ގދ. ގައްދޫ: އެ ރަށުގައި ރޭ ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައި.

ގައްދޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ފިހުނު މީހަކު މަރުވެއްޖެ

އެ މީހާގެ ހަށިގަނޑުގެ ގާތްގަނޑަކަށް %50 އޮތީ ފިހިފައި
10 ޑިސެމްބަރު 2022

ރޭ ގދ. ގައްދޫގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ފިހުނު މީހަކަށް ފަރުވާ ދެމުން ދަނިކޮށް މިރޭ މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރޭ ގާތްގަނޑަކަށް 8 ޖެހިއިރު ހިނގި މި ހާދިސާގައި ފިހުނީ އުމުރުން 75 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ތަފްސީލް - އެ ރަށުގައި ދިރިއުޅޭ މީހަކު 'ދައުރު'އަށް މިރޭ ބުނީ ފިހުނު މީހާ ގައްދޫ ސިއްހީ މަރުކަޒަށް ދިޔައީ އަމިއްލައަށް ހިނގާފައި ކަމަށެވެ. އޭނާގެ ހާލަތު ސީރިއަސްކަމުން، ސިއްހީ މަރުކަޒުން އިތުރު ފަރުވާއަށް ފޮނުވާލީ އެ އަތޮޅު ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށެވެ.

ބުނީ ކީކޭ؟ - ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ތަރުޖަމާނަކު މިރޭ 'ދައުރު'އަށް ވިދާޅުވީ ރޭ ދަންވަރުން ފެށިގެން އޭނާއަށް ފަރުވާ ދެމުން ދިޔައީ އައިސީޔޫގައި ކަމަށެވެ.

"މަރުވެފައި ވަނީ މިރޭ އިރާކޮޅު، ގާތްގަނޑަކަށް 9:15 ހާއިރު،" އޭނާ ވިދާޅުވި އެވެ.

"ހަށިގަނޑުގެ ގާތްގަނޑަކަށް %50 އޮތީ ފިހިފައި."

ގުޅުން ހުރި ކަމެއް - އެ ގޭގައި އޭނާ ދިރިއުޅެމުން ދިޔައީ އޭނާގެ އަނބިމީހާއާ އެކު އެވެ. ނަމަވެސް، އެ ހާދިސާގައި އެ އަންހެން މީހާއަށް އަނިޔާއެއް ލިބުނު ކަމެއް އަދި ސާފެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް