ރައީސް ސޯލިހާއި އެ މަނިކުފާނުގެ އަނބިކަބަލުން ފަޒްނާ އަހުމަދު ވޯލްޑް ކަޕް ބެއްލެވުމަށް ގަތަރަށް ފުރާވަޑައިގަތުމުގެ ކުރިން އެއާޕޯޓްގައި ނައިބު ރައީސް އާއި މިނިސްޓަރުންނާ ސަލާމް ކުރައްވަނީ. (ފޮޓޯ/ރައީސް އޮފިސް)

ރައީސްގެ ވޯލްޑް ކަޕް ދަތުރުގައި ދިޔަ މުވައްޒަފުންނަށް މިލިއަނެއްހާ ރުފިޔާ

ރައީސްގެ ދެކަނބަލުންގެ ހަރަދުތައް ކުރެއްވީ އަމިއްލަފުޅަށް ކަމަށް ރައީސް އޮފީހުން މިއަދު ވެސް ބުނި
21 ފެބްރުއަރީ 2023
1

މިދިޔަ އަހަރު ބޭއްވި ވޯލްޑް ކަޕް ބެއްލެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ގަތަރަށް ވަޑައިގެން އިރު، އެ މަނިކުފާނުގެ ހަރަދުތައް އަމިއްލަފުޅަށް ކުރެއްވިޔަސް، އެ ދަތުރުފުޅުގައި ބައިވެރިވި ސެކިއުރިޓީންނާއި އެހެނިހެން މުވައްޒަފުންގެ ހަރަދަށް މިލިއަނެއްހާ ރުފިޔާ ހޭދަވިކަން އެނގިއްޖެ އެވެ.

އެނގުން މުހިންމު - މިދިޔަ ޑިސެމްބަރު 12ގައި ރައީސް އާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ގަތަރަށް ވަޑައިގެންނެވީ އެ ގައުމުގެ އަމީރު ތަމީމް ބިން ހަމަދު އައްސާނީގެ ދައުވަތަކަށެވެ. ރައީސް އޮފީހުން އޭރު ބުނި ގޮތުގައި:

  • އެ ދަތުރުފުޅުގެ ޓިކެޓަށް ހަރަދު ކުރައްވާނީ ރައީސް ސޯލިހު އަމިއްލަފުޅަށް 

  • ހުރުމާއި ކެއުން ހަމަޖައްސަނީ ގަތަރުން

ވީ ކިހިނެއް؟ - އެ ދަތުރުފުޅަށް ދައުލަތުގެ ބަޖެޓުން ކުރި ހަރަދުގެ ތަފްސީލު، 'ދިޔަރެސް' ނޫހުން އެދިގެން ރައީސް އޮފީހުން ވަނީ އާއްމުކޮށްފަ އެވެ. އޭގައިވާ ގޮތުން، އެ ދަތުރުފުޅަށް ޖުމްލަ 997،743.28ރ. ހަރަދުވެފައިވެ އެވެ. އެގޮތުން:

  • ޕޮކެޓްމަނީއަށް - 150،822ރ.

  • އިންސިޑެންޓަލްއަށް - 76،950ރ.

  • ހުރުމާއި ކެއުމަށް - 414،555ރ.

  • ޓިކެޓަށް - 355،415ރ.

ބުނީ ކީކޭ؟ - މިކަމާ ގުޅޭ ގޮތުން މިއަދު ސުވާލުކުރުމުން ވެސް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އެއީ އެ ދަތުރުފުޅުގައި ބައިވެރިވި ސެކިއުރިޓީންނާއި އެހެނިހެން މުވައްޒަފުންގެ ހަރަދު ކަމަށެވެ. ރައީސްގެ ދެކަނބަލުންގެ ހަރަދުތައް ކުރެއްވީ އަމިއްލަފުޅަށް ކަމަށް މިއުވާން މިއަދު ވެސް ވިދާޅުވި އެވެ.

ރައީސްގެ އެ ދަތުރުފުޅުގައި މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް ބައްލަވާލެއްވި އެވެ. އެނބުރި ވަޑައިގެންނެވީ ހަތަރު ދުވަހަށް ފަހު އެވެ.

ކޮމެންޓް (1)

މުހައްމަދު

21 ފެބްރުއަރީ 2023
އެވަރު އޯކޭ ހަމަ ރައީސް ކުރައްވާ ދަތުރަކަށް. އިޓް ވޯޒް ނޮޓް އޮންލީ ހިމް
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް