ޕާކިސްތާނަށް އެހީވުމަށް މ. އަތޮޅުން އެއްކުރި ފައިސާ، ޕާކިސްތާނު ހައި ކޮމިޝަންއާ ހަވާލު ކުރަނީ (ފޮޓޯ/މ. އަތޮޅު ކައުންސިލްގެ އިދާރާ)
ދިވެހިންގެ ލޯތްބާއީ ދީލަތިކަން: ޕާކިސްތާނަށް އެހީވާން މަކުނުދޫން 1 ލައްކަ؛ މީމުން 2 ލައްކަ
ބޯކޮށް ވާރޭވެހި ހިނގިި އެކި ހާދިސާތަކުގައި ޕާކިސްތާނުގެ ގިނަ ބަޔަކު މަރުވެ، އެތައް މިލިޔަން ބަޔަކު ހާލުގައި ޖެހިފައިވުމުން، އެ މީހުންނަށް އެހީވުމަށް ހދ. މަކުނުދޫއިން 100،000ރ. އަދި މ. އަތޮޅުން 200،000ރ. އެއްކޮށްފި އެވެ.
ވީ ކިހިނެއް؟ - ޕާކިސްތާނަށް އެހީވާން މަކުނުދޫއިން ފައިސާ އެއްކުރުމުގެ ޕްރޮގްރާމެއް ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. އެގޮތުން:
-
މިދިޔަ މަހުގެ ނިޔަލަށް ހިންގި އެ ޕްރޮގްރާމުން 110،000ރ. އެއްކޮށްފައިވޭ
-
އެއީ ރަށުގެ އެކި ތަންތަނުގައި ފަންޑު ފޮށި ބަހައްޓައިގެން ހިންގި ޕްރޮގްރާމެއް
-
ލިބުނު ފައިސާ މިހާރު ވަނީ، ޕާކިސްތާނަށް އެހީވުމަށް އަމަލީ ގޮތުން ހަރަކާތްތެރިވާ 'އިންޓަނޭޝަނަލް އެއިޑް ކެމްޕޭން'އާ ހަވާލުކޮށްފައި
-
އެ ފައިސާ ބޭނުން ކުރާނީ، ހާލުގައި ޖެހިފައިވާ މީހުންނަށް މަދުވެގެން 2،000 ބަތްޕާރުސަލް ހަދިޔާ ކުރުމަށް
މީމު އަތޮޅު ކައުންސިލުން ބުނި ގޮތުގައި، ޕާކިސްތާނަށް އެހީވުމަށް އެ އަތޮޅުގެ ހުރިހާ ރަށެއްގައި ވެސް ކެމްޕޭން ހިންގި އެވެ. އަދި އެ މަސައްކަތުން ބަރާބަރު 200،000ރ. އެހީ ލިބިފައިވާ ކަމަށް އެ ތަނުން ބުންޏެވެ.
"އަޅުގަނޑުމެން އިއްޔެ ވާނީ އެ ފައިސާ ޕާކިސްތާނު ހައި ކޮމިޝަނާ ހަވާލުކޮށްފައި،" އަތޮޅު ކައުންސިލްގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި:
-
ފައިސާ އެއްކުރުމުގެ ކެމްޕޭން ފެށީ، އަތޮޅު ކައުންސިލުން ދިން 13،025ރ. ހިމަނައިގެން
-
އަތޮޅުގެ އެކި އިދާރާތަކުންނާއި އާއްމުންގެ ބޮޑު އެހީތެރިކަމެއް އެ ފަންޑަށް ލިބުނު
"ޕާކިސްތާނުގައި ތިބީ އަޅުގަނޑުމެންގެ އަޚުން. އަނެއް ކޮޅުން އެ މީހުން އެހީތެރިކަން ވެސް އަޅުގަނޑުމެންނަށް ލިބޭ،" ޕާކިސްތާނުގެ އެހީގައި، މ. މުލީގައި ކޮމިއުނިޓީ ސެންޓަރެއް އަޅަމުން އަންނަކަން ފާހަގަކޮށް އޮފިޝަލް ވިދާޅުވި އެވެ.
އެނގުން މުހިއްމު - 'ގާއިދޭ އައުޒަމް މުހައްމަދު އަލީ ޖިނާހު މެމޯރިއަލް ޕާކިސްތާން-މޯލްޑިވްސް ކޮމިއުނިޓީ ސެންޓަރު'ގެ ނަމުގައި އެ ސެންޓަރު އެޅުމަށް ޕާކިސްތާނުން ވަނީ، މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި 2.6 މިލިޔަން ރުފިޔާ ހަދިޔާކޮށްފަ އެވެ.
ޕާކިސްތާނަށް އެހީވުމަށް އޮކްޓޫބަރު މަހުގެ ތެރޭގައި ހިންގި ޓެލެތޯނަށް ވެސް 3.8 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.