މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. (ފޮޓޯ/ މަޖިލިސް)

އިންތިހާބީ ގާނޫނަށް ހުށަހެޅި އިސްލާހު އަނބުރާ ގެންދަން ގޮވާލައިފި

އެ އިސްލާހަކީ ހަބަރު ފެތުރުމުގެ މިނިވަންކަމާއި ރާއްޖޭގެ ޑިމޮކްރަސީއަށް އޮތް ނުރައްކަލުގެ ސިގްނަލެއް ކަމަށް އާރްއެސްއެފް އިން ބުނި

އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަކީ ނޫސްވެރިންނަށް އޮތް ނުރައްކަލެއް ކަަމަށް ބުނެ، އެ އިސްލާހު އަނބުރާ ގެންދިއުމަށް، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކުރުމުގައި ހަރަކާތްތެރިވާ ބައިނަލްއަގްވާމީ އެންމެ ބޮޑު ޖަމިއްޔާ، ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން އިއްޔެ ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.

ވީ ކިހިނެއް؟ - މި މަހުގެ ތެރޭގައި ސަރުކާރުން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން، އިންތިހާބުތައް ކަވަރުކުރެވޭނީ ރާއްޖޭގައި "ރަޖިސްޓާޑް ނޫސްވެރިން"ނަށެވެ. އެހެން އޮތުމުން، ބައިނަލްއަގުވާމީ ނޫސްވެރިންނާއި ފްރީލާންސް ނޫސްވެރިންނަށް އިންތިހާބު ކަވަރުކުރުމުގެ ޖާގަ ނެތުމުގެ ފުރުސަތު އޮތް ކަމުގެ ކަންބޮޑުން ޖަމިއްޔާތަކުން ދަނީ ފާޅުކުރަމުންނެވެ.

ތަފްސީލް - މި އިސްލާހާ މެދު ކަންބޮޑުވުން ފާޅުކޮށް އާރްއެސްއެފް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް، ވޯޓުލާ މަރުކަޒުތަކަށް ވަނުމުގެ ފުރުސަތު ހަމައެކަނި 'ރެޖިސްޓާޑް ނޫސްވެރިން'ނަށް ލިބޭ ގޮތަށް އޮތުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ބިރެއް ކަމަށެވެ.

އާރްއެސްއެފް އިން ބުނި ގޮތުގައި:

  • މި އިސްލާހުގެ ސަބަބުން، 9 ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމާއި ވޯޓު ގުނުން ކުރިއަށްދާ ގޮތް ކަވަރުކުރަން ބޭނުންވާ ފްރީލާންސް އަދި ބޭރުގެ ނޫސްވެރިންނަށް ވެސް އެ ފުރުސަތު ގެއްލިގެން ދާނެ

  • އިންތިހާބުގެ ކަންކަން ކުރިއަށް ދާއިރު، ހާމަކަން ބޮޑު ގޮތެއްގައި އެ ކަމާ ގުޅޭ ހަބަރުތައް ގެނެސްދޭން ހުރަސް އެޅޭނެ 

  • ވޯޓު އޮޅުވާލުމުގެ ބިރު އޮންނާނެ؛ ވޯޓު އޮޅުވާލުން ފަދަ ކަންކަމަށް ފަހި ފުރުސަތެއް ލިބި، މައްސަލަތައް ފެންމަތިވުމުގެ ފުރުސަތު ވެސް ކުޑަވާނެ

އެ އިސްލާހު އަނބުރާ ނެގުމަށް ސަރުކާރަށް ގޮވާލައި އާރުއެސްއެފްގެ އޭޝިއޭ-ޕެސިފިކް ޑެސްކުގެ އިސް ވެރިޔާ ޑެނިއެލް ވެސް ވިދާޅުވީ، ނޫސްވެރިންނާ މަޝްވަރާކުރުމެއް ނެތި، ބޮޑު އިންތިހާބަކަށް ހަ މަސްދުވަހަށް ވެފައި ވަނިކޮށް، އިންތިހާބާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ހަބަރު ފެތުރުމުގެ މިނިވަންކަމާއި ރާއްޖޭގެ ޑިމޮކްރަސީއަށް އޮތް "ނުރައްކަލުގެ ސިގްނަލެއް" ކަމަށެވެ.

ގުޅުން ހުރި ކަމެއް - ދިވެހި ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވެސް ވަނީ މި ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް މީގެ ކުރިން ބަޔާނެއް ނެރެފަ އެވެ. މީގެ އިތުރުން، ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އަދި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ވެސް ވަނީ އެ އިސްލާހާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ހުށަހަޅާފައިވާ އިސްލާހުގެ ހުލާސާ

ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް، އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ، ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒެވެ. މި އިސްލާހުތަކުގެ ތެރެއިން ކަންބޮޑުވުން އޮތީ 41 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ހުށަހަޅާފައިވާ އިސްލާހާ މެދު އެވެ.

41 ވަނަ މާއްދާގެ (ހ)

  • ގާނޫނުގައި މިހާރު އޮންނަ ގޮތް - ވޯޓު ނަގާ ދުވަހު ވޯޓުލުމުގެ ކަންތައްތައް ރިޕޯޓަރުންގެ ހައިސިއްޔަތުން މޮނީޓާކުރުމަށްޓަކައި ވޯޓުލާ ސަރަހައްދުތަކުގަ އާއި ވޯޓު ގުނާ ތަންތަނުގައި ހަރަކާތްތެރިވެވޭނީ މި ގާނޫނުގެ ދަށުން އެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޭ ރިޕޯޓަރުންނަށް

  • އިސްލާހު ހުށަހަޅާފައިވާ ގޮތް - ވޯޓު ނަގާ ދުވަހު ވޯޓުލުމުގެ ކަންތައްތައް މޮނީޓާކުރުމަށްޓަކައި ވޯޓުލާ ސަރަހައްދުތަކުގަ އާއި ވޯޓު ގުނާ ތަންތަނުގައި ހަރަކާތްތެރިވެވޭނީ މި ގާނޫނުގެ ދަށުން އެ ކަމަށް ހުއްދަ ދޭ، ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިންނަށް

41 ވަނަ މާއްދާގެ (ށ)

  • ގާނޫނުގައި މިހާރު އޮންނަ ގޮތް - ވޯޓު ނަގާ ދުވަހުގެ ކުރިން އެ ރަށެއްގައި ނުވަތަ އެ ސަރަހައްދެއްގައި ނުވަތަ އެ ތަނެއްގައި މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާ، ރަޖިސްޓްރީކޮށްފައިވާ ނޫސް، މަޖައްލާ އަދި ހަބަރު ފަތުރާ ކޮންމެ އިދާރާއަކުން ވޯޓުލާ އަދި ވޯޓު ގުނާ ކޮންމެ ސަރަހައްދަކަށް އެކަކަށް ވުރެ އިތުރު ނުވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޫކުރަންވާނެ

  • އިސްލާހުކުރަން ހުށަހަޅާފައިވާ ގޮތް - ވޯޓު ނަގާ ދުވަހުގެ 10 ދުވަސް ކުރިން އެ ރަށެއްގައި ނުވަތަ އެ ސަރަހައްދެއްގައި ނުވަތަ އެ ތަނެއްގައި މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާ، ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިންނަށް ވޯޓުލާ އަދި ވޯޓު ގުނާ ކޮންމެ ސަރަހައްދަކަށް ވަނުމުގެ ހުއްދަ، ތަފާތުކުރުމަކާ ނުލައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އަދަދަކަށް އިލެކްޝަންސް ކޮމިޝަނުން ދޭންވާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް