ބަރުދާސްކުރުންތަކެއް، ވޭންތަކާއި ކެކުޅުންތައް އަދި ގިލަންވެރިކަން މިއަދުވެސް ކޮންމެ ހިނދުކޮޅަކު ހިތުގައި ޖަހާ އެކަހެރި ވިންދެއްގައި އެ ވާހަކަތައް ކިޔައިދެމުންދާ ކިޔައިދިނުމެއް،" ވާހަކަ ފައްޓަވަމުން ހުސައިން ރިޒާ އޭނާގެ ބޭބެ، އިބްރާހިމްގެ ރިޒާގެ ހަނދާންތައް އާކުރައްވަމުން ވިދާޅުވި އެވެ.

މާފުށީގައި ހުސައިން ރިޒާ ވާހަކަދައްކަވަނީ --ދައުރު --ފޮޓޯ | މުޒައްޔިން ނާޒިމް

ބޭބެގެ ވަކިވުމާ އެކު ސިޔާސީ މައިދާނަށް ނުކުންނަވަން ފަސްޖެހިވަޑައިގެން ނަމަވެސް ރޭ މާފުށިން ޕީޕީއެމްއާ ގުޅުނު 'ލަޝްކަރާ އެކު' އެނާގެ ރޫހާނީ ހިތްވަރު ގެނެސްދީފި ކަމަށް ހުސައިން ވިދާޅުވި އެވެ. އަދި އެއީ ކުރިއަށް ވަޑައިގަތުމަށް އާ ޖޯޝެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އެމީހުންނާ މި ކެމްޕެއިން ތެރެއިން ބައްދަލުވެ، ދެކުވުނު ވާހަކަތަކުން އިބްރާހިމް ރިޒާއަކީ ފިކުރު ތަފާތުވިޔަސް އެންމެން ގޮވައިގެން މަސައްކަތް ކުރަން އެނގޭ، އިހްލާސްތެރި، ހެޔޮ މަޖިލިސް މެންބަރެއްކަން އެނގިގެން ދިޔަ ކަމަށް" ވެސް ހުސައިން ރިޒާ ވިދާޅުވި އެވެ.

"މި ތިން ރަށުގެ ރައްޔިތުންނާއި ޕީޕީއެމް-ޕީއެންސީގެ ލީޑާޝިޕުން އަޅުގަނޑާ ހަވާލުކުރާ ޒިންމާއަކީ، ބޭބެގެ އެ ލެގަސީ ދެމެހެއްޓުމަށްޓަކައި، ބޭބެގެ އެ އޯގާތެރިކަން ދަމަހައްޓައި، އެ ހިތްހެޔޮކަމާއި އެ ރީތި ސިފަތައް ދަމަހައްޓަން،" ގާނޫނީ ދާއިރާއިން ތައުލީމް ހާސިލުކުރައްވައިގެން ހުންނެވި ހުސައިން ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑު އައީ މާ ބޮޑު މެނިފެސްޓޯއެއް ހިފައިގެން ނޫން. އަޅުގަނޑުގެ މެނިފެސްޓޯއަކީ، ބޭބެގެ އިހްލާސްތެރިކަމާއި އެ ހިތް ހެޔޮކަމާއި މީހުންނާ ދޭތެރޭ މުއާމަލާތްކުރުމުގައި ވަކި ކުލަޔަކަށް، ވަކި ޖިންސަކަށް، ވަކި ޕާޓީއަކަށް ބެލުމެއްނެތި އެ ބީދައިން އެކަން ކުރުމަށް."

އޭނާ ވިދާޅުވީ މި ގޮނޑި ކާމިޔާބުކުރައްވަން ރައްޔިތުންގެ ގާތަށް ޒިޔާރަތްކުރެއްވީ 'ބަހާނެ އެއްޗެއް ހިފައިގެން ނޫން' ކަމަށެވެ. ތަކުރާރުކޮށް ވިދާޅުވީ، އިހްލާސްތެރިކަމާ އެކު މަސައްކަތްކޮށް ބޭބެގެ ލެގަސީ ހިފެއްޓުމަށް މި ގޮނޑި ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ނުފޫޒު ފޯރުވިޔަސް އިންތިހާބު ކާމިޔާބު ކުރާނަން: އަބްދުއްރަހީމް

ރޭ މާފުށީގައި ޕީޕީއެމުން ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ --ދައުރު ފޮޓޯ | މުޒައްޔިން ނާޒިމް

މި އިންތިހާބު ބޯމަތިވެފައި ވަނިކޮށް ސަރުކާރުން ވަނީ މި ދާއިރާގައި ހިމެނޭ ކ. ގުޅީގެ ބިން ހިއްކުން މިދިޔަ މަހު ފަހުކޮޅު އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. އޭގެ އިތުރުން މިދިޔަ ހަފްތާގައި މާފުށިން ބިން ދޫކުރަން ވެސް ހުޅުވާލި އެވެ. އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި އެއީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ އަމަލެކެވެ.

އެކަމާ ގުޅޭ ގޮތުން 'ދައުރު'ން ކުރި ސުވާލުގެ ޖަވާބުގައި އަބްދުއްރަހީމް ވިދާޅުވީ "ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ސަރުކާރުން ރައްޔިތުންނަށް ދެއްކި ހުވަފެންތައް މި ދާއިރާގެ ރައްޔިތުންނަށް ވެސް އެނގޭނެ" ކަމަށެވެ. އަދި ސަރުކާރުން ކިތަންމެ ވަރަކަށް ނުފޫޒު ފޯރިވިޔަސް މި ބައި-އިލެކްޝަން ޕީޕީއެމްއިން ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

"މި ސަރުކާރަކީ ނުފޫޒު ފޯރުވުމުގައި މިހާތަނަށް ދިވެހި ތާރީހު ނުދެކޭ ފަދަ ވަރުގަދަ ސަރުކާރެއް. މި އިންތިހާބުގައި ވެސް ނުފޫޒުގެ ބޭނުން އިންތިހާއަށް އެދަނީ ހިފަމުން. އޭގެ ތެރޭގައި މާފުށިން ބިން ހިއްކުން. ގުޅީގެ ބިން ހިއްކުން. މިހެންގޮސް ކުރެވުނު ހުރިހާ ކަމެއް ކުރާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"ނުފޫޒު ފޯރުވުން ކިތަންމެ ވަރަކަށް އޮތް ނަމަވެސް، މިރޭ ފެނިގެން މިދިޔަ މަންޒަރުން އަޅުގަނޑުމެންނަށް ޔަގީންވާ ކަމަކީ، އިރާދަކުރެއްވިއްޔާ މާފުށި، ގުޅި [އަދި] ގުރައިދޫ ރައްޔިތުން އެ ތިއްބެވީ ނުފޫޒަށް ތަބާވާ ގޮތަކަށް ނޫން."

އޭގެ އިތުރުން އޭނާ ވިދާޅުވީ މި އިންތިހާބަށް ނުފޫޒު ފޯރުވާ މައްސަލަ ޕީޕީއެމްގެ ފަރާތުން ކަމާ ގުޅޭ މުއައްސަސާތަކަށް ހުށަހަޅާނެ ކަމަށެވެ.

ކޮމެންޓް (1)

ޗުކީ

5 އޭޕްރީލު 2023
ބޭބެގެ ނަން ވިއްކައިގެން އައިސް ރައްޔިތުން ތީގެ ބޭނުން ހިފާނެ ގޮތެއް ނުވިސްނޭ. ހުސެން ރިޒާ އަކީ ބޭބެ ކަމަށް ވާ ނަމަ ޔާމީނާ މައުމޫނަށް ވީ ގޮތް ނުވާނެބާ؟؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް