މާރާމާރީ އާ ގުޅިގެން ހޯދަމުންދާ އިބްރާހިމް ފައިހް ނިޒާމް

ގޭންގު ކުށްތައް

ފައިހް ފޮރުވައިގެން އުޅުން: ހައްޔަރުކުރި މީހުންގެ ތެރެއިން 2 މީހުން ދޫކޮށްލައިފި

ދެމީހުން ދޫކޮށްލީ އެކަށީގެންވާ ވަރަށް ހެކި ނެތްކަމަށް ބުނެ ކޯޓުން

މިފަހުން މާލޭގައި ހިންގި ގުރޫޕު މާރާމާރީއަކާ ގުޅިގެން ހޯދަން އިއުލާންކޮށްފައިވާ މީހަކު ފޮރުވައިގެން އުޅޭ ކަމަށް ބެލެވޭ މައްސަލައިގައި ރޭ ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން ދެ މީހަކު ކޯޓުން ދޫކޮށްލައިފި އެވެ. 

ވީ ކިހިނެެއް؟ - ގޭންގު ހަދައިގެން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ކަމުގެ ތުހުމަތުގައި ހޯދަން އިއުލާން ކޮށްފައި ވަނީ، އިބްރާހީމް ފައިހް ނިޒާމު، ސ. މަރަދޫފޭދޫ/ރަށްދެބައިގެ އެވެ. 

ފުލުހުން އޭނާ ހޯދުމަށް ކުރި މަސައްކަތުން މަހެއް ވީއިރު އޭނާ ފެނިފައި ނުވަނީ ބަޔަކު އޭނާ ހައްޔަރުވިޔަ ނުދޭން ފޮރުވައިގެން އުޅޭތީ ކަމަށް ތުހުމަތުކޮށް ރޭ ވަނީ ފަސް މީހަކު ހައްޔަރު ކޮށްފަ އެވެ.

ތަފްސީލް - ފުލުހުން މިއަދު ބުނީ، އެ ފަސް މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެމީހަކު ދޫކޮށްލާފައިވާ ކަމަށެވެ.

އެ ދެމީހުން ދޫކޮށްލީ:

  • ހެކީގެ ގޮތުގައި ފުލުހުން ހުށަހަޅާފައިވާ ތަހުގީގީ ރިޕޯޓާއި ވީޑިއޯ ސްނެޕްޝޮޓުތަކުން އެ ދެމީހުން ބަންދުގައި ބައިތިއްބޭ ވަރަށް ހެކި ލިބިފައި ނެތް ކަމަށް ބުނެ

  • ކޯޓުން ބުނެފައިވަނީ ވީޑިއޯ ސްނެޕްޝޮޓުތަކުން، ފައިހް އާއެކު އެ ދެމީހުން އުޅޭ މަންޒަރު ނުފެންނަ ކަމަށް 

ފަސް މީހުންގެ ތެރެއިން ދެމީހަކު ދޫކޮށްލިއިރު، އެމައްސަލާގައި ހައްޔަރުކުރި އަނެއް ތިން މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފަ އެވެ.

އެނގުން މުހިންމު - ފައިހް ހޯދަން ފުލުހުން އެންމެ ފުރަތަމަ އިއުލާންކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. އޭނާ ނުފެނިގެން މިމަހުގެ 15 ވަނަ ދުވަހު ވެސް އޭނާ ހޯދަން އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދުނެވެ. ފައިހް ހޯދަން އިއުލާންކޮށް ފުލުހުން ކުރިން ބުނެފައިވާ ގޮތުން:

  • ފައިހް، 25، ހޯދަމުން ދަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުން ގެންދާ، ގުރޫޕް ހަދައިގެން، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން

  • ފައިހްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓަމްންޓްގެ ނަންބަރު 9911099އަށް ގުޅަން އެދުނު

  • ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ވެސް އެދުނު

ކޮމެންޓް (1)

ސިކުނޑި

21 މާރިޗު 2023
މިހާރު ހުރި ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު މި ފުރަމާލެއިން 2 މަސްތެރޭގައި މީހަކު ނުހޯދޭނަމަ ފުލުހުން ދެން އެހެން ކޮންމެވެސް ކަމަކާއުޅެންވީ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް