އެމްއެމްއާރް ވެކްސިން ޖަހަނީ: ރާއްޖެއިން ހިމަބިހީގެ ދެ ކޭސްއެއް ފެނި އައުޓްބްރޭކެއް ވަނީ އިއުލާންކޮށްފައި. ފޮޓޯ/ އޮވެން ހަމްފްރޭޒް، ޕީއޭ

ހިމަބިހި

ހިމަބިހި ޖެހުނު ދެ ކުދިން ތިބީ ވެކްސިން ފުރިހަމަކޮށްފައި: ހޮސްޕިޓަލް

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނީ ހިމަބިހީގެ ވެކްސިނާއި އެމްއެމްއާރު ވެކްސިންގެ ދެ ދޯޒް ވެސް އެ ކުދިން ޖަހާފައިވާ ކަމަށް
4 އޭޕްރީލު 2023

ރާއްޖެއިން ނައްތާލެވިފައިވާކަން އިއުލާނުކޮށްފައިވާ ހިމަބިހި ނުވަތަ މީސްލްސް އަށް ޕޮޒިޓިވްވެފައިވާ ދެ ކުދިން ތިބީ އެ ބަލީގެ ވެކްސިންތައް ފުރިހަމަކޮށްފައި ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނެފި އެވެ.

ރާއްޖޭގައި ހިމަބިހީގެ ވެކްސިނާއި ހިމަބިހި، މަމްޕްސް އަދި ރުބެއްލާއިން ދިފާއުކޮށްދޭ އެމްއެމްއާރު ވެކްސިންގެ ދެ ޑޯޒް ޖަހަ އެވެ. 

ތަފްސީލް - އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯ ޑރ. މުހައްމަދު ސޯލިހު މިއަދު 'ދައުރު'އަށް ވިދާޅުވީ އެ ކުދިން ތިބީ ހިމަބިހީގެ ވެކްސިނާއި އެމްއެމްއާރު ވެކްސިންގެ ހުރިހާ ޑޯޒްއެއް ވެސް ފުރިހަމަކޮށްފައި ކަމަށެވެ.

އެނގުން މުހިއްމު - ވެކްސިން ޖެހިޔަސް ބަލި ޖެހުމުގެ ފުރުސަތު ކޮންމެވެސް ވަރަކަށް އޮވެ އެވެ. އެމެރިކާގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް (ސީޑީސީ) އިން ބުނެފައިވާ ގޮތުގައި ހިމަބިހި ވެކްސިންގެ ދެ ޑޯޒު ޖަހާފައިވާ މީހުންގެ ތެރެއިން 100 އަކުން ތިން މީހަކަށް އެ ބަލި ޖެހިދާނެ އެވެ. އެއީ ކީއްވެގެންކަމެއް ކަށަވަރުކުރެވިފައިނުވާ ކަމަށާއި ނަމަވެސް އޭގެ ސަބަބަކީ އެ މީހެއްގެ ހަށިގަނޑުގެ ދިފާއީ ނިޒާމުން ވެކްސިނަށް އެކަށީގެންވާ މިންވަރަށް އިޖާބަނުދިނުން ކަމަށް ވެދާނެ ކަމަށް ސީޑީސީގެ މައުލޫމާތުގައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ނައްތާލެވިފައިވާ ކަމަށް ގަބޫލުކުރެވޭ ބައްޔެއް އަލުން ރާއްޖެއިން ފެނުމާއެކު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ ވަނީ ހިމަބިހީގެ އައުޓްބްރޭކެއް އިއުލާނުކޮށްފަ އެވެ.

ނަމަވެސް ފާހަގަވި ދެ ކުދިންގެ ގައިން ބަލި ފެތުރޭ މުއްދަތު (އިންފެކްޝަސް ޕީރިއަޑް) ފާއިތުވެފައިވާތީ، އެ ދެ ކުދިންގެ ފަރާތުން މިވަގުތު އިތުރަށް ބަލި ޖެހުމުގެ ފުރުސަތު ނެތް ކަމަށް އެޗްޕީއޭ އިން ބުނެފައިވެ އެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ:

  • މިފަދަ ހާލަތުގައި އަމަލު ކުރަން ޖެހޭ އުސޫލުގެ މަތިން، ކޮންޓެކްޓުން ދެނެގަތުމާއި ބަލި ޖެހެން މެދުވެރިވި ސަބަބު ދެނެގަތުމަށް އެޗްޕީއޭގެ ލަފާގެ މަތިން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ދަނީ ކުރަމުން

  • ވެކްސިން ދޭން ޖެހޭ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ

  • ހިމަބިހީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ، ހުން އައުމާއި ރަތް ބިހި ނެގުން

  • އޭގެ އިތުރުން ކެއްސުން، ނޭފަތުން އަރިދަފުސް ފޭބުން، އަދި ލޯ ރަތްވުން ފަދަ އަލާމާތްތައް ވެސް ބައެއް މީހުންގެ ފަރާތުން ފެނޭ

އެޗްޕީއޭގެ އިލްތިމާސަކީ މި އަލާމާތްތައް ފެނިއްޖެ ނަމަ، ލަސްނުކޮށް ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް