ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔަސް ލާބީބާއި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ. (ފޮޓޯ/މަޖިލިސް)

2 ފެކްޝަންގެ ޒުވާބު ހޫނުވެ ޔައުގޫބްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި

ޔައުގޫބްގެ ނަން އިއްވަން ޖެހުނީ ނަޝީދަށް ތާއީދުކުރައްވާ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަދެއްކުމުން، އެކަމާ ނުރުހުންވެ އަޑުގަދަކުރައްވަން ފެއްޓެވުމުން
22 ފެބްރުއަރީ 2023

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ މެދުގައި މިއަދު ވެސް ޒުވާބު ހޫނުވެ، އެ ޕާޓީގެ ސަރުކާރު ފެކްޝަނަށް ތާއީދުކުރައްވާ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން މިއަދު ބޭރުކޮށްފި އެވެ.

އެނގުން މުހިއްމު - މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޕްރައިމަރީގެ ނަތީޖާ ގަބޫލުކުރެއްވި ނަމަވެސް، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް އިންތިހާބުގައި ތާއީދުކުރައްވާކަށް ނުނިންމަވަ އެވެ. އިންތިހާބަށް ފަހު އެ ޕާޓީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ މެދުގައި ވާދަވެރިކަން ބޮޑުވެފައި ވާއިރު، މިފަހަކަށް އައިސް މަޖިލީހުގައި ވެސް ދެ ފެކްޝަންގެ މެމްބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރެވެއެވެ.

ވީ ކިހިނެއް؟ - މިއަދުގެ ޖަލްސާގައި މެމްބަރުން ބަހުސްކުރައްވަމުން ގެންދެވީ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހުށަހަޅުއްވާފައިވާ، ދައުލަތުން ދަރަނި އަނބުރާ ދެއްކުމާ ގުޅޭ ގޮތުން މަޖިލީހުގެ ހުށަހެޅުންތަކުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ގޮވާލައި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅާ ގަރާރަށެވެ. އެ ގަރާރުގެ ބަހުސް ހޫނުވެ، ޔައުގޫބްގެ ނަން އިއްވަން ޖެހުނީ ނަޝީދަށް ތާއީދުކުރައްވާ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަދެއްކުމުން، އެކަމާ ނުރުހުންވެ އަޑުގަދަކުރައްވަން ފެއްޓެވުމުންނެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވާހަކަ ދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

ބުނީ ކީކޭ؟ - އެ ގަރާރަށް ބަހުސްކުރައްވަމުން އިލްޔާސް ވަނީ ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ ދަރަނި ބޮޑުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެ ވަރުން ދައުލަތް ހިންގުމުގެ ކަންކަން ދެކޮޅު ޖައްސާނީ ކިހިނެއްތޯ އިލްޔާސް ސުވާލު އުފެއްދެވިއިރު، ޔައުގޫބް ނުރުހުންްވެ އަޑުގަދަކުރައްވާ އަޑު އިވެ އެވެ. އެކަމަކު އޭނާގެ މައިކު ނުޖައްސާ ހުރުމުން އޭނާ ވިދާޅުވަމުން ގެންދެވި އެއްޗެއް ސާފެއް ނުވެ އެވެ.

"މިކަން ހައްލުކުރުމަށް ކުރަން ހުރި މަސައްކަތް އަޅުގަނޑުމެން ކުރަން ޖެހޭނެ. މިކަމާ ދެކޮޅު ހަދައި ހަޅޭފަޅޭ ޖެހިޔަސް މިކަން ހައްލެއް ނުވޭ، އިއްޒަތްތެރި ރައީސް. މީގެ ނަތީޖާއެއްގެ ގޮތުން ދިމާވަނީ ކިހިނެއްތޯ؟،" ތަޅުމުގައި މެމްބަރުން އަޑުގަދަކުރައްވަން ފެއްޓެވުމުން އިލްޔާސް ވިދާޅުވި އެވެ.

މި ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން އިލްޔާސް ވިދާޅުވީ:

  • ދައުލަތް ހިންގުމުގެ ނަމުގައި ސަރުކާރުން ރާއްޖޭގެ އެކި ބޭންކުތަކުން 60 ބިލިއަން ރުފިޔާ ނަގާފައިވޭ؛ އެގޮތަށް ފައިސާ ނަގަމުންދާތީ ވިޔަފާރިވެރިންނަށް އެ މީހުންގެ ވިޔަފާރިތައް ކުރިއެރުވުމަށް ދޭނެ ފައިސާއެއް ބޭންކުތަކުގައި ނުހުރޭ

  • ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 'ސަނީ ސައިޑް ބޮންޑު'ގެ ނަމުގައި 250 މިލިއަން ޑޮލަރު %7 އިންޓްރެސްޓުގައި ނަގަން އުޅުމުން އޭރު އިދިކޮޅުގައި އޮތް އެމްޑީޕީން މުޒާހަރާކުރުމަށް ފަހު ވެރިކަމަށް އައިސް 2021ގައި މި ސަރުކާރުން ބޮޑު އިންޓްރެސްޓެއްގައި 200 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކި

"... ރާއްޖެއަށް ލިބޭ އާމްދަނީ 30 ބިލިއަނަށް ނާރާ ދަރަނި 100 ބިލިއަނަށް އެރީމާ ފިޗް ރޭޓިންނާއި ހުރިހާ އެއްޗެއްގެ ރޭޓިން، މޫޑީސްއާ ހުރިހާ އެއްޗެއްގެ ރޭޓިން ރާއްޖޭގެ ވެއްޓެނީ. އިންޓަނޭޝަނަލް މާކެޓުގައި ދުނިޔޭގެ މާކެޓުގައި ކްރެޑިޓް  ރޭޓިން ދަށްވަނީ. އެ ކްރެޑިޓް ރޭޓިން ދަށްވީމާ ރާއްޖެއަށް ލޯނެއް ދޭނެ މީހަކު ނުވާނެ. ލޯނު ލިބޭނީ ބޮޑު އިންޓްރެސްޓުގައި، ދެން މަޖުބޫރު ވަނީ ބޮޑު އިންޓްރެސްޓުގައި ނަގަން،" އިލްޔާސް ވިދާޅުވި އެވެ.

މި އަހަރުން ފެށިގެން ޖީއެސްޓީ އާއީ ޓީޖީއެސްޓީ ބޮޑުކުރާ ބިލުގެ މަސައްކަތް ކުރިއަށްދިޔައިރު ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން މަޖިލީހުގައި ދެއްކެވި ވާހަކަތަކަށް ވެސް އިލްޔާސް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ޓެކްސް ބޮޑުކުރުމުން "100ރ. އިން ބޮޑުވަނީ 2ރ. ކަމަށް" މެމްބަރުން ވިދާޅުވިޔަސް، ތަކެތީގެ އަގު އުފުލިފައިވާ މިންވަރު އެނގޭނީ އާއްމު ރައްޔިތުންނަށް ކަމަށެވެ.

މަޖިލިސް ޖަލްސާއެއްގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

އޭރު ވެސް ޔައުގޫބް ގެންދެވީ އިލްޔާސްގެ ވާހަކައަށް ހުރަސްއެޅުއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. އެހެންވެ އިލްޔާސް ނުރުހުންވެ، ޔައުގޫބަށް އިޝާރާތް ކުރައްވައި އޭނާއަށް ރައްދު ދެއްވި އެވެ.

"އަޅުގަނޑުމެން މިދިޔަ ރިޔާސީ ޕްރައިމަރީގައި ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރިން، ދިވެހި ރައްޔިތުންގެ ޖީބަށް އެނގޭ  ބޮޑުވަނީ ކިހާވަރެއްކަން. ކިރު ދަޅުން ބޮޑުވި ވަރު އެ މީހުންނަށް އިނގޭ. ޔައުގޫބު ދާއިރާގެ، ދާންދޫ ރައްޔިތުން ކަންބޮޑުވޭ،" ޔައުގޫބަށް އިނގިލިން އިޝާރާތްކުރައްވައި އަޑަށް ބާރުލައްވައި އިލްޔާސް ވިދާޅުވި އެވެ.

އެއާ އެކު، ޔައުގޫބް ކުރިއަށް ވުރެ އަޑު ހަރުކޮށް އިލްޔާސަށް ރައްދުދެއްވަން ފެއްޓެވި އެވެ. ޖަލްސާގެ ނިޒާމު ގެއްލޭތީ ރިޔާސަތުން ދެ ފަހަރަކު ޔައުގޫބުގެ ނަން އިއްވުމަށް ފަހު އަޑު މަޑު ކުރައްވާތޯ މަޑު ކުރި އެވެ. އެއަށް ފަހު އިލްޔާސަށް ފުރުސަތު ދެއްވުމުން ވެސް ޔައުގޫބް އަޑުގަދަކުރައްވާތީ ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ. އެހެންވެ، ރިޔާސަތުން ޔައުގޫބްގެ ނަން އިއްވައި ތަޅުމުން ނުކުމެވަޑައިގެންނެވުމަށް އެންގެވި އެވެ.

ރިޔާސަތުން ދެވަނަ ފަހަރަށް އިލްޔާސަށް ފުރުސަތު ދެއްވިއިރު ވެސް ޔައުގޫބް އަޑުގަދަކުރައްވާ އަޑު އިވެ އެވެ. އަދި އޭނާއާ އެކު ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ މުގުނީ ވެސް ގެންދެވީ އަޑުގަދަކުރައްވަމުންނެވެ. ޔައުގޫބް ތަޅުން ދޫކުރައްވައި ވަޑައިގެންނެވީ ރިޔާސަތުން ތަކުރާރުކޮށް ބޭރަށް ވަޑައިގެންނެވުމަށް އެންގުމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް