ސ. ހުޅުދޫގައި މިރޭ ހިނގި އަލިފާނުގެ ހާދިސާގައި ތާރު ކޮންޓެއިނަރުތަކެއް އަނދާފައި (ފޮޓޯ/އެމްއެންޑީއެފް)

ހުޅުދޫ ބަނދަރު ސަރަހައްދުގައި ހުރި ތާރު ކޮންޓެއިނަރުތަކެއްގައި ރޯވެ އަނދައިފި

މި ހާދިސާގެ ކުރިން މިއަދު ހަވީރު އެ ރަށު ބަނދަރު ސަރަހައްދުގައި ހުރި ކުނި ފުންޏެއްގައި އަލިފާން ރޯވެގެން ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނި
31 ޑިސެމްބަރު 2022

ސ. ހުޅުދޫ ބަނދަރު ސަރަހައްދު ކައިރިން ވަލުތެރޭގައި ހުރި ތާރު ކޮންޓެއިނަރުތަކެއްގައި ރޯވެ މިރޭ އަނދައިފި އެވެ.

ވީ ކިހިނެއް؟ - އެމްއެންޑީއެފުން ބުނިގޮތުގައި:

  • އަލިފާން ރޯވެގެން ހުޅުމީދޫ ފަޔާ ސްޓޭޝަނުން އަލިފާން ނިއްވުމުގެ މަސައްކަތް ފެށީ 8:03 ގައި

  • އަލިފާނުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ

  • އަލިފާން ނިއްވާލެވުނީ 9:30 ހާއިރު

  • އަދިވެސް ފެން އަޅައި ތާރުތައް ފިނި ކުރުމަށް ސިފައިން ދަނީ ސައިޓުގައި ހަރަކާތްތެރިވަމުން

އެ ސަރަހައްދުގައި ހުރި ގިނަ ތާރު ކޮންޓެއިނަރުތަކުގައި އަލިފާން ހިފާފައިވީ ނަމަވެސް، ހަލާކުނުވާ ބައެއް ކޮންޓެއިނަރު ހުރި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ސ. ހުޅުދޫގައި މިރޭ ތާރު ކޮންޓެއިނަރުތަކެއްގައި ރޯވެ އަނދަނީ (ފޮޓޯ/އެމްއެންޑީއެފް)

އެނގުން މުހިއްމު - ހުޅުދޫ ބަނދަރު ސަރަހައްދުގައި ހުރި ކުނިތަކެއްގައި މިއަދު ހަވީރު 5:30 އެހާއިރު ރޯވެގެން ވެސް ހުޅުމީދޫ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވި ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ. އެ އަލިފާންގަނޑު ނިއްވާލާފައިވަނީ، އެމްއެންޑީއެފުން ބުނިގޮތުގައި، 6:50 ހާއިރު އެވެ.

ފަހުން ރޯވީ ކުރިން ރޯވި އަލިފާންގަނޑު ރަނގަޅަށް ނިއްވާނުލެވޭތީތޯ، ސިފައިން މީޑިއާއަށް މައުލޫމާތު ދޭ ވައިބާ ގްރޫޕުގައި ނޫސްވެރިޔަކު ސުވާލުކުރުމުން އެމްއެންޑީއެފުން ބުނީ އެއީ ތަފާތު ދެ ހާދިސާއެއް ކަމަށާއި ރޯވީ ވެސް ދެ ސަރަހައްދެއްގައި ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް