
ރައީސް ސޯލިހު އީޔުގެ ސަފީރުންނާ އެކު މިއަދު ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ: އެ ބައްދަލު ކުރެއްވުމުގައި މުހިންމު ދާއިރާތަކުން ވަނީ މަޝްވަރާކޮށްފައި (ފޮޓޯ/ ރައީސް އޮފީސް)
ރައީސް އީޔޫގައި އެދުނީ ވިސާ ހިލޭކޮށްދީ މަހުގެ ޑިއުޓީ ކަނޑާލަދޭން
ވިސާއަކާ ނުލާ ދިވެހިންނަށް ޔޫރަޕިއަން ޔޫނިއަން(އީޔޫ) ނުވަތަ ވިލާތުގެ ގައުމުތަކަށް ދަތުރު ކުރެވޭނެ ގޮތް ހަދައި ދިނުމަށާއި ރާއްޖޭގެ މަހަށް ވިލާތުގެ ގައުމުތަކުން ނަގަމުން އަންނަ ޑިއުޓީ ކަނޑާލަ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިއަދު އީޔޫގެ ގައުމުތަކުގެ ސަފީރުންގެ ކިބައިން އެދިވަޑައިގެންފި އެވެ.
އެނގުން މުހިންމު - މީގެ ކުރިން އީޔޫއިން ރާއްޖެއާ އެކު ބޭއްވި ޕޮލިސީ ޑައިލޮގް ބައްދަލުވުންތަކުގައި ވެސް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އެ ކަންތައްތަކަށް އެދިވަޑައިގެންފަ އެވެ.
ވީ ކިހިނެއް؟ - އީޔޫއިން ރާއްޖެއާ އެކު ބާއްވާ ހަ ވަނަ ޕޮލިސީ ޑައިލޮގް ބައްދަލުވުމަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ އީޔޫ ސަފީރު ދެނިސް ޗައިބީ އާއި އީޔޫގެ ހަ ގައައުމެއްގެ ސަފީރުންނާ އެކު މިއަދު ރައީސް ސޯލިހު ވަނީ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި މަޝްވަރާ ކުރި މުހިންމު ކަންތައްތަކުގެ ގޮތުގައި ރައީސް އޮފީހުން ބުނީ:
-
ޔޫރަޕަށް ދަތުރުކުރާ ދިވެހިންނަށް ޝެންގެން ވިސާ ހޯދުމުގައި ލުއިފަސޭހަގޮތްތަކެއް ހަމަޖެއްސުމާ ބެހޭގޮތުން
-
ރާއްޖޭގެ މަހުގެ އުފެއްދުންތައް ޔޫރަޕަށް އެކްސްޕޯޓްކުރުމުގައި ނަގާ ޓެރިފް ކުޑަކުރުމާ ގުޅޭ ގޮތުން
-
އީޔޫ-ރާއްޖެ ޕޮލިސީ ޑައިލޮގުގެ އެޖެންޑާއާ މެދު

'ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ދައުރު މުހިންމު'
ރައީސް އޮފީހުން ބުނީ މިއަދުގެ ބައްދަލުވުމުގައި އީޔޫގެ ވަފުދުން ވަނީ ރާއްޖެއަކީ ބައިނަލްއަގުވާމީ މުޖުތަމައުގައި މުހިންމު ދައުރެއް އަދާކުރާ ގައުމެއްކަން ފާހަގަކުރައްވައި، ރާއްޖެއާ އިތުރަށް ގުޅުންބަދަހި ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެގޮތުން އީޔޫގެ ވަފުދުން ފާހަގަކުރި ކަންތައްތަކަކީ:
-
އދ.ގެ ހިއުމަން ރައިޓްސް ކައުންސިލު (ޔޫއެންއެޗްއާރުސީ) ގެ 2023-2025 ވަނަ ދައުރުގެ މެންބަރުކަން ރާއްޖެއިން ކާމިޔާބުކޮށްފައިވާކަން ފާހަގަކުރި
-
ޔޫއެންއެޗްއާރުސީ މެދުވެރިކޮށް ހުޅަނގުގެ ގައުމުތަކާއި އޭޝިއާގެ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގައި ރާއްޖެއިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރި
-
އދ ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތު ބަލަހައްޓައި ރާއްޖޭން އަދާކުރި އިސް ދައުރު ފާހަގަކުރި
-
ރާއްޖެއާއި އީޔޫއާ ދެމެދުގައި އެކި ދާއިރާތަކުން އޮތް ގުޅުން އިތުރަށް ބަދަހިކުރާނޭ ކަމުގެ ޔަގީންކަން ދިން
ރައީސްއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ރާއްޖެ-އީޔޫ ޑައިލޮގްގެ ހަވަނަ ބައްދަލުވުން މިއަދު ވަނީ ފޮރިން މިނިސްޓްރީގައި ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ގައުމުތަކަކީ:
-
އިޓަލީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިޓާ މަނެއްލާ
-
އޮސްޓްރިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެތެރީނާ ވީޒާ
-
ޖަރުމަނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޮލްގާ ލޯތާ
-
ނެދަލެންޑްސް އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބޮނީ ހާބޯކް
-
ރޮމޭނިޔާ އެމްބަސީގެ ޗާޖް ޑި އެފެއާޒް ވިކްޓާ ޗިއުޑިއާ
-
ފްރާންސް އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން، އޮރެލިއެން މެއިލޭ
އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އީޔޫއިން ރާއްޖެ-ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ދެނިސް ޗައިބީ އެވެ. ފޮރިން މިނިސްޓްރީއިން ބުނީ އެ ބައްދަލުވުމުގައި މަޝްވަރާކުރީ ޑިމޮކްރަސީ، ހެޔޮވެރިކަން، ފަތުރުވެރިކަން، އިންސާފު ގާއިމްކުރުން، ސަލާމަތީކަންކަން، ވިޔަފާރި އާއި އިގްތިސާދު އަދި އިންވެސްޓްމަންޓްތައް އިތުރުކުރުމާ ގުޅޭ ގޮތުންނެވެ. އަދި ޔޫރަޕަށް ދަތުރުކުރުމުގެ ވިސާގެ އުސޫލުތަކާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާކޮށްފައި ކަމަށް ވެސް ފޮރިން މިނިސްޓްރީއިން ބުންޏެވެ.
ކޮމެންޓް (1)
މުޙައްމަދު