އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ހުސެއިން އަމްރު ދައުރު އަށް މީގެކުރިން ދެއްވި އިންޓަވިއުއެއްގެ ތެރެއިން (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

އަމްރު ވަކިކުރުމުން ކިޔާ ފާޑުކިޔުންތަކަށް ޕީސީބީއިން ރައްދު ދީފި

އައްޔަނުކޮށް ވަކިކުރަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމުގެ ޔަގީންކަން ޕީސީބީން ވަނީ ދީފަ

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ހުސައިން އަމްރު ރަޝާދު އެ މަގާމުން ވަކިކުރީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ ކިޔާ ފާޑުކިޔުންތަކަށް ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދު ރައްދު ދީ، އެ ނިންމުން ދިފާއުކޮށްފި އެވެ.

މައްސަލައިގެ ފެށުން - އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަމުން އަމްރު ވަކިކުރަން ރައީސް އިބްރާހިމް ސޯލިހު ޕީސީބީއަށް އެންގި އެންގުމާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ، ގާނޫނު އޮތް ގޮތުން އެއީ ރައީސްއަށް އެންގޭނޭ އެންގުމެއް ނޫން ކަމަށް ބުނެ ފާޑުކިޔައިފަ އެވެ. އަދި އެ ބޯޑަކީ ސަރުކާރުން އަންގާ ކޮންމެ ކަމަކަށް 'ރަބަ ސްޓޭމްޕް' ޖަހާ ތަނެއް ކަމަށް ބުނެވެސް ވަނީ ފާޑުކިޔައިފަ އެވެ.

ބުނީ ކީކޭ؟ - އެ ފާޑުކިޔުންތަކަށް ރައްދު ދެމުން ޕީސީބީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް ސަރުކާރުން އައްޔަނުކުރާ ފަރާތްތައް އައްޔަންކޮށް ވަކިކުރަނީ، 'ދައުލަތުގެ ވިޔަފާރިތައް ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުން އަދި މޮނީޓާކޮށް އިވޭލުއޭޓް ކުރުމުގެ ގާނޫނު'ގެ ދަށުން އެ ބޯޑުން އެކުލަވާލާ ފާސްކުރި އުސޫލާ އެއްގޮތަށް ކަމަށެވެ.

ޕީސީބީއިން ބުނިގޮތުގައި:  

  • މިހާރު އަމަލު ކުރާ އުސޫލު އެކުލަވާލީ އެ ބޯޑުން 2013 އިން ފެށިގެން އަމަލުކުރަމުންއައި މައިގަނޑު އުސޫލުގެ އަސާސްތަކަށް ބިނާކޮށް އެ އުސޫލު އިތުރަށް ހަރުދަނާކުރުމަށް ފަހު

  • އެ ބޯޑުން ނިންމާ ކޮންމެ ނިންމުމެއްވެސް ނިންމާނީ އެންމެންގެ މަސްލަހަތަށް ބެލުމަށްފަހު މިނިވަންކަމާ އެކު

"ބޯޑުން ނިންމާ ކޮންމެ ނިންމުމެއްވެސް ނިންމަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެންމެހާ ހިއްސާދާރުންނާއި ދައުލަތާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރެވޭނެކަން ކަށަވަރުވާނެހެން، މިނިވަންކަމާއި މުސްތަގިއްލު ކަމާއި އެކުގަ އެވެ." ޕީސީބީން ބުންޏެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް މެމްބަރުން އައްޔަނުކުރުމާއި ވަކިކުރުމުގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް ގަވައިދާއި އުސޫލުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

 ފާހަގަކޮށްލެވޭ ކަމެއް - މިިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި އަމްރު ހުންނެވީ ރައީސް ސޯލިހާ ވާދަކުރެއްވި ނަޝީދުގެ ފަޅީގަ އެވެ. އަދި ޕްރައިމަރީގައި  ނަޝީދަށް ލިބުނު ނާކާމިޔާބީއަށް ފަހު ވެސް އަމްރު ހުންނެވީ އެ ފަޅީގަ އެވެ. އެގޮތުން:

  • މިދިޔަ ހަފްތާގައި ނަޝީދުގެ 'ފިކުރެއްގެ ދިރުން'ގެ ފަރާތުން "އެމްޑީޕީގެ ނަމުގައި" ޖުމްހޫރީ ޕާޓީއާ އެކު ބޭއްވި ބައްދަލުވުމުގައި ނަޝީދުގެ މަންދޫބެއްގެ ގޮތުން ވެސް އަމްރު ބައިވެރިވެވަޑައިގެންނެވި

  • އެ ބައްދަލުވުމަކީ ޖޭޕީ އާއި ނަޝިދުގެ 'ފިކުރެއްގެ ދިރުން' ހަރަކާތުން ރިޔާސީ އިންތިހާބަށް އެކުގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއް 

  • ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުންނަވައި އަމްރު އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމުން އޭނާއާ މެދު ފިޔަވަޅު އަޅަން ގޮވާލި 

  • އެސްޓީއޯގެ އެމްޑީގެ ހައިސިއްޔަތުން އަމްރު ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއް އެ ސްޓޭޝަނުން ނުދައްކައި ކެންސަލްކުރި މައްސަލައެއް ފެންމަތިވި

ކޮމެންޓް (4)

ޙާލަތު

28 މާރިޗު 2023
ކަންބަޅި ބަކަރި ކަތިލާހެން މީހުން ވަކިކުރާނަމޭ ބުނިފަހުންނޭ އެގޮތަށް ވަކިކުރީ. މަށަކީ ކުރިން އިބޫއަށް ތާއީދުކޮށް ވޯޓިލީމީހެއް އެކަމަކު ދެން އިބޫއަށް ވޯޓެއް ނުދޭނަން. ސަރުކާރުގެ ކުންފުނިތަށް ސިޔާސީ ގޮފިތަކަކަށް ހަދައިފި
6 1

ތާއީދުކުޑަބެ

28 މާރިޗު 2023
@ޙާލަތު މަށަކީ ކުރިން އަންނި އަށް ތާއީދު ކުރާ މީހެއް. ދެން އަންނިއަކަށް ތާއީދެއް ނުކުރާނަން
0 0

ހަބީބު

27 މާރިޗު 2023
ތީގަ ނެތެއްނު ރައްދުގަ ބުނި އެއްޗެއް. މީހަކު ނުބުނެޔޭ ތިމީހުންނަށް ހުއްދު ނޫން ކަމެއް ކުރިއެކޭ. މީހުން އެ ކިޔަނީ ސިޔާސީ މަގުސަދެއްގައޭ ވަކި ކުރީ. އެކަމަކަށް ނެތެއްނު ޖަވާބު ދެވިފައެއް
7 1

އަލީ

28 މާރިޗު 2023
@ހަބީބު މަގާމު ދިނީވެސް ސިޔާސީ ގޮތުން ނޫންތޯ!
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް