ގދ. މަޑަވެލި މަތިން ނަގާފައިވާ ފޮޓޯއެއް. ފޮޓޯ/އައިލްސް

ގދ. މަޑަވެލި

މަޑަވެލީގައި އަންހެނަކު މަގުމަތީގައި ދަމާކޫއްތާފައި ގެންދިޔަ ފިރިހެނަކު ހައްޔަރުކޮށްފި

އަނިިޔާ ލިބުނު އަންހެންމީހާއަށް އެ ރަށު ސިއްހީ މަރުކަޒުގައި އަންނަނީ ފަރުވާދެމުން

ގދ. މަޑަވެލީގެ މަގެއްގައި އަންހެނެއްގެ ގައިގައި ތަޅައި އަނިޔާކުރަމުން އޭނާ ބިންމަތީގައި ދަމާކޫއްތާފައި ގެންދިޔަ މައްސަލައަކާ ގުޅިގެން އެ ރަށު ފިރިހެނަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ބަސް - ފުލުހުން ބުނީ މަޑަވެލީގައި ފިރިހެނަކު އަންހެނަކަށް އަނިޔާކުރި މައްސަލައެއް މިއަދު ރިޕޯޓުކޮށްފައިވާ ކަމަށާއި އެކަން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

"މި މައްސަލައާ ގުޅިގެން 33 އަހަރުގެ ދިވެހި ފިރިހެނެއް މިއަދު ވަނީ ހައްޔަރުކޮށްފައި. އަންހެންމީހާއަށް ރަށު ހެލްތު ސެންޓަރުގައި ދަނީ ފަރުވާދެމުން،" ފުލުހުން ބުންޏެވެ.

ވީ ކިހިނެއް؟ - މަޑަވެލިން 'ދައުރު'އާ ވާހަކަދެއްކި މީހަކު ބުނީ އެކަން ހިނގީ މިއަދު ހަވީރު އެ ރަށުގައި ބޭއްވި މާހެފުމެއްގެ ތެރެއިން ކަމަށެވެ.

ތަފްސީލު - އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ފިރިހެނަކު އަންހެނެއް މަގުމައްޗަށް ވައްޓާލައި، އެއް އަތުގައި ހިފައި ބިންމަތީގައި ދަމަމުން، ގޮށްމުށުން ތަޅަމުންދާ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ.

އޭރު ފަހަތުން ދިޔަ ބައެއް އާއްމުން އެކަމަށް ހުރަސްއަޅަން އުޅެ، އެ ތަނުގައި ހުރި އެހެން ފިރިހެނަކު، އަނިޔާކުރަމުންދިޔަ މީހާގެ ގައިގައި ހިފަހައްޓައި، އެކަން ހުއްޓުވަން މަސައްކަތް ކުރާ ތަން އެ ވީޑިއޯއިން ފެނެ އެވެ.

ބުނީ ކީކޭ؟ - "މިކަން ހިނގުމުގެ ކުރިން އެ ދެ މީހުން ވަރަށް ސުލްހަވެރިކޮށް ވާހަކަދައްކަމުން ދިޔަ ތަން ފެނުނު. މާހެފުން އޮތް ތަނުގައި، އަންހެންމީހާއަށް އަނިޔާކުރަން ފެށީ،" ނަން ނުޖަހާ ގޮތަށް އެ ރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި:

  • އެ އަންހެންމީހާ އަކީ ރ. އަތޮޅު ރަށަކަށް ނިސްބަތްވާ މީހެއް؛ އޭނާ ދިރިއުޅެނީ ފިރިހެންމީހާގެ ގޭގައި

  • މިއީ އެ ފިރިހެންމީހާ އޭނާއަށް އަނިޔާކުރިތަން ފެނުނު ފުރަތަމަ ފަހަރެއް ނޫން

  • މީގެ ފަސް ވަރަކަށް ދުވަސް ކުރިން ހަމަ މިފަދަ ކަމެއް ހިނގި. ކައުންސިލާއި ފުލުހުން އެ ދުވަހު އެމީހުން ގާތަށް ދިއުމުން ދެ މީހުން ސުލްހަ ކަމަށާއި މައްސަލަ ޖައްސަން ބޭނުންނުވާ ކަމަށް، އަންހެންމީހާ ބުނި

އިތުރު އާޓިކަލް

އިތުރު އާޓިކަލް