ލޭބަ ޕާޓީގެ ޗެއަޕާސަން އަހުމަދު ޝިހާމް އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު

ސިޔާސީ ޕާޓީތައް

ކުރީގެ އެންމެ ބޮޑު އެއް ޕާޓީ ޑީއާރުޕީ އެންމެ ފަހުން އުވާލައިފި

ކުރީގެ ރައީސް މައުމޫން އިސްވެ ހުންނަވައި 2005ގައި އުފެއްދެވި ޕާޓީގެ އެންމެ ފަހު ލީޑަރަކީ އަބްދުﷲ ޖާބިރު

ރާއްޖޭގެ އެންމެ ދުވަސް ވީ އަދި ކުރީގެ އެންމެ ބޮޑު އެއް ޕާޓީ ޑީއާރުޕީގައި ގާނޫނީ އެންމެ ދަށް އަދަދު ކަމަށްވާ 3،000 މެމްބަރުން ހަމަނުވެގެން އެންމެ ފަހުން މިއަދު އުވާލައިފި އެވެ.

ޑީއާރުޕީގެ އިތުރުން މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (ލޭބާ ޕާޓީ) ވެސް، މެމްބަރުން ހަމަނުވެގެން އުވާލި އެވެ.

ވީ ކިހިނެއް؟ - ގާނޫނުގައި ބުނާ އަދަދު ހަމަކުރަން؛

  • އިލެކްޝަންސް ކޮމިޝަނުން ތިން މަހުގެ ނޯޓިސްއެއް ދެ ޕާޓީއަށް ވެސް ދިން

  • އެ ނޯޓިސްގެ މުއްދަތުގައި ދެ ޕާޓީންކުރެ އެއްވެސް ޕާޓީއަކަށް 3،000 މެމްބަރުން ހަމަކުރެވިފައެއް ނުވޭ

ބުނީ ކީކޭ؟ - އީސީއިން މިއަދު ބުނީ ދެ ޕާޓީ އުވާލި އިރު ދަރަންޏަށް ޒިންމާވާނެ ފަރާތެއް އަންގަން ދިން ފުރުސަތުގައި އެ ކަން ވެސް ފުރިހަމަކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން ދެ ޕާޓީގައި ދަރަންޏެއް އޮތް ނަމަ އޭގެ ޒިންމާ އުފުލަން ޖެހޭނީ ދަރަނި އުފެދުނު އިރު ޕާޓީގެ އެންމެ އިސް ފަރާތަކަށް ހުރި މީހަކު ކަމަށް، ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް ރިއާޔަތްކޮށް އީސީން ވަނީ ކަނޑައަޅައިފަ އެވެ.

އެނގުން މުހިންމު - އީސީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ އެންމެ ފަހު ދަފްތަރުން ދައްކާ ގޮތުން:

  • މިދިޔަ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ޑީއާރުޕީގައި ތިބީ 2،242 މެމްބަރުން

  • ލޭބަ ޕާޓީގައި ތިބީ 2،556 މެމްބަރުން

ޑީއާރުޕީގެ ލީޑަރަކަށް އެންމެ ފަހުން ހުންނެވީ ކާށިދޫ ދާއިރާގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރެވެ. ލޭބަ ޕާޓީގެ ޗެއާޕާސަންއަކީ އަހުމަދު ޝިހާމް އެވެ.

ޑީއާރުޕީއަކީ ރާއްޖޭގައި ރަޖިސްޓްރީކުރި ދެ ވަނަ ޕާޓީ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު އިސްވެ ހުންނަވައި 2005ގައި އުފެއްދި ޕާޓީ، 2008ގެ ރިޔާސީ އިންތިހާބަށް ފަހު ބަދަލުވީ އެންމެ ބޮޑު އިދިކޮޅު ޕާޓީއަށެވެ. އޭރު ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ވެސް އޮތީ ޑީއާރުޕީގަ އެވެ.

އެކަމަކު މައުމޫންގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އަހުމަދު ތަސްމީން އަލީއާ ޕާޓީ ހަވާލުކުރުމަށް ފަހު ދެން އުފެދުނު ބައިބައިވުމުގައި މައުމޫންގެ ފެކްޝަނުން ޕީޕީއެމް ރަޖިސްޓްރީކުރި އެވެ.

މިހާރު ސިންގަޕޫރުގެ ސަފީރަކަށް ހުންނެވި ތަސްމީންއަކީ ޑީއާރުޕީއަށް އެންމެ ބޮޑު ހޭދައެއް ކުރެއްވި އެއް ބޭފުޅެވެ. އޭނާ ޕާޓީ ދޫކޮށްލެއްވުމުން ޑީއާރުޕީއާ ހަވާލުވެވަޑައިގަތީ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އެވެ. ޖާބިރަށް އެ ޕާޓީ ލިބިވަޑައިގަތީ ނަޝީދުގެ އަތުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް