މަޖީދީ މަގުގައި ހުރި ފަޔާ ހައިޑްރަންޓެއް: މި ނިޒާމް ބޭނުންކުރަން ފެށޭނެ ދުވަހެއް ނޭނގޭ(ދައުރު ފޮޓޯ)

ފަޔަ ހައިޑްރަންޓް ނިޒާމު ހަރުކުރިތާ ދެ އަހަރު، އެކަމަކު ބޭނުމެއް ނުކުރެވޭ

ޑިފެންސް މިނިސްޓްރީން ބުނީ ޓެސްޓިން ފޭސް ނިމުމާ އެކު ކައިރި މުސްތަގުބަލެއްގައި އެ ނިޒާމް ބޭނުން ކުރެވޭ ހާލަތަށް ގެނެވޭނެ ކަމަށް

މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ، އަވަހަށް ފެން ލިބޭނެ ގޮތް ހަދަން މަޖީދީ މަގުގައި ޑިސެމްބަރު 2020 ގައި ގާއިމްކުރަން ފެށި، ފަޔާ ހައިޑްރަންޓް ނިޒާމް ބޭނުންކުރެވޭ ހާލަތަކަށް އަދިވެސް ނުގެނެވޭނެކަން އެނގިއްޖެ އެވެ.

އެނގުން މުހިންމު - މާލޭގައި ދޭތެރެ ދޭތެރެއިން އަލިފާނުގެ ބޮޑެތި ހާދިސާތައް ހިނގާތީ މި ސަރުކާރުން މަޖީދީ މަގުގައި ފަޔާ ހައިޑްރަންޓް ނިޒާމު ނިންމުމުގެ މަސައްކަތް ފެށީ ސެޕްޓެމްބަރު 2019 ގައި ހެންވޭރު އަބަދަށް ފެހި މަގުގައި ހުރި އިމާރާތެއްގައި ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބުމާ އެކު އެވެ.

އޭގެ ކުރިން 2016 ގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލޭގައި އަލިފާން ނިއްވާނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް އޮތީ ފަށައިފަ އެވެ.

ވީ ކިހިނެއް؟ - މަޖީދީމަގުގައި ފަޔާ ހައިޑްރަންޓް ނިޒާމެއް ގާއިމްކޮށްފައި ވިޔަސް އޭގެ ބޭނުން ނުކުރެވޭތީ އެކަމުގެ ޝަކުވާ ބައެއް މީހުން ދަނީ ކުރަމުންނެވެ. އެހެންކަމުން އޭގެ ސަބަބަކީ ކޮބައިތޯ ބަލަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު (އާރުޓީއައި)ގެ ދަށުން އައިމަން ލަތީފު ވަނީ އެ މައުލޫމާތަށް ޑިފެންސް މިނިސްޓްރީގައި އެދިފަ އެވެ. އަދި އެ މިނިސްޓްރީން އެ މައުލޫމާތު މިހާރު ވަނީ އޭނާއަށް ފޯރުކޮށްދީފަ އެވެ.

އެ މައުލޫމާތު އާންމުންނާ އޭނާ ހިއްސާކުރީ ޓްވީޓާ މެދުވެރިކޮށެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް 2016ގައި މާލޭގައި ފަޔާ ހައިޑްރަންޓް ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ފައްޓަވާ ދެއްވަނީ (ފައިލް ފޮޓޯ/ އަވަސް)

ތަފްސީލު - ޑިފެންސް މިނިސްޓްރީން ދިން ޖަވާބުން އެނގުނީ ފަޔާ ހައިޑްރަންޓް ނިޒާމް އަދިވެސް ހުރީ ބޭނުންނުކުރެވޭ ހާލަތުގައި ކަމެވެ. ނަމަވެސް، ވަކި ތާރީހެއް ނުދީ، އެ މިނިސްޓްރީން ބުނީ ކައިރި މުސްތަގުބަލެއްގައި ބޭނުންކުރެވޭނެ ކަމަށެވެ.

ޑިފެންސް މިނިސްޓްރީން ދިން ޖަވާބު:

  • ފަޔާ ހައިޑްރަންޓް ލައިންތައް އެމްޑަބްލިއުއެސްސީގެ މައި ފެން ހޮޅިތަކާ ގުޅުމުގެ މަސައްކަތްތުގެ ތެރެއިން ފުރަތަމަ ކެނެކްޝަން ވަނީ ހަދާފައި

  • ދެވަނަ ކަނެކްޝަންގެ މަސައްކަތް ނިމުމުން ފަޔާ ހައިޑްރަންޓްތައް ބޭނުންކުރަން ފެށުމުގެ ކުރިން ކުރަން ޖެހޭ ޓެސްޓިން ފޭސްގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ގުޅިގެން ކުރިއަށް ގެންދާނެ

  • ޓެސްޓިން ފޭސް ނިމުމުން ކައިރި މުސްތަބުބަލެއްގައި ފަޔަ ހައިޑްރަންޓްތައް އޮޕަރޭޓް ކުރެވޭނެ

އައިމަންގެ ޓްވީޓް

ގުޅުން ހުރި - އަބަދަށްފެހި މަގުގައި 2019ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލެ ސިޓީ ކައުންސިލްގެ މޭޔަރު އޭރު ވިދާޅުވީ ޔާމީންގެ ސަރުކާރުގައި މަޖީދީ މަގު ހެދިއިރު އެ މަގުގެ އެކި ހިސާބުތަކުން ފެން ނެގޭ ގޮތަށް ހޮޅި ގުޅާފައިވާނެ ކަމަށެވެ. 

ނަމަވެސް މާލޭގެ އޭރުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެފައިވާ އޮތީ މަޖީދީ މަގުގައި ހޮޅި އަޅާފައި ވިޔަސް ބޭނުންކުރެވޭ ވަރަށް މަސައްކަތް ނިމިފައި ނުވާ ކަމަށެވެ.

މާލޭ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން ފެން ހޯދަން ވަރަށް ބޮޑެތި އުނދަގޫތައް ދިމާވެ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތަށް ހުރަސް އެޅެ އެވެ.

ކޮމެންޓް (1)

ޑޮން އަހުނަދު

11 ފެބްރުއަރީ 2023
ބޭނުން ކުރެވެއޭ، އޭގަ އަޅައިގަނެފަ ދެފަހަަރު ވެއްޓިއްޖެ. މަ ހީކުރަީ ޖެއްސުމައް ބހައްޓާފ ހުރި އެއްޗެއްކމައް
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް