'ފްލޯޓިން ސިޓީ'ގެ ފުރަތަމަ ގެތައް، އެ ސިޓީ ތަރައްގީ ކުރާ ފަޅަށް ގެންގޮސްފައި (ފޮޓޯ/ބައިސަން މޯލްޑިވްސް)

ފަޅުތައް ވިއްކައިގެން ދައުލަތަށް އެއްވެސް ފައިސާއެއް ލިބުނުތޯ ސުވާލު އުފައްދައިފި

21 ފެބްރުއަރީ 2023
1

ދުނިޔޭގައި ހަދާ ފުރަތަމަ ފްލޯޓިން ސިޓީ ރާއްޖޭގައި އެޅުމުގެ މަސައްކަތް ކުރާ ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސް ކުންފުންޏާ ހަވާލުކުރި ފަޅުން ރަށްތައް ހިއްކުމަށް ފަހު އެތަންތަން ވިއްކައިގެން ދައުލަތަށް އެއްވެސް ވަރަކަށް ފައިސާ ލިބުނުތޯ ރައްޔިތުންގެ މަޖިލީހުގައި މިއަދު ސުވާލު އުފައްދައިފި އެވެ.

ފުނަދޫ ދާއިރާގެ މެމްބަރު މުަހައްމަދު ޝާހިދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ (ފޮޓޯ/ރައްޔިތުންގެ މަޖިލީސް)

ވީ ކިހިނެއް؟- މިއަދުގެ ޖަލްސާގައި ފްލޯޓިން ސިޓީގެ ވާހަކަ ދެކެވުނީ، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މަޖިލީހަށް ހާޒިރުކުރުމުން މެމްބަރުން އެކަމާ ގުޅިގެން އޭނާއާ ކުރިމަތި ކުރެއްވި ސުވާލުތަކުގެ ތެރެއިންނެވެ. އެންމެ ފުރަތަމަ އެކަމާ ގުޅިގެން ސުވާލު ކުރެއްވި ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އެއްސެވީ އެ މަޝްރޫއުގެ ބޭނުމަށް ޑަޗް ޑޮކްލޭންޑްސް އަށް ދޫކުރި ފަޅުތަކުގެ އަދަދާއި އޭގެތެރެއިން ވިއްކި ފަޅުތަކުގެ އަދަދާ ގުޅޭ ގޮތުންނެވެ. އެ ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ އޭނާ ހަނދާންވާ ގޮތުގައި އެ މަޝްރޫއުގެ ބޭނުމަށް ދީފައިވަނީ "އެއް ފަޅު ނޫނީ ދެ ފަޅު" ވަރު ކަމަށެވެ.

ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުގުނީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

އޭގެ ފަހުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުގުނީ ވެސް ފްލޯޓިން ސިޓީއާ ގުޅޭ ސުވާލުކުރެއްވި އެވެ. އަދި އޭނާ ސުވާލު ކުރެއްވީ  "ފްލޯޓިން ސިޓީ ހަދަން ދިން ފަޅުތަކުގައި ކިތައް ރަށް ހިއްކާފައި، ކިތައް ރަށް އެކި ފަރާތްތަކަށް ވިއްކައިފިތޯ" އެވެ. 

އެ މަޝްރޫއުގެ ތަފްސީލުތައް ހޯދުމަށް ގިނަ މެމްބަރުން އެދިވަޑައިގަންނަވާތީ އެކަމުގެ މައުލޫމާތު މެމްބަރުންނާ ހިއްސާކުރެއްވުމަށް، މުގުނީގެ ސުވާލަށް ޖަވާބުދެއްވުމަށް މިނިސްޓަރަށް ފުރުސަތު ދެއްވުމުގެ ކުރިން، ރިޔާސަތުގައި އިންނެވި ނަޝީދު އެދިވަޑައިގަތެވެ.

"ފްލޯޓިން ސިޓީއާ ގުޅޭ ވަރަށް ފުރިހަމަ ތަފްސީލު ދެއްވަން އެދޭ. ވަރަށް ގިނަ އިއްޒަތްތެރި މެމްބަރުން އެ ސުވާލު އެކަމުގެ ޝައުގުވެރިކަމެއް އުފެދިގެން ބައްލަވަން ވަރަށް އެދިވަޑައިގަންނަވާ. އެކަމާ ގުޅޭ ވީހާ ވެސް ބޮޑު ތަފްސީލެއް ދެއްވުމަކީ ވަރަށް ބޮޑަށް އަޅުގަނޑު ހިތުން މި މަޖިލީހަށް ހިތްހަމަޖެހުން ލިބޭނެ ކަމެއް،" ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ވަޒީރަށް "އެކަމާ ގުޅޭ އެންމެހާ ތަފްސީލު" އެނގިވަޑައިގަންނަވާނެ ކަމަށެވެެ.

އަސްލަމްގެ ޖަވާބާ މެދު ހިތްހަމަނުޖެހި މުގުނީ ނިޒާމީ މައްސަލައެއް ނަންގަވާ، އޭނާގެ ސުވާލު ތަކުރާރުކުރެއްވި އެވެ. އެކަމަކު އެއީ މިނިސްޓަރު މަޖިލީހަށް ހާޒިރުކުރެވުނު މައުލޫއާ ނުގުޅޭ ސުވާލެއް ކަމަށް ވިދާޅުވެ، އެފަހަރު އަސްލަމަށް ޖަވާބުދެއްވުމުގެ ފުރުސަތެއް ނަޝީދު ނުދެއްވި އެވެ.  

"މަފުކުރައްވާ އިއްޒަތްތެރި ވަޒީރު، އަޅުގަނދަށް ވެސް އެނގޭ އިއްޒަތްތެރި ވަޒީރުގެ ދުވަހާ ގުޅޭ ސުވާލެއް ވެސް ނޫން، އަދި ވަޒީރުގެ ވުޒާރައާ ގުޅޭ ސުވާލަކަށް ވެސް ނުވެދާނެ. އެއީ ވިއްކުމާއި ގަނުމާ މި ބާވަތުގެ ކަންކަން މި އޮންނަނީ ޓްރެޝަރީއަށް،" އަސްލަމް ޖަވާބުދެއްވަން މަސައްކަތް ކުރެއްވުމުން އޭނާ ހުއްޓުވުމަށް ފަހު ނަޝީދު  ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވާހަކަދައްކަވަނީ (ފޮޓޯ/ ރައްޔިތުންގެ މަޖިލީސް)

ބުނީ ކީކޭ؟- އޭގެ ކުރިން މުގުނީގެ ފުރަތަމަ ސުވާލަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ އެ މަޝްރޫއު ކުރިއަށްގެންދަން މަސައްކަތް ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށާއި އެ މަޝްރޫއުގެ ބޭނުމަށް ރަށް ހިއްކަން ހަވާލުކުރިކަން ހަނދާނަށް ނާންނަ ކަމަށެވެ.

"ދެން އަޅުގަނޑު އެންމެ ފުރަތަމަ އެކަން ދެކުނުއިރުގައި އޮތީކީއެއް މުޅިން ހިއްކާ ކަހަލަ ގޮތަކަށް ކަމެއް އަޅުގަނޑު ހަނދާނެއް ނުވޭ. އެއްވެސް ވަރަކަށް ހިއްކާ ގޮތަކަށް އަޅުގަނޑު ހަނދާނެއް ނުވޭ. ދެން މިކަން ކުރުމަށް ބަޔަކާ އޭގެ މޮކަޕެއް ހެދުމަށް ރާއްޖޭގެ ކުންފުންޏަކާ ހަވާލުކުރިކަން އަޅުގަނޑު ދެނެހުރިން. ސީދާ މިނިސްޓްރީގެ ދަށުން ހިންގާ ޕްރޮޖެކްޓެއް ނޫން އެއީ." އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުގެ ރިޔާސަތުގައި ރައީސް މުހައްމަދު ނަޝީދު (ފޮޓޯ/ މަޖިލިސް)

އެނގުން މުހިއްމު- މި މަޝްރޫއު ހިންގަން އެންމެ ފުރަތަމަ މަސައްކަތް ކުރީ ނަޝީދުގެ ސަރުކާރުގަ އެވެ. ނަމަވެސް ނަޝީދުގެ ވެރިކަން ފެބްރުއަރީ 2012ގައި ބަދަލުވުމުން އޭރު މި މަޝްރޫއު ހުއްޓުނެވެ. މިފަހުން އަނެއްކާ ވެސް އެމްޑީޕީގެ ސަރުކާރެއް އުފެދުމަށް ފަހު ފްލޯޓިން ސިޓީ ހެދުމަށް އަލުން ސޮއިކުރީ 9 މޭ 2019ގަ އެވެ. އޭގެ ފަހުން ވެސް އެ މަޝްރޫއުގެ މަސައްކަތެއް ނުފަށަ އެވެ. އެ މަޝްރޫއު ކުރިއަށް ނުދަނީ ސަރުކާރުން ހުރަސްއަޅާތީ ކަމަށާއި އެކަން ކުރަނީ އެ މަޝްރޫއުއަކީ އެމަނިކުފާނުގެ ނަން ހިމެނޭ މަޝްރޫއުއަކަށް ވާތީ ކަމަށެވެ. 

މިއަދުގެ ޖަލްސާގައި އަސްލަމްއާ ފްލޯޓިން ސިޓީގެ ސުވާލުކުރެއްވީ، ވާދަވެރިކަން ބޮޑުވެ ދެ ފެކްޝަން އުފެދިިފައިވާ އެމްޑީޕީގެ ރައީސް ސޯލިހުގެ ފެކްޝަނަށް ތާއީދުކުރައްވާ މެމްބަރުންނެވެ.

އެ މަޝްރޫއުއާ ގުޅިގެން ނަޝީދު ސަރުކާރަށް ކުރި ތުހުމަތުތަކަށް ރައްދުދެއްވަމުން އޭރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ އެ މަޝްރޫއަކީ ސްކޭމެއް ކަމަށާއި ޑަޗް ޑޮކްލޭންޑްސްއަށް ދީފައިވާ ތިން ފަޅެއް އެ ކުންފުނިން ވިއްކާލާފައިވާ ކަމަށެވެ. ފްލޯޓިން ސިޓީ މަޝްރޫއުއަކީ ސްކޭމެއް ކަމަށް ފައްޔާޒު ތުހުމަތު ކުރެއްވި ދުވަސް ނޫން އޭގެ އަނެއް ދުވަހު ސަރުކާރުން ވަނީ، އެ އެއްބަސްވުމަށް ބަދަލު ވެސް ގެނެސްފަ އެވެ. 

ކޮމެންޓް (1)

ހަސަންދީ

21 ފެބްރުއަރީ 2023
ގާނޫނު ހެދިދާނެ. ތަންފީޒުކުރެވޭނެތޯ ސުވާލަކީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް