ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)

ގިނަ މީހުން ވެކްސިން ޖެހީ މަޖުބޫރުވެގެން؛ ވެކްސިނާ މެދު ނުރަނގަޅު ތަސައްވަރެއް އެބައޮތް: ދިރާސާ

މަޖުބޫރީ ހާލަތު ކެނޑުމުން، ވެކްސިން ޖަހާ މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް، ހެލްތު މިނިސްޓްރީ އާއި ގުޅިގެން މޯލްޑިވްސް ރެޑް ކްރެސެންޓުން ހަދާފައިވާ ދިރާސާއަކުން ދެއްކި
26 ފެބްރުއަރީ 2023
1

ރާއްޖޭގައި ގިނަ މީހުން ކޮވިޑް ވެކްސިން ޖެހީ އުސޫލުތައް އެންމެ ހަރުކަށި ދުވަސްވަރު ކަމަށާއި އެ މަޖުބޫރީ ހާލަތު ކެނޑުމާ އެކު ވެކްސިން ޖަހާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ހެލްތު މިނިސްޓްރީ އާއި ގުޅިގެން މޯލްޑިވްސް ރެޑް ކްރެސެންޓުން ހަދާފައިވާ ދިރާސާއަކުން ދައްކައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި މި ދިރާސާ ހަދާފައިވަނީ ފަސް ގްރޫޕެއްގެ މީހުންނާ ވާހަކަދައްކައިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ޒުވާނުން 

  • ވަޒީފާ އަދާކުރާ މީހުން 

  • ބިދޭސީ މަސައްކަތްތެރިން 

  • މައިންބަފައިން 

  • އުމުރުން ދުވަސްވީ ނުވަތަ ހިރާސް ބޮޑު މީހުން

ތަފްސީލް - ޖުމްލަ 165 ބައިވެރިންނާ ވާހަކަދައްކައިގެން ހަދާފައިވާ މި ދިރާސާގެ ނަތީޖާ ދައްކާ ގޮތުން:

  • ދިރާސާގެ ބައިވެރިންގެ %92 މީހުން ވެކްސިން ޖެހި ސަބަބުތަކުގެ ތެރޭގައި ދަތުރުފަތުރު ކުރުމަށާއި ވަޒީފާއަށް ނުކުތުމަށް އަދި ސްކޫލަށް ދިއުމަށް ވެކްސިން ޖަހަން ޖެހޭ ގޮތަށް ސަރުކާރުން ހަރުކަށި އުސޫލުތައް ކަނޑައަޅާފައިވުން ހިމެނޭ

  • ވެކްސިންގެ ސަބަބުން ބޮޑެތި ސައިޑް އިފެކްޓްތަކެއް ކުރިމަތިވި ކަމަށް %71 މީހުން ފާހަގަކުރި

  • ސޯޝަލް މީޑިއާ މެދުވެރިކޮށް ވެކްސިންއާ ބެހޭ ދޮގު މައުލޫމާތު އާންމުވާ ކަމަށް %82 މީހުން ބުނި

  • އާއިލާގައި ތިބި ހިރާސް ބޮޑު ފަރާތްތަކަށް (މާބަނޑު އަންހެނުން، ތުއްތު ކުދިން އަދި އުމުރުން ދުވަސްވީ މީހުންނަށް) ނުރައްކާ ކުޑަކުރުމުގެ ގޮތުން %68 މީހުން ވެކްސިން ޖެހި

  • ސްކޫލު ނުވަތަ ވަޒީފާއަށް ސަލާން ބުނެފައި ވެކްސިން ޖަހަން ދާން ޖެހުމުން އުނދަގޫވިކަން %67 މީހުން ފާހަގަކުރި

ކޮވިޑް ވެކްސިން ޖެހުމުން ދޭ ކާޑު. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ތަފްސީލް - ދިރާސާގެ ހޯދުންތަކަށް ބަލާއިރު، ވެކްސިން ޖެހުން ދަށަށް ގޮސްފައިވާ ސަބަބުތަކުގެ ތެރޭގައި ދިރާސާގެ ބައިވެރިން އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ:

  • ވެކްސިން ޖެހުމުގެ މާ ބޮޑު ބޭނުމެއް އޮތް ކަމަށް ގަބޫލުނުކުރުން؛ ބަލި ޖެހުމުގެ ފުރުސަތު އޮތަސް ކޮވިޑްގެ ސަބަބުން އެހާ ބޮޑު ގެއްލުމެއް ނުވާ ކަމަށާއި ކޮވިޑަށް ވުރެ ހާލު ގޯސްވާ އެހެން ރޯގާތަކާއި ހުންތައް ވެސް އާންމުކޮށް ޖެހޭ

  • ވެކްސިން ޖެހިޔަސް ބަލި ޖެހުމުގެ ފުރުސަތު އޮތުން؛ ޕޯލިއޯ އާއި މީސަލްސް ފަދަ ބަލިތަކަށް ވެކްސިން ޖެހުމުން ދުވަހަކު ވެސް ބަލި ނުޖެހޭނެ ކަމުގެ ޔަގީންކަން އޮތަސް، ކޮވިޑް ވެކްސިންގައި އެ ޔަގީންކަމެއް ނެތް

  • ބައެއް ހާލަތްތަކުގައި ވެކްސިން ޖަހައިގެން ކުއްލި ގޮތް ގޮތަށް މީހުން މަރުވުމުގެ މައްސަލަތައް ފެންމަތިވެފައިވުން؛ މިފަދަ ބައެއް ހާލަތްތަކުގެ ވާހަކަ ސޯޝަލް މީޑިއާގައި ދައުރުވަމުން ދޭ އަދި ރާއްޖޭގައި ޖެހި ގޮތަށް އެކި ފަހަރު އެކި ބްރޭންޑްގެ ވެކްސިން ޑޯޒް ޖެހުމުން ހަށިގަނޑަށް ގެއްލުންވުމުގެ ފުރުސަތު ފަހިވެދާނެ ކަމަށް ގަބޫލުކުރެވޭ

  • ސެންޓަރުތަކުން ވެކްސިން ޖަހައިދޭ ވަގުތުތަކުގައި ދާން އުނދަގޫވުން ނުވަތަ ވެކްސިން ޖަހައިދޭ ގޮތާ ބެހޭ ތަފްސީލީ މައުލޫމާތު އެކަށީގެންވާ ވަރަށް ނުލިބުން؛ މީހުން އެ މައުލޫމާތު ހޯދަން މަސައްކަތް ކޮށްފައި ނުވުން ނުވަތަ އެންމެ ފަހުގެ މައުލޫމާތު މި ފަހުން ލިބެން ނެތުން

މީގެ އިތުރުން ވެސް، ކޮވިޑް ޖެހިގެން ވާ ގެއްލުމަށް ވުރެ ވެކްސިން ޖަހައިގެން ލިބޭ ގެއްލުން ބޮޑު ކަމަށް ބައެއް މީހުން ގަބޫލުކުރާ ކަމަށް ދިރާސާގައިވެ އެވެ. އަދި ވެކްސިންއާ މެދު އިތުބާރު ކުޑަވެ، ކޮވިޑަކީ ނުރައްކާތެރި ބައްޔެއް ނޫން ކަމަށް ދެކޭތީ، މި ދުވަސްވަރު ވެކްސިން ޖެހުމުގެ މާ ބޮޑު ޝައުގުވެރިކަމެއް ގިނަ މީހުންގެ ނެތްކަން ވެސް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.

ދިރާސާ ރިޕޯޓުގައިވާ ގޮތުން، ދުނިޔޭގެ އެހެން ގައުމުތަކާ އެއްގޮތަށް ރާއްޖޭގައި ވެސް ވެކްސިން ޖެހުމާ ދެކޮޅު 'އެންޓި-ވެކްސް' ހިޔާލުތައް ފާޅުކުރާ މިންވަރު ދަނީ އިތުރުވަމުންނެވެ. މިއީ ސޯޝަލް މީޑިއާ މެދުވެރިކޮށް ފަސޭހަކަމާ އެކު ދޮގު މައުލޫމާތު ފެތުރޭ ދުވަސްވަރެއްގައި އާންމުންގެ ތެރޭގައި އޮޅުން އަރައި ސިއްހީ މާހިރުންނާ ދޭތެރޭ އޮންނަ އިތުބާރު ކުޑަވެދާނެ ކަމެއް ކަމަށް ރިޕޯޓުގައިވެ އެވެ.

އެނގުން މުހިއްމު - މިދިޔަ އަހަރުގެ ފަހުކޮޅު އެޗްޕީއޭ އިން އާންމުކުރި ތަފާސްހިސާބުތަކުން ވެސް ދައްކާ ގޮތުން، ރާއްޖޭގައި ވެކްސިން ޖަހާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. އެގޮތުން، އޭރު އާންމުކުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި:

  • ފުރަތަމަ ޑޯޒް - 399،025 މީހުން (ވެކްސިން ޖެހޭ އާބާދީގެ %88.12) 

  • ދެ ވަނަ ޑޯޒް - 384،787 މީހުން (ވެކްސިން ޖެހޭ އާބާދީގެ %84.97) 

  • ފުރަތަމަ ބޫސްޓާ ޑޯޒް - 166،064 މީހުން (ވެކްސިން ޖެހޭ އާބާދީގެ %36.63) 

  • ދެ ވަނަ ބޫސްޓާ ޑޯޒް - 973 މީހުން (ވެކްސިން ޖެހޭ އާބާދީގެ %0.2)

ކޮމެންޓް (1)

ކަރުސަ

26 ފެބްރުއަރީ 2023
ވެކްސިންގެ ސަބަބުން ބޮޑެތި ސައިޑް އިފެކްޓްތަކެއް ކުރިމަތިވި ކަމަށް %71 މީހުން ފާހަގަކުރި ބަލަގަ މިތާ ކޮން ނުރަނގަޅު ތަސައްވުރެއ އޮތީ. އެ މީހުން އަމިއްަލއަށް އެބުނީ އެކި ގޮތްގޮތް ވި ވާހަކަ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް