އައީ ކާޑުގެ ޑިޒައިން ކާމިޔާބުކުރި އެންކްރިއާ އާއި ޑީއެންއާރުގެ އިސް ވެރިން
އާ އައިޑީ ކާޑަށް ހޮވުނީ އެންކްރިއާއިން ހުށައެޅި ޑިޒައިން
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އާ ޑިޒައިން ކުރުމަށް ހުޅުވާލި ފުރުސަތު 'އެންކްރިއާ ޕްރައިވެޓް ލިމިޓެޑް' އިން ކާމިޔާބުކޮށްފި އެވެ.
ވީ ކިހިނެއް؟ - މީގެ 39 އަހަރު ކުރިން ފެށިގެން ބޭނުން ކުރަމުން އަންނަ އައިޑީ ކާޑުގެ ޑިޒައިނަށް ބަދަލު ގެންނަން ނިންމީ، 2021 ވަނަ އަހަރު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގަ އެވެ.
އޭގެ ފަހުން، އައިޑީ ކާޑުގެ އާ ޑިޒައިން ހުށަހެޅުމުގެ ފުރުސަތު މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވަނީ ހުޅުވާލާފަ އެވެ.
އައިޑީ ކާޑުގެ ޑިޒައިން ބަދަލު ކުރަން ނިންމީ ޒަމާނީ ސެކިއުރިޓީ ފީޗާތައް ހިމަނައި ސްމާޓް އެއްޗެއްގެ ގޮތުގައި ނެރުމަށެވެ.
ތަފްސީލު - އާ އައިޑީ ކާޑަށް، އެންކްރިއާގެ ޑިޒައިން ހޮވުނީ، އައިޑީ ކާޑުގެ ގޮތުގައި އެހެން ފަރާތްތަކުން ހުށަހެޅި ޑިޒައިންތަކަށް ބަލައި ހުރިހާ ގޮތަކުން ވެސް އެންމެ ފުރިހަމަވުމުންނެވެ. އާ ޑިޒައިންގެ އިނާމެއްގެ ގޮތުގައި އެ ކުންފުންޏަށް ވަނީ 200،000ރ. ލިބިފަ އެވެ.
އާ އައިޑީ ކާޑުގެ ޑިޒައިން ހެދި އެންކްރިއާގެ ޓީމު
-
ގްރެފިކްސް ޑިޒައިނަރު އަބްދުﷲ ޝަފީއު (އަބޯ)
-
ގްރެފިކްސް ޑިޒައިނަރު ހުސެން ޝާޒިފް އާދަމް
-
ޓެކްނޮލޮޖީ ދާއިރާގައި ހަރަކާތްތެރިވާ ހުސައިން ޖިނާން
-
މުހައްމަދު ޝައްމޫން
މީގެ ހަތަރު އަހަރު ކުރިން އުފެއްދި އެ ކުންފުނިން ވަނީ، އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ބްރޭންޑިންގެ ހުރިހާ މަސައްކަތްތަކެއް ވެސް ކޮށްފަ އެވެ. އޭގެ އިތުރުން ވެސް ގައުމީ ފެންވަރުގެ އެހެން މުބާރާތްތަކާއި އިވެންޓުތަކުގައި އިސްކޮށް އެ ކުންފުނިން މަސައްކަތްކޮށްފައި ވެ އެވެ.
އެނގުން މުހިންމު - އާ އައިޑީ ކާޑުގެ ތަފްސީލެއް ނެޝެނަލް ރަޖިސްޓްރޭޝަން ޑިޕާޓްމަންޓާއި އެންކްރިއާ އަކުން ވެސް އަދި އާއްމެއް ނުކުރެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން އައިޑީ ކާޑުގެ އާ ޑިޒައިން ދައްކާލާނެ އެވެ. ނަމަވެސް، އިންތިހާބުގެ ކުރިން ޑިޒައިން ބަދަލު ކުރާނެ ކަމަކަށް ނުބެލެވެ އެވެ.
ގުޅުން ހުރި ކަމެއް - އައިޑީ ކާޑުގެ ޑިޒައިން ބަދަލުކުރުމުގެ މަސައްކަތް ފަށާފައި ވާއިރު، ޑިޖިޓަލް އައިޑީ ޓެސްޓުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފަ އެވެ. ނަމަވެސް، ޑިޖިޓަލް އައިޑީ އާންމުކޮށް ބޭނުންކުރަން ފަށާ ސީދާ ތާރީހެއް އަދި ނޭނގެ އެވެ.
ކޮމެންޓް (1)
ސަރުހާން