އެމްއެންޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ލީޑަރު މުހައްމަދު ނާޒިމް ވާހަކަ ދައްކަވަނީ

އެމްއެންޕީ

'ވާނުވާ' ބަންދުގައި ބޭތިއްބުން ނިމުމަކަށް ގެންނަން ގޮވާލައި އެމްއެންޕީއިން ރައީސަށް ސިޓީއެއް

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ނުވަތަ 'ވާނުވާ' ގައި މީހުން ބޭތިއްބުމުގެ 'ސަގާފަތް' ނިމުމަކަށް ގެނައުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅައިފި އެވެ.

ފަސްމަންޒަރު - ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޖުލައި 2021ގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި 'ވާނުވާ' ބަންދުގައި އޭރު 343 މީހަކު ތިއްބެވެ.

ވީ ކިހިނެއް؟ - މި މައްސަލަައިގައި އެމްއެންޕީ އިން ރައީސަށް ފޮނުވި ސިޓީގައި ފާހަގަ ކުރި ގޮތުގައި:

  • ވާނުވާގައި 343 މީހުން ތިބި އިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކޮންމެ 30 ދުވަހަކުން އެ މީހުންގެ އަޑުއެހުން ކުރިއަކަށް ނުގެންދޭ

  • އޭގެ ތެރެއިން ބައެއް މިހުންގެ ޝަރީއަތް ނުހިނގާ އަހަރުތަކަކަށް ދެމިގެންގޮސްފައިވޭ؛ ބޮޑު މައްސަލައަކަށް ތުހުމަތުކުރެވުމަކީ އިޖުރާއީ އިންސާފުން މީހުން އެއްފަރާތް ކުރެވޭނެ ގާނޫނީ ހަމައެއް ނޫން

  • މި މައްސަލައާ ގުޅޭގޮތުން މި މަހުގެ ކުރީކޮޅު، ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރާ ސުވާލުކޮށްފައިވޭ. އެކަމަކު އޭގެ އަސްލު މައްސަލަ ހައްލު ކުރެއްވުމަށް އެއްވެސް މަސައްކަތެއް ކުރެއްވި ކަމަކަށް ވިދާޅެއް ނުވޭ

ތަފްސީލް - އެމްއެންޕީ އިން ބުނިގޮތުގައި މި މައްސަލަ ރައީސަށް ހުށަހެޅީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާ ކޯޓުތަކުން މާނަ ކުރާ ގޮތަށް ބަލައި، އެ މައްސަލައަށް ގާނޫނީ އަދި އިދާރީ ހައްލުތަކެއް ބޭނުންވާތީ އެވެ.

އެ ޕާޓީން ދެކޭ ގޮތުގައި ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމުގެ ސަގާފަތެއް ރާއްޖޭގެ ކޯޓުތަކުން މިހާރު ކުރިއަށް ގެންދެ އެވެ. އަދި މިއީ ނިމުމެއް ގެންނަން ޖެހޭ ކަމެއް ކަމަށް އެމްއެންޕީން ގަބޫލު ކުރެ އެވެ.

އެ ޕާޓީން އެދިފައިވަނީ:

  • ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އިޖުރާއަތް ހިންގޭނެ ފަހި އިންތިޒާމްތަކެއް ކޯޓުތަކަށް ފަހިކޮށްދިނުމަށް

  • އަދި ބަންދުގައިވާ މީހުންނަށް، އިޖުރާއީ އިންސާފު ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް

އެމްއެންޕީ އިން ބުނިގޮތުގައި މި މައްސަލަ ރައީސަށް ހުށަހެޅީ މިއީ ރައްޔިތުންގެ އަސާސީ ހައްގާ ގުޅިފައިވާ ކަމަކަށް ވާތީ، ދައުލަތުގެ އެންމެ އިސްވެރިޔާ އަދި ހައްގުތައް ރައްކާތެރިކޮށްދިނުމުގެ ޒިންމާ އުފުލެއްވުމަކީ އެ މަނިކުފާނުގެ މަސްއޫލިއްޔަތަކަށް ވާތީ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް