ފޭދޫ ސްކޫލުގެ ރަން ޔޫބީލް ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވާހަކަފުޅުދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)
ޒުވާނުން ގަދަރުވެރި ބަޔަކަށް ހެދޭނީ އެންމެ ރަނގަޅު ތައުލީމު ދީގެން: ރައީސް
ދިވެހި ޒުވާނުން ގަދަރުވެރި ބަޔަކަށް ހެދޭނީ އެންމެ ރަނގަޅު ފެންވަރުގެ ތައުލީމު ދީގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެޕްމޭނަށް މިހާރު އައްޑޫ އަތޮޅުގެ ރަށްތަކަށް ގެންދަވަނީ ދަތުރުކުރައްވަމުންނެވެ. އެ ދަތުރުފުޅުގެ ތެރެއިން، މިރޭ އެ އަތޮޅު ފޭދޫ ސްކޫލުގެ ރަން ޔޫބީލް ފާހަގަކުރަން ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ވެސް އެމަނިކުފާނެެވެ.
ބުނީ ކީކޭ؟ - އެ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ކުދިންނަށް ކިޔަވައިދިނުމުގައި އެއްވެސް އަތޮޅެއް، ރަށެއް އަދި އެންމެ ފަރުދެއް ވެސް ބާކީނުކުރުން ކަމަށެވެ.
މި ސަރުކާރުން މީހުން ބިނާކުރުމުގައި، ރައީސް ވިދާޅުވީ، ވަކި ވިސްނުންތަކެއް ގެންގުޅޭ ކަމަށެވެ. އެއީ:
-
ތައުލީމީ ނިޒާމުގެ ތެރެއިން ނުކުންނަ ކޮންމެ ދަރިވަރަކީ ހުލްގު ހެޔޮ، ދީނީ އަގީދާ ވަރުގަދަ ދަރިވަރަކަށް ހެދުން
-
މަސައްކަތްތެރިކަމުގެ ތައުލީމާއި ތަމްރީން ލިބިފައިވާ ދަރިންތަކެއް އުފެއްދުން
"އަޅުގަނޑުމެން ނުކުމެ މި ތިބީ އެކަންތައް ކޮށްދޭން. ރައްޔިތުންނަށް ހިދުމަތް ކުރުމަށް. ރައްޔިތުންގެ ހައްގުތައް އޭގެ އެންމެ ފުރިހަމައަށް ލިއްބައިދޭން،" ރައީސް ވިދާޅުވި އެވެ.
ތަފްސީލު - ރައީސްގެ ވާހަކަފުޅުގައި ޒުވާނުން ބިނާކުރަން މި ސަރުކާރުން އިސްކަންދޭ މިންވަރާއި އެކަން ހާސިލްކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން ދެކޭ ގޮތުގައި ޒިންމާދާރުކަމާ އެކުގައި އަމިއްލައަށް ދިރިއުޅުން ބިނާކުރާ ގަދަރުވެރި ބަޔަކަށް ޒުވާނުން ހެދޭނީ އެންމެ ރަނގަޅު ޒަމާނީ ތައުލީމާއި ތަމްރީން ޒުވާނުންނަށް ދީގެން،" އެމަނިކުފާނު ވިދާޅުވި އެވެ.
"އެ މީހެއްގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަން ކުރިއަރުވައި ތަރައްގީކޮށްގެން. އަމިއްލަ ހަޔާތުގެ މިސްރާބު ސީދާކުރެވޭނެ ފުރުސަތު ޒުވާނުންނަށް ދީގެން."
އެކަން ހާސިލްކުރުމަށްޓަކައި މި ސަރުކާރުން ކުރި ކަންކަމުގެ ގޮތުގައި ރައީސް ފާހަގަކުރެއްވި ކަންތައްތަކަކީ:
-
ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް ރޭޓު ކުޑަކޮށް، އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުކޮށްދިނުން
-
ޓީޗަރުންގެ މުސާރަ ބޮޑުކުރުން
-
ޓީޗަރުންނާއި ޕްރިންސިޕަލުންނަށް ވެސް މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދިނުން
ކޮމެންޓް (1)
ޒުވާން