ރައީސްގެ މޮޓޯކޭޑަށް އިދިކޮޅު މުޒާހަރާގެ ތެރޭގައި.

ޝިޔާމް ދޫކޮށްލައި މޮޓޯކޭޑަށް ހުރަސް އެޅުމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި

ބައިވެރިންގެ ތެރެއަށް މޮޓޯކޭޑް ވަދެގެން ދިޔަ ވަގުތު ޝިޔާމް އެ ސަރަހައްދުގައި ނުވެސް ނެތް ކަމަށް ޕީޕީއެމް އިން ބުނޭ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސް އެޅުމުގެ ތުހުމަތުގައިި ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ދޫކޮށްލައިފި އެވެ. 

ވީ ކިހިނެެއް؟ - ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ޝިޔާމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އޭނާ އިސްވެ ހުންނަވައި އެ ޕާޓީން ރޭ ބޭއްވި މުޒާހަރާގެ ތެރެއިން ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅައިގެންނެވެ. އެނގިފައިވާ ގޮތުގައި، މާފަންނު ވިލީ ފުލުހުގައި ބެހެއްޓުމަށް ފަހު ރޭ މެންދަމު އޭނާ ދޫކޮށްލީ އެވެ. 

ތަފްސީލް - ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވީ، ރައީސްގެ މޮޓޯކޭޑް އެ ތަނަށް ދިޔައީ އެ ޕާޓީން އިހުތިޖާޖުކުރަމުން ދަނިކޮށް ކަމަށާއި، ބައިވެރިންގެ ތެރެއަށް މޮޓޯކޭޑް ވަދެގެން ދިޔަ ވަގުތަކީ ޝިޔާމް އެ ސަރަހައްދުގައި ނުވެސް ނެތް ވަގުތެއް ކަމަށެވެ.

"ޝިޔާމް އިންނެވީ ޕީޕީއެމް އޮފީހާ ޖެހިގެން ހުންނަ ލެސޫކްގައި ކޮފީއެއް ބޯން އެ ވަގުތު. އިހުތިޖާޖު ތެރޭގައެއް ނޫން. ޝިޔާމް ހައްޔަރުކުރީ ސެކިއުރިޓީ ފެއިލްވުމުން އެ ކަމުގެ ޒިންމާއިން ރެކެން،" ހީނާ ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - ފުލުހުންގެ ތަރުޖަމާނަކު މިއަދު ވިދާޅުވީ:

  • ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅައިގެން ހައްޔަރުކުރީ ހަތަރު މީހުން

  • އެ އެންމެން އަދިވެސް ތިބީ ހައްޔަރުކޮށްފައި 

  • އެ މީހުންގެ ތެރޭގައި ޝިޔާމް ނުހިމެނޭ

މީގެ އިތުރުން، ރޭ އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން 17 މީހަކު ހައްޔަރުކުރި އެވެ. ފުލުހުން ބުނި ގޮތުގައި މުޒާހަރާ އިން ހައްޔަރުކުރީ:

  • އަށް ފިރިހެނުން

  • ނުވަ އަންހެނުން

ޕީޕީއެމް އިން ރޭ ދަންވަރު ނެރުނު ބަޔާނެއްގައި ބުނީ، މުޒާހަރާގެ ބައިވެރިންގެ ތެރެއަށް މޮޓޯކޭޑް ވަދެގެން ދިޔަ ވަގުތަކީ މުޒާހަރާ ނިންމާލަން މުޒާހަރާގެ ބައިވެރިން ޕާޓީ އޮފީސް ކުރިމައްޗަށް އެއްވެ ތިބި ވަގުތެއް ކަމަށެވެ.

އެ ވަގުތުގައި ކުއްލިއަކަށް ރައީސްގެ މޮޓޯކޭޑް ބައިވެރިންގެ ތެރެއަށް ވަދެގަތުމަކީ ނޭނގި ހިނގާނެ ކަމެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި، އެއީ ވަރަށް ބޮޑަށް ރާވައިގެން ހިންގި އަމަލެއް ކަމަށެވެ.

ޕީޕީއެމް އިން ބުނީ އެއީ ރާވައިގެން ހިންގި ކަމެއް ނޫން ނަމަ، އެއީ ދިވެހި ފުލުހުންނާއި ސިފައިންގެ އިހުމާލެއް ނުވަތަ ފަރުވާކުޑަކުރުމުގެ އަމަލެއް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް