ފިޝަރީޒް މިނިސްޓްރީން ކަނދުފަތި އެޅުމުގެ މަސައްކަތް ކުރަނީ. (ފޮޓޯ/ފިޝަރީޒް މިނިސްޓްރީ

ސްޕޯޓް ފިޝިން

ދެކުނުގެ 3 އަތޮޅެއްގައި ސްޕޯޓް ފިޝިންއަށް ހާއްސަ ކަނދުފަތިތަކެއް އަޅަނީ

ގއ، ޏ އަދި ސ. އަތޮޅުގައި ވަދު މަސްވެރިކަމާއި ސްޕޯޓް ފިޝިންއަށް ހާއްސަ ކަނދުފަތިތަކެއް އެޅުމުގެ އިތުރުން ސ. އަތޮޅުގައި ދޮށީގެ މަސްވެރިކަމަށް ހާއްސަ ކަނދުފައްޗެއްވެސް މި ބުރުގައި ފިޝަރީޒް މިނިސްޓްރީން އަޅާނެ

ރާއްޖޭގެ ދެކުނުގެ ބައެއް އަތޮޅުތަކުގައި ސްޕޯޓް ފިޝިން އާއި ވަދު މަސްވެރިކަމަށް ހާއްސަ ކަނދުފަތި އެޅުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި އެ ކަނދުފަތިތައް އަޅާނީ:

  • ގއ އަތޮޅު

  • ފުވައްމުލައް

  • އައްޑޫގައި

ތަފްސީލު - އެކަން ކުރުމުގެ މަގްސަދަކީ، ދިވެހިންނަށް އާމްދަނީ ހޯދޭނެ އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ ގޮތުން ގެސްޓުހައުސް ވިޔަފާރިއާއެކު މިހާރު ފުޅާވަމުން އަންނަ މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަމާއި ސްޕޯޓް ފިޝިންއަށާއި ކެއުމުގެ ބޭނުމަށް ރަށާ ކައިރިން މަސްވެރިކަން ކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް މިނިސްޓްރީއިން ބުންޏެވެ.

ކަނދުފަތި އަޅަން މިނިސްޓްރީން 1 - 12 މާޗްއާ ހަމައަށް ކުރަމުން އަންނަ ދަތުރުގައި ހަތަރު ވަދު ކަނދުފައްޗާއި ދޮށީގެ މަސްވެރިކަމަށް ހާއްސަ އެއް ކަނދުފަތި އަޅާނެ އެވެ.

ފިޝަރީޒް މިނިސްޓްރީގެ ޓީމުން ކަނދުފަތި އެޅުމުގެ މަސައްކަތް ކުރަނީ. (ފޮޓޯ/ފިޝަރީޒް މިނިސްޓްރީ

ސްޕޯޓް ފިޝިން އާއި ވަދު މަސްވެރިކަމަށް ކަނދުފަތި އަޅާ ސަރަހައްދުތައް

  • 1-

    ގއ. މާމެންދޫގެ އިރުން 4.5 މޭލު ބޭރުގައި - ވަދު މަސްވެރިކަމަށް

  • 2-

    ޏ. ފުވައްމުލަކުގެ އިރު ދެކުނުން (ދިރާސާކުރުމަށްފަހު ސީދާ ޕޮޒިޝަން ކަނޑައަޅާނެ) - ވަދު މަސްވެރިކަމަށް

  • 3-

    ސ. ހުޅުމީދޫގެ އިރު ދެކުނުން ހަ މޭލު ބޭރުގައި - ވަދު މަސްވެރިކަމަށް

  • 4-

    ސ. ގަމުގެ ދެކުނުން ފަސް މޭލު ބޭރުގައި - ވަދު މަސްވެރިކަމަށް

އޭގެ އިތުރުން އައްޑޫ ވިލިނގިލީގެ އިރުން 15 މޭލު ބޭރުގައި ދޮށީގެ މަސްވެރިކަމަށް ހާއްސަ ކަނދުފައްޗެއްވެސް އަޅާނެ އެވެ.

އެ ކަނދުފަތިތައް ފަރުމާކޮށްފައިވަނީ، މިނިސްޓްރީން ބުނި ގޮތުގައި 2021 ގައި އަޖުމަބެލުމުގެ ގޮތުން އެޅި ކަނދުފަތިތަކުގެ ނަތީޖާއަށް ބެލުމަށްފަހު، ޑިޒައިން ބަދަލުކޮށްގެންނެވެ. އެގޮތުން:

  • ދުރަށް ފެންނަ ފަދަ ބައްތިތަކާއި ކަނދުފަތި އޮތް ތަން ދެނެގަތުމަށް އުޅަނދުފަހަރަށް ބޭނުންކުރެވޭ ފަދަ ރާޑަ ރިފްލެކްޓާއެއް ކަނދުފަތިތަކުގައި ހުންނާނެ

  • ވަދު ކަނދުފަތިތައް ހުންނާނީ ރީނދޫ ކުލައިގައި

ވަދު މަސްވެރިކަމާއި ސްޕޯޓް ފިޝިންއަށް ހާއްސަކޮށް ފިޝަރީޒް މިނިސްޓްރީން އަޅާ ކަނދުފަތިތައް. ފޮޓޯ/ފިޝަރީޒް މިނިސްޓްރީ)
ވަދު މަސްވެރިކަމާއި ސްޕޯޓް ފިޝިންއަށް ހާއްސަކޮށް ފިޝަރީޒް މިނިސްޓްރީން އަޅާ ކަނދުފަތިތައް. ފޮޓޯ/ފިޝަރީޒް މިނިސްޓްރީ)

ބުނީ ކީކޭ؟ - މިނިސްޓްރީން ބުނީ ވަދު ކަނދުފަތިތަކާ އެކު ރާއްޖޭގައި މަސްވެރިކަން ކުރަން އަންނަ ފަތުރުވެރިންނަށް މުޅިން އާ ފުރުސަތުތަެއް ހުޅުވި، މި މަސައްކަތުގައި އުޅޭ ޒުވާނުންނަށް މަސްވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދޭނެ އާ ދޮރެއް ހުޅުވޭނެ ކަމަށެވެ.

"އަދި ކުދި އުޅަނދުފަހަރުގައި މަސްވެރިކަން ކުރާ ފަރާތްތަކަށް ރަށާ ކައިރިން ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާ އެކު މަސްވެރިކަން ކުރުމުގެ ފުރުސަތު ފަހިވެ އޭގެ ސަބަބުން ކާނާގެ ޔަގީންކަން އިތުރުވެގެންދާނެ ކަމަށް މި މިނިސްޓްރީން ދެކެމެވެ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

މި ބުރުގައި ދެކުނުގެ ބައެއް އަތޮޅުތަކުގައި ވަދު ކަނދުފަތި އަޅާއިރު، މި އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކަނދުފަތި އަޅަން މިނިސްޓްރީން ވަނީ ރާވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް