ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ސާބިއާގެ ރައީސް ވޫޗިޗްއާ މިއަދު ބައްދަލުކުރައްވަނީ (ފޮޓޯ/ ރައީސް އޮފީސް

ރައީސް ސޯލިހް، ސާބިއާގެ ރައީސްއާ ބައްދަލުކުރައްވައިފި

ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި
7 މާރިޗު 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ސާބިއާގެ ރައީސް އަލެކްސާންޑާ ވޫޗިޗްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އދ.ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ކޮންފަރެންސަށް މިވަގުތު ގަތަރުގެ ދޯހާއަށް ވަޑައިގެން ހުންނެވި ރައީސް ސޯލިހް، ސާބިއާގެ ރައީސްއާ ބައްދަލުކުރެއްވީ އެ ކޮންފަރެންސްގެ ހަވާސާގަ އެވެ.

ތަފްސީލު - ރައީސް އޮފީހުން ބުނި ގޮތުގައި، މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ދެ ރައީސުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި އެވެ. އަދި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ވާހަކަ ދެއްކެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އޭގެ އިތުރުން: 

  • ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައި

  • އެ އެއްބަސްވުންތަކާ އެކު ކުރިއަށް ދާން ޖެހޭކަން ފާހަގަކޮށްފައިވޭ

  • ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެ ބޭފުޅުން ވެސް، ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން ބަދަހިކުރުމަށާއި އެކި ދާއިރާތަކުން އެއްބާރުލުން އަލުން އާކުރުމުގެ އުއްމީދު ފާޅުކުރައްވަމުން

އެނގުން މުހިއްމު - ދޯހާއަށް ފަހު، ރައީސް ސާބިއާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އެއަށް ފަހު، އައިޓީބީ ފެއާގައި ބައިވެރިވެވަޑައިގަތުމަށް ޖަރުމަނަށް ވަޑައިގަންނަވާނެ އެވެ.

ފަސްމަންޒަރު - އދ.ގެ ކޮންފަރެންސްގައި ބައިވެެރިވެވަޑައިގަތުމަށް ރައީސް ދޯހާއަށް ވަޑައިގެންނެވީ މިދިޔަ ހޮނިހިރު ދުވަހު އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް