މަރު ކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ފަރީޝާ (ވ) އާއި މެމްބަރު މިސްބާހު

ރިލްވާނަށް ނުރައްކާ އޮތްކަން ފުލުހުންނަށް އެނގޭ، މަރާލުން ހުއްޓުވެން އޮތް: ކޮމިޝަން

ސޯޝަލް މީޑިއާގައި ފާޅުކުރާ ހިޔާލުތަކާ ގުޅިގެން މީހުންނަށް ބިރުދައްކަމުންދިޔަ ގްރޫޕެއްގެ ޓާގެޓަކަށް ރިލުވާން ވެފައި އޮތްކަން ފުލުހުންނަށް އެނގޭ އަދި ފުލުހުން ވަނީ ރިލުވާންއަށް ނުރައްކާ އޮތް ކަމަށް ބުނެ ތިން މަސް ވަންދެން އޭނާގެ ފޯނު އަޑުއަހާފައި
16 ޑިސެމްބަރު 2022
1

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން މަރާލުމުގެ ކުރިން އޭނާއަށް ނުރައްކާ އޮތްކަން ފުލުހުންނަށް އެނގޭ ކަމަށާއި އެކަން އެ އިދާރާއަށް ހުއްޓުވުނީސް ކަމަށް މަރުތައް ތަހުގީގުކުރާ ކޮމިޝަނުން އިއްޔެ ބުނެފި އެވެ.

ވީ ކިހިނެއް؟ - މަރު ކޮމިޝަނުން އެގޮތަށް ބުނީ، ރިލްވާންގެ މަރުގެ މައްސަލަ ތަހުގީގުކޮށް އެކުލަވާލި ރިޕޯޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެރުވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ތަފްސީލް - އެ ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް ވިދާޅުވި ގޮތުގައި ރިލްވާން މަރާލުމުގެ ކުރިން ވެސް، އޭނާއަށް ނުރައްކާ އޮތް ކަން ގަބޫލުކޮށްގެން ފުލުހުން ގެންދިޔައީ، ކޯޓު އަމުރެއްގެ ދަށުން ރިލްވާންގެ ފޯނު ކޯލުތައް އަޑުއަހަމުންނެވެ. 

މިސްބާހު ވިދާޅުވީ 2014 ވަނަ އަހަރު، މާލޭގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ މީހުންނާއި ގޭންގުތަކަށް ނިސްބަތްވާ މީހުން ގްރޫޕެއް ހަދައިގެން ނުކުމެ، އޭރު ސޯޝަލް މީޑިއާގައި ހަރަކާތްތެރިވި ބައެއް މީހުންނަށް ބިރު ދައްކައި އެ މީހުންގެ ޒާތީ މައުލޫމާތުތައް ހޯދަމުން ދިޔަ ކަމަށެވެ. އަދި ބިރު ދެއްކުމުގައި އެންމެ އިސްކޮށް އުޅުނު އަހުމަދު މުއާޒް (ގަޓު މުއާ) އާއި އަހުމަދު އިސްމާއީލްގެ ޓާގެޓަކަށް ރިލްވާން ވެސް އޮތީ އޭރު ވެފައި ކަމަށާއި އެ ކަންކަން ފުލުހުންގެ ސަމާލުކަމަށް ވެސް އޮތީ އައިސްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

 ބުނީ ކީކޭ؟ - "އެހެންވީމަ އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ކަމަކީ އެ ހިސާބަށް ކަންތައްތައް އައިސް، އަހުމަދު ރިލްވާން އަބްދުﷲ މަރާލުމާ ހަމަޔަށް ދިޔައިރު ދިވެހި ފުލުހުންނަށް އެކަން އެނގި ތިބި ކަމާއި އަދި މި ކަމަކީ ހުއްޓުވެން އޮތް ކަމެއް ކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭކަން،" މިސްބާހު ވިދާޅުވި އެވެ.

މަރު ކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ފަރީޝާ (ވ) އާއި މެމްބަރު މިސްބާހު

ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲ ވިދާޅުވިގޮތުގައި ސޯޝަލް މީޑިއާގައި އުޅޭ ބައެއް މީހުން މާލޭގެ އެކި ތަންތަނަށް އެކަހެރިކޮށް ގެންގޮސްގެން ބިރު ދައްކައި އަނިޔާކުރަމުންދިޔަ މައްސަލަ ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމެންޓުން، ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓަށް 16 ޖޫން 2014ގައި އޮތީ ހުށަހަޅާފަ އެވެ. އެއީ ރިލްވާން ގެއްލުވާލުމުގެ ދެ މަހެއްހާ ދުވަސް ކުރި އެވެ. އޭރު ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރަކަށް ހުންނެވި ހަސަން ހަބީބު، އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން އަންގަވައި، އެ މައްސަލައިގައި "ފިޔަވަޅު ނޭޅިއްޖެ ނަމަ ފަހުން ނުކުންނާނެ ނަތީޖާ ވަރަށް ގޯސްވާނެ" ކަމަށް ވިދާޅުވެފައި އޮތް ކަމަށް ވެސް ފަރީޝާ ވިދާޅުވި އެވެ.

ނަމަވެސް، ފުލުހުން އެކަމާ މެދު އެކަށީގެންވާ ފިޔަވަޅެއް ނޭޅުމުގެ އިތުރުން، އޭރު ހުށަހެޅި މައްސަލަ ބަލާ ނިންމީ، ދެ އަހަރު ފަހުން، 2016ގަ އެވެ. އެ މުއްދަތުގެ ތެރޭގައި ރިލްވާން ގެއްލުވާލައި އޭގެ ފަހުން ވެސް އިތުރު ބަޔަކަށް ބިރުދައްކައި އަނިޔާކޮށްފައިވާކަން ކޮމިޝަނުން ފާހަގަކުރި އެވެ.

މިސްބާހު ވިދާޅުވިގޮތުގައި ރިލްވާން މަރާލުމުގެ ކުރިން ވެސް، ސޯޝަލް މީޑިއާގައި ހަރަކާތްތެރިވި ފަރާތްތަކަށް އެ ގްރޫޕުން ދިޔައީ "ކަނޑު ފައްތާލާ މަރާލާނެ" ކަމަށް ބުނެ އިންޒާރު ދެމުންނެވެ. އަދި ރިލްވާންގެ މަރަށް ފަހު ވެސް "ރިލްވާނަށް ހަދާލި ގޮތް ހަދާލާނެ" ކަމަށް ބުނެ ބައެއް މީހުންނަށް އިންޒާރުދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި ކަމެއް - ރިލްވާން މަރާލި މައްސަލައާ ގުޅިގެން ފުލުހުން ހިންގި ތަހުގީގަށް ހައްޔަރުކުރި ބައެއް މީހުން ބަންދުން ދޫކުރުމަށް އޭރުގެ ސަރުކާރުގެ ބައެއް އިސްވެރިން މަސައްކަތް ކުރި ކަމަށާއި އެ އަމަލު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ބައެއް ފަރާތްތަކާއި ސަރުކާރުގެ އެންމެ އިސް ވެރިންނާ ގުޅުން އޮތް ކަމަށް ވެސް މަރު ކޮމިޝަނުން ވަނީ އިއްޔެ ބުނެފަ އެވެ.

ކޮމިޝަނުން ބުނިގޮތުގައި ރިލްވާން ހުޅުމާލެއިން ކިޑްނެޕްކޮށްގެން ކާރެއްގައި ގެންގޮސް ޑިންގީއެއްގައި ގެންދިޔައީ ކަންނެލި ދޯންޏަކަށެވެ. އަދި އެ ދޯނީގައި އޭނާއަށް ޝާހަދަތް ލައިދިނުމަށް ފަހު ކަރު ބުރިކޮށްލައި ކަނޑުފައްތާލީ އެވެ.

ރިލްވާން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ ގޮތުގައި ކޮމިޝަނުން ހާމަކޮށްފައިވަނީ އެ ދޯނީގައި ތިބި ކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ހަ މީހެއްގެ ނަމެވެ. އެ މީހުން ވަނީ ސީރިއާގެ ހަނގުރާމައިގައި ބައިވެރިވުމަށް 2014 ނިމެމުން ދަނިކޮށް އަދި 2017ގައި ރާއްޖެއިން ފުރާފައި ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ. އެ ހަ މީހުންނަކީ:

  • 1-

    މުހައްމަދު މުނާޒް، ތ. އޮމަދޫ، ނަރުގިސްވިލާ

  • 2-

    އިސްމާއިލް ސަބީހު، ޏ. ފުވައްމުލައް، ދަޑިމަގު، ދަޑޮފީށި

  • 3-

    މުހައްމަދު ސުއައިދު، ސ. ހުޅުދޫ، އަތިރީއާގެ

  • 4-

    މުހައްމަދު ހާމިދު، ސ. މީދޫ އިރާކު

  • 5-

     އަޒްލިފް ރައޫފް، މާލެ، ހ. ހިލްޓަން

  • 6-

    އިބްރާހިމް ސަލާހު، ހއ. ދިއްދޫ، ސޯސަނީ

ރިލްވާން މަރާލުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހުން
ރިލްވާންގެ މަރުގެ މައްސަލައިގައި މި އަހަރު ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ތިން މީހުން (ކ-ވ): އަހްމަދު މުއާޒު (ގަޓު މުއާ)، އަހުމަދު އިސްމާއިލް (އަހަނދު) އަދި އިސްމާއިލް އަބްދުލްރަހީމް އާދަމް (އިސޫ).

އެނގުން މުހިއްމު - މަރު ކޮމިޝަންގެ އެ ރިޕޯޓު ނިންމައި، ރައީސާ ހަވާލުކޮށްފައި މިވަނީ އެ ކޮމިޝަނުން މައްސަލަތައް ތަހުގީގުކުރަމުންދާތާ ތިން އަހަރު ފަހުންނެވެ. އެކަމަކު، ރިލްވާން ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދު މަރާލުމުގެ މައްސަލައިގައި މިދިޔަ ޖޫންގައި ތިން މީހަކު ހައްޔަރުކޮށް، ޓެރަރިޒަމްގެ ދައުވާތައް ވަނީ އުފުލާފަ އެވެ. އެއީ:

  • އަހުމަދު އިސްމާއިލް (އަހަނދު)، 39 - މއ. ފާގަފިލާގެ (ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން)

  • އިސްމާއިލް އަބްދުލްރަހީމް އާދަމް (އިސޫ)، 30 - މ. ލެގޫންވިއު (ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދެ ދައުވާ)

  • އަހްމަދު މުއާޒު (ގަޓު މުއާ)، 40 - މާލޭ ދަފްތަރު (ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން)

މި މައްސަލަތަކުގެ ޝަރީއަތް ފަށައިގެން މިހާރު ކުރިޔަށްދިޔަ ނަމަވެސް، މިއީ ސިއްރުކޮށްގެން ގެންދާ މައްސަލަތަކަކަށް ވާތީ ޝަރީއަތުގެ އިތުރު ތަފްސީލެއް ނުލިބެ އެވެ. ކްރިމިނަލް ކޯޓުން ވަނީ މި އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ކޮމެންޓް (1)

އައްލާ

16 ޑިސެމްބަރު 2022
ބަލަ ތިކަން ހުއްޓުވަން ތިބި ބަޔަކީ އެކަމުގެ ބައިވެރިން ކަމަށް ވަންޏާ ހުއްޓުވާނެތަ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް