'ނޫރާއްޖެ' އާއި ނެޝަނަލް ޖިއޮގްރަފިކްގެ 'ޕްރިސްޓީން ސީސް' ގުޅިގެން ހިންގާ ދިރާސާގައި ބޭނުން ކުރާ ބްރަވް ސިސްޓަމެއް، ކަނޑަށް ދޫކޮށްލަން ތައްޔާރުވަނީ: މީގެ ސިސްޓަމެއް ކަނޑަށް ދޫވެ، ވަނީ ގެއްލިފައި. (ފޮޓޯ/ނޫރާއްޖެ

މެރިން ސައިންސް

ކަނޑުުފަޅު ދިރާސާގެ މުހިއްމު އާލާތްތަކެއް ކަނޑަށް ދޫވެ ގެއްލިއްޖެ

މިއީ ދިރާސާގެ މުހިއްމު މައުލޫމާތުތަކެއް އެއްކުރުމަށް ކަނޑަށް ދޫކުރި އަގު ބޮޑު އާލާތްތަކެއް

ރާއްޖޭގެ ކަނޑުފަޅުގެ ސަރަހައްދުތައް ބޭނުންކުރާ ގޮތް ބަލައި ތަރުތީބު ކުރުމަށް މިހާރު ކުރިއަށް ގެންދާ ސައިންޓިފިކް ދިރާސާގެ މުހިއްމު އާލާތްތަކެއް ކަނޑަށް ދޫވެ، ގެއްލިއްޖެ އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ ކަނޑުތައް ހިމާޔަތް ކުރުމަށް، ސަރުކާރުން އިސްކޮށް ތިބެ ހިންގާ 'ނޫރާއްޖެ' ޕްރޮގްރާމާއި ނެޝަނަލް ޖިއޮގްރަފިކްގެ 'ޕްރިސްޓީން ސީސް' ގުޅިގެން، މި ދިރާސާ ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހެވެ.

މަސްދުވަހަށް ކުރިއަށް ގެންދާ މި އެކްސްޕެޑިޝަނުގެ ދަށުން ގއ. އަދި ގދ. އަތޮޅުގެ އިތުރުން ފުވައްމުލަކާއި އައްޑުއަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ތަފްސީލު - ދިރާސާގެ މުހިއްމު ސާމާނުތައް ގެއްލިފައިވަނީ، ގދ. ކާޑެއްދޫ ދެކުނުފަރާތު ބޭރަށް، މިދިޔަ ބުރާސްފަތި ދުވަހު ކަނޑަށް ދޫކޮށްފައި ވަނިކޮށެވެ.

'ނޫރާއްޖެ' ޕްރޮގްރާމްގެ ކޯޑިނޭޓަރު މޫސާ ޒަމީރު ހަސަން ވިދާޅުވި ގޮތުގައި، އެއީ ކަނޑުގެ މަތީ ފަށަލައިގައި އުޅޭ މަސްތައް މޮނީޓާކޮށް، މައުލޫމާތު އެއްކުރުމަށް، އެ ފަދަ މަސްތައް ގަޔާވާ ގޮތަށް، ދޫކޮށްފައި ހުންނަ 'ބްރަވް' ސިސްޓަމެކެވެ.

  • އެ އާލާތް މާކަނޑަށް ދޫކޮށްލީ ބޮއެ އެއްސުމަށް ފަހު 

  • 'ބްރަވް ސިސްޓަމް' އޮތް ތަން ދެނެގަންނާނީ އެ ކަމަށް ހާއްސަ ޓްރެކިން ވަސީލަތެއް މެދުވެރިކޮށް

"އެކަމަކު އަޅުގަނޑުމެންނަށް އެ ޓްރެކް ނުކުރެވި އިނީ. އެހެންވެ، އެ ސިސްޓަމް ވީ ތަނެއް މިހާރު އެއްގޮތަކަށް ވެސް ނޭނގެ،" މޫސާ ވިދާޅުވި އެވެ.

'ނޫރާއްޖެ' އާއި ނެޝަނަލް ޖިއޮގްރަފިކްގެ 'ޕްރިސްޓީން ސީސް' ގުޅިގެން ހިންގާ ދިރާސާގައި ބޭނުން ކުރާ ބްރަވް ސިސްޓަމްތަކެއް: މި ތަކެތި މިހާރު ވަނީ ގެއްލިފައި. (ފޮޓޯ/ނޫރާއްޖެ)

އޭނާ ވިދާޅުވި ގޮތުގައި، މި ސިސްޓަމްގައި އަގު ބޮޑު ގިނަ އާލާތްތައް ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • 1-

    ފަސް 'ބެއިޓެޑް ރިމޯޓް އަންޑަ ވޯޓާ ވީޑިއޯ' ނުވަތަ ބްރަވް ސިސްޓަމް

  • 2-

    އޭގައި ހިމެނޭ މެޓަލް ފްރޭމްތައް

  • 3-

    10 ގޯ ޕްރޯ

"މިއީ އަގު ބޮޑު އެއްޗެހިތަކެއް. އެކަމަކު އަގަށް ވުރެ ބޮޑަށް އަޅުގަނޑުމެން ކަންބޮޑުވަނީ ދިރާސާއަށް މުހިއްމު މައުލޫމާތުތަކެއް ގެއްލުމުން،" މޫސާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި އާލާތްތައް ގެއްލުނުކަން އެކި ރަށްރަށަށް މިހާރު ވަނީ އަންގާފަ އެވެ. މި ސިސްޓަމްގައި ރީނދޫ ކުލައިގެ 10 ބޮއި އަޅާފައި އޮތް އިރު، އޭގައި ދިދައެއް ހަރުކޮށްފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޮޔާ، އެ ސިސްޓަމް މިހާރު ދުރަށް ދަތުރުކޮށްފާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މޫސަ ވިދާޅުވެ އެވެ.

ކަނޑުމަތިން މި އާލާތްތައް ފެނިއްޖެ ނަމަ ގުޅަން އެދިފައިވާ ނަމްބަރުތަކަކީ:

  • 7772155 މޫސާ ޒަމީރު 

  • 9972554 މައީޝާ މުހައްމަދު

އެނގުން މުހިންމު - 'ނޫރާއްޖެ' އިން ކުރިން ބުނެފައިވާ ގޮތުގައި، މި ދިރާސާ ދަތުރުގައި ބައިވެރިވާ ސައިންސްވެރިން ރާއްޖޭގެ ދެކުނުގެ ކަނޑުތަކުގެ ހާލަތު، ކެމެރާ މެދުވެރިކޮަށް ދެނެގަންނާނެވެ. އަދި ކުރިން 'ނޫރާއްޖެ' ޕްރޮގްރާމުން ކުރިއަށް ގެންދިޔަ އެކްސްޕެޑިޝަންތަކުން އެއްކުރި މައުލޫމާތުތައް، މި ދަތުރުގައި ހިންގާ ސައިޓިފިކް ދިރާސާތަކުން އިތުރަށް މުއްސަނދިވެގެން ދާނެ އެވެ.

މި މައުލޫމާތުން، ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީގެ ކަންކަން ބައްޓަން ކުރަން އެހީވެދޭނެ ކަމަށް ވެސް އެ ޕްރޮގްރާމުން ބުންޏެވެ.

ކޮމެންޓް (1)

ސަބްމޯ

6 މާރިޗު 2023
އަދިވެސް ސަބްމެރިން ދުއްވޭނެ މަގުތައް ނުހޯދެނީތަ. ހާދަ ދުވަހެކޭ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް