ދުވާފަރު ކައުންސިލްގެ މެމްބަރުން ރަށުގެ ހިއްކި ސަރަހައްދު ބަލާލަނީ: އެ މީހުންގެ މައްޗަށް ދައުވާ ކުރަން ވަނީ ފޮނުވާފައި (ފޮޓޯ/ ދުވާފަރު ކައުންސިލް)

ރ. ދުވާފަރު

ދުވާފަރުު ކައުންސިލްގެ ކޮރަޕްޝަން މައްސަލައިގައި 8 މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ދައުވާކޮށްދޭން އެދުނު މީހުންގެ ތެރޭގައި ކައުންސިލްގެ ހަ މެމްބަރެއްގެ އިތުރުން މުވައްޒަފުން ހިމެނޭ

ރ. ދުވާފަރު ކައުންސިލުގެ މައްޗަށް ކުރާ 2 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައިގައި އަށް މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ.

ވީ ކިހިނެއް؟ - ދުވާފަރު ކައުންސިލުން 2 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ހިޔާނާތް ހިންގައި ކައުންސިލް މެމްބަރުންގެ އަމިއްލަ އެކައުންޓުތަކަށް ފައިސާ ޖަމާކުރި ކަމަށް ބުނާ މައްސަލަ ފާހަގަވީ، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކުރި ހާއްސަ އޮޑިޓަކުންނެވެ. އެ މައްސަލަ ބެލުމަށް ފަހު އެލްޖީއޭ އިން ވަނީ އެ ކައުންސިލްގެ ހުރިހާ މެމްބަރުން ސަސްޕެންޑުކޮށްފަ އެވެ.

ތަފްސީލް - އޭސީސީން ބުނި ގޮތުގައި އެ މައްސަލައިގައި:

  • 12 މީހެއްގެ މައްސަލަ ތަހުގީގުކުރި

  • ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާއަށް ފަހު ދައުވާކޮށްދޭން އެދި ފޮނުވީ އަށް މީހުންގެ މައްޗަށް

އެ އަށް މީހުންނަކީ:

  • 1-

    ކައުންސިލްގެ ރައީސް ހަސަން ހަކީމް

  • 2-

    ކައުންސިލްގެ ނާއިބު ރައީސް އިޒްމީލް އަހުމަދު

  • 3-

    ކައުންސިލްގެ އޭރުގެ މެމްބަރު އަހްމަދު ސަމޫހު

  • 4-

    ކައުންސިލްގެ މެމްބަރު މުހައްމަދު ޝާމް

  • 5-

    ކައުންސިލްގެ މެމްބަރު ޒުހުދާ އާދަމް

  • 6-

    ކައުންސިލްގެ މެމްބަރު އާމިނަތު ސޮލާހު

  • 7-

    ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހު

  • 8-

    ކައުންސިލް އިދާރާގެ އޭރުގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅު 

ދުވާފަރު ކައުންސިލްގެ މެމްބަރުން ބައްދަލުވުމެއްގައި. (ފޮޓޯ/ކައުންސިލް)

އޭސީސީން ބުނި ގޮތުގައި މި އެންމެންގެ މައްޗަށް ވެސް ކޮށްދިނުމަށް އެދިފައިވާ ދައުވާތަކަކީ:

  • ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ

  •  ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ

  •  ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ

އޭސީސީން ބުނީ އުސޫލުތަކާ ހިލާފަށް ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް ހިންގާފައިވާކަން ފާހަގަކުރެވުނު މި މައްސަލަ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކޮމިޝަނަށް ހުށައެޅުމާ އެކު، ހާއްސަ ޓީމަކުން އެ ރަށަށް ގޮސްފައިވާ ކަމަށެވެ. އަދި ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކޮށް، ދެ މަސް ތެރޭގައި މައްސަލަ ނިންމައި ޑިއުޓީ ޕްރޮސިކިއުޝަނަށް ފޮނުވާފައިވާ ކަމަށް އެ ތަނުން ބުންޏެވެ.

އެލްޖީއޭ އިން ކުރިން އާންމުކުރި މޮނިޓަރިން ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަން:

  • މާލިއްޔަތު ގަވައިދާ ހިލާފަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް 1.7 މިލިއަން ރުފިޔާ ޖަމާކޮށްފައިވޭ

  • ނަގުދު ފައިސާ އިން އެއްވެސް ހުއްދައެއް އަދި ލިޔެކިއުމެއް ނެތި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހަވާލުކޮށްފައިވޭ

  • ޒަކާތަށް ދޭން ޖެހޭ ގާތްގަނޑަކަށް 400،000ރ. ވެސް ޖަމާކޮށްފައިވަނީ މެމްބަރުންގެ އަމިއްލަ އެކައުންޓްތަކަށް

  • ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި ގެންގުޅުމާއި ހިސާބުތައް ބެލެހެއްޓުމަށް ކައުންސިލަރުންނާއި މުވައްޒަފުން ވަނީ އިހުމާލުވެފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް