ޗެކިން ސިސްޓަމަށް މައްސަލަ ޖެހުނު ދުވަހު ފަތުރުވެރިންތަކެއް ޓީއެމްއޭގެ ކައުންޓަރު ކައިރީގައި މަޑުކޮށްލައިގެން. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޓީއެމްއޭ

ޓީއެމްއޭގެ މުވައްޒަފުންގެ ޒާތީ މައުލޫމާތާއި ވިޔަފާރީގެ ސިއްރުުތައް ހެކަރުންގެ އަތަށް

ވަގަށް ނަގާފައިވާ ޓީއެމްއޭގެ ސިއްރު މައުލޫމާތުތައް އެއްކޮށް ލީކުކޮށްލުން ހުއްޓުވަން ޓީއެމްއޭ އިން ފައިސާ ދޭން ޖެހޭނެ
14 ޖެނުއަރީ 2023

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ޗެކިން ސިސްޓަމަށް ރެންސަމްވެއާ ހަމަލާއެއް ދިނީ ބޭރުގެ ބޮޑެތި ކުންފުނިތަކަކަށް ވެސް އެފަދަ ހަމަލާތަކެއް ދީފައިވާ ރެންސަމްހައުސް އިން ކަމަށް އެ ގްރޫޕުން ބުނެފި އެވެ. ހެކަރުންގެ އެ ގްރޫޕުން ޓީއެމްއޭގެ ސާވާތަކުގައި ރައްކާކޮށްފައިވާ ހުރި ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު ނަގާފައި ވާއިރު، އެ މައުލޫމާތުތައް އެއްކޮށް ލީކުކޮށްލުން ހުއްޓުވައި އަނބުރާ ހޯދުމަށް ފައިސާ ދައްކަން ޖެހޭނެ އެވެ.

މައްސަލައިގެ ފެށުން - ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓީއެމްއޭގެ ޗެކްްއިން ސިސްޓަމަށް ރެންސަމްވެއާ ހަމަލާއެއް ކުރިމަތިވެ، ސިސްޓަމް ޑައުންވުމުގެ ސަބަބުން އޮޕަރޭޝަނަށް ބުރޫ އެރީ މިދިޔަ މަހުގެ 31ގަ އެވެ. އާ އަހަރުގެ ޗުއްޓީއަށް ގިނަ ބަޔަކު ރާއްޖެ އައި އެ ދަނޑިވަޅުގައި ދަތުރުތައް ހުއްޓި ގިނަ ބަޔަކު އެއާޕޯޓުގައި ތާށިވި އެވެ. 

މެނުއަލްކޮށް ޗެކްއިން ކޮށްގެން ކޮންމެވެސް ވަރަކަށް ފަތުރުވެރިން ރިސޯޓުތަކަށް ފޮނުވުނު ނަމަވެސް، ޓީއެމްއޭ އިން އެ އެއާލައިނުން ހިދުމަތް ދޭ ރިސޯޓުތަކަށް އެންމެ ފަހުން އެންގީ ފަތުރުވެރިން ރިސޯޓަށް އުފުލަން އެހެން ގޮތެއް ހޯދުމަށެވެ.

އެ މައްސަލަ ހައްލުކުރެވުނީ ގާތްގަނޑަކަށް ދެ ދުވަހުންނެވެ.

ޗެކިން ސިސްޓަމަށް މައްސަލަ ޖެހުނު ދުވަހު ފަތުރުވެރިންތަކެއް ޓީއެމްއޭގެ ކައުންޓަރު ކައިރީގައި މަޑުކޮށްލައިގެން. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ވީ ކިހިނެއް؟ - ރެންސަމްހައުސް އިން އިއްޔެ ވަނީ އެ ހަމަލާގެ ޒިންމާ ނަގާފަ އެވެ.

ތަފްސީލް - އެ ގްރޫޕުން ޝާއިއުކުރި ގޮތުގައި:

  • ޓީއެމްއޭގެ ސާވާތަކުން 350 ޖީބީގެ ޑޭޓާ ވަނީ ނަގާފައި

  • އޭގެ ތެރެއިން ބައެއް ލިޔެކިއުން ހިމެނޭ ޕެކޭޖެއް ވަނީ ޝާއިއުކޮށްފައި

  • އޭގައި 500 އަށް ވުރެ ގިނަ މީހުން ވަޒީފާ އަދާކުރާ ޓީއެމްއޭގެ ބައެއް މުވައްޒަފުންގެ ޒާތީ މައުލޫމާތާއި ބައެއް މީހުންނަށް ދޭ މުސާރަ އަދި އެ ކުންފުނިން ކުއްޔަށް ނަގާފައިވާ ބޯޓުތަކަށް ދައްކާ ފައިސާގެ އަދަދު ފަދަ މުހިންމު، ސިއްރު މައުލޫމާތުތައް ހިމެނޭ

"ޓްރާންސް މޯލްޑިވިއަން އެއާވޭސްގެ މެނޭޖްމަންޓަށް. ތިޔަ ބޭފުޅުންގެ ސިއްރު ޑޭޓާ ލީކުކޮށް ނުވަތަ ތިންވަނަ ފަރާތަކަށް ވިއްކުމަށް ޝައުގުވެރިނުވާނެކަން އަހަރެމެންނަށް ޔަގީން،" ރެންސަމްހައުސް އިން ބުނެފައިވެ އެވެ.

ރެންސަމްހައުސް އަކީ ކޮބާ؟

  • ޑިސެމްބަރު 2021ގައި ހަރަކާތްތެރިވާން ފެށި ހެކަރުންގެ ގްރޫޕެއް

  • އެ ގްރޫޕުން ބުނާ ގޮތުގައި، އެ މީހުން ހަމަލާ ދެނީ ސަލާމަތީ ކަންކަން ދަށް ކުންފުނިތަކަށް؛ މީހުންނަށް ފަސޭހަ އިން ދެނެގަނެވޭނެ ފަދަ ޕާސްވޯޑް ޖެހުން ފަދަ ކަންކަން ކޮށްފައިވާ ކުންފުނިތަކަށް ހަމަލާ ދޭ

  • އޭއެމްޑީ ފަދަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ ސިއްރު މައުލޫމާތު ލީކުކޮށްލާފައިވޭ

  • އެ ގްރޫޕުން ބުނާ ގޮތުގައި، އެހެން ރެންސަމްވެއާ ގްރޫޕުތަކެކޭ އެއްފަދައިން ވަގަށް ނަގާފައިވާ ސިއްރު މައުލޫމާތު ލީކުކޮށްލާނެ ކަމުގެ ބިރު ދައްކައިގެން ފައިސާ ހޯދުން އެއީ އެ ގްރޫޕުގެ ވެސް ބޭނުމެއް؛ އެކަމަކު މައިގަނޑު ބޭނުމަކީ ސަލާމަތީ ކަންކަން ވަރުގަދަ ކުރަން ކުންފުނިތަކަށް ފިލާވަޅުތަކެއް ދިނުން

ވަގަށް ނަގާފައިވާ ޓީއެމްއޭގެ ސިއްރު މައުލޫމާތުތައް އެއްކޮށް ލީކުކޮށްލުން ހުއްޓުވަން ރެންސަމްހައުސް އިން ޓީއެމްއޭއަށް ވަކި އަދަދެއް ހުށަހެޅި ކަމެއް އަދި ނޭނގެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް