ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް އަޑުއުފުލި މީހުން (ފޮޓޯ/އަލްހާރިޔަ)

ޔޯގާ ހަމަނުޖެހުމުގައި އިދިކޮޅުގެ ބައިވެރިވުމެއް ނެތް: އީސީ

ހަމަނުޖެހުމުގައި އިދިކޮޅުގެ ދައުރު އޮތް ކަމަށް ތުހުމަތުކުރެވުމުން އީސީން އެ މައްސަލަ ބަލަން ފެށި؛ ބައިވެރިވުމެއް އޮތް ނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނި
11 ޑިސެމްބަރު 2022

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން މިދިޔަ ޖޫން މަހު ގަލޮޅު ދަނޑުގައި އޮތް ހަރަކާތާ ދެކޮޅަށް ބޭއްވި އެއްވުމުގެ ބައިވެރިން އެ ތަނަށް ވަދެގަނެ ހިންގި ހަމަނުޖެހުމުގައި އިދިކޮޅު ޕީޕިއެމް- ޕީއެންސީގެ ބައިވެރިވުމެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

މައްސަލައިގެ ފެށުން - ސަރުކާރުގެ އިސް ބައެއް ވެރިންނާއި ބޭރު ގައުމުތަކުގެ ޑިޕްލޮމެންޓުން ގަލޮޅު ދަނޑުގައި ތިއްބަވަނިކޮށް ބަޔަކު ވަދެގަތީ މި ހަރަކާތާ ދެކޮޅަށް އަޑުއުފުލުމަށް އެ ތަނުގެ ބޭރުގައި ގިނަ އިރުތަކެއް ވަންދެން ތިބުމަށް ފަހު އެވެ. ދަނޑުތެރެއަށް ވަދެގަތް މީހުންގެ ތެރެއިން ބަޔަކު ވަނީ އެތާ ތިބި ބައެއް މީހުންނަށް ހަމަލާދީ، ބައެއް ސާމާނަށް ވެސް ގެއްލުން ދީފަ އެވެ.

  • އެ މައްސަލައާ ގުޅިގެން ފުލުހުން މީގެ ކުރިން ބުނެފައިވަނީ ޔޯގާ ހަރަކާތުގައި ހަމަނުޖެހުން ހިންގި މީހުން ބޭނުންކުރި ބައެއް ތަކެތި ނެރުނީ ޕީޕީއެމްގެ އޮފީހުން ކަމަށް

  • ދިދަތައް ނެރެމުން ގެންދިޔައިރު އެ އޮފީސް ތެރެއިން ނަގާފައިވާ ފޮޓޯއެއް ވެސް އާއްމުވި؛ އެ ފޮޓޯ އިން،  ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު އިސްމާއިލް ފެނޭ

  • ޕީޕީއެމުން ބުނީ، ގަލޮޅު ދަނޑުގައި ހަމަނުޖެހުން ހިންގި މީހުން ގެންގުޅުނީ ޕީޕީއެމްގެ އޮފީހުން ގެންދިޔަ ދިދަތަކަކަށް ވިޔަސް، އެއީ އެކަމަށް އެހީތެރިވުން ނޫން ކަމަށާއި އެ ހަމަނުޖެހުމުގައި އެ ޕާޓީގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް

  • ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ދައުރު އޮތް ކަމަށް ތުހުމަތުކުރެވުމުން އީސީން އެ މައްސަލަ ބަލަން ފެށި؛ ބައިވެރިވުމެއް އޮތް ނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނި

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް އަހްމަދު ފުއާދު (ފައިލް ފޮޓޯ/ ސަން)

ބުނީ ކީކޭ؟ -'ދައުރު'ން ސުވާލުކުރުމުން އީސީގެ ރައީސް ފުއާދު ތައުފީގް މިއަދު ވިދާޅުވީ، ޕީޕީއެމްގެ ބައެއް މެމްބަރުން އެ ހަމަނުޖެހުމުގައި ބައިވެރިވިކަން އެނގުނު ނަމަވެސް، އެއީ އެ ޕާޓީގެ ލީޑާޝިޕުން ތަރުހީބުދީގެން ކުރި ކަމެއްކަން ސާބިތުނުވާ ކަމަށެވެ.

"ޕާޓީއަށް [ޕީޕީއެމް] ނިސްބަތްވާ ބައެއް މީހުން އެކަމުގައި އުޅުނުކަން އެނގޭ. އެކަމަކު އެއީ ޕާޓީގެ ލީޑާޝިޕުން ބާރުއަޅައިގެން ކުރިކަމެއް ކަމެއް ސާބިތެއް ނުވޭ،" ފުއާދު ވިދާޅުވި އެވެ.

"އެއްވެސް ޕާޓީއެއްގެ ބައިވެރިވުމެއް ނެތް."

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތް ހުއްޓުވަން ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ހައްޔަރު ކުރަނީ

އެނގުން މުހިއްމު - މި މައްސަލައިގައި 23 މީހަކު ހައްޔަރު ކުރި ނަމަވެސް، ޕީޖީ އޮފީހުން މި މަހުގެ ކުރީކޮޅު ދައުވާކުރަން ފޮނުވީ 18 މީހަކަށެވެ. މި މައްސަލައިގައި ތުހުމަތު ކުރެވުނު އެންމެ ހައިޕްރޮފައިލް މީހުންގެ ތެރޭގައި ހިމެނޭ ޕީޕީއެމްގެ އިސްމާއީލަށް ޕީޖީން ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމާއި އަދުލު އިންސާފަށް ހުރަސް އެޅުމުގެ ދައުވާ އުފުލާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް