ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލް

ތައުލީމު

ކެޑޭޓް ކޭމްޕްގައި އަންހެން ދަރިވަރުންތަކެއްގެ ހެދުން ބާލައި، ފެން ޖެހި ވާހަކަ ރެހެންދި ސްކޫލުން ދޮގުކޮށްފި

މީޑިއާއިން ފެތުރީ އެ ސްކޫލާއި ދަރިވަރުންގެ އަބުރަށް ގެއްލުން ހުރި ވާހަކަތަކެއް ވެސް ބަޔާނުގައި ބުނި
21 ނޮވެމްބަރު 2022

ރެހެންދި ސްކޫލުގައި ބޭއްވި ކެޑޭޓް ކޭމްޕްގައި ތެރެއިން އެ ސްކޫލުގެ އަންހެން ދަރިވަރުންތަކެއްގެ ހެދުން ބާލުވައި ގަޔަށް ފެން ޖެހި ކަމަށް ބުނެ ބައެއް މީޑިއާތަކުން ފެތުރި ވާހަކަތައް އެ ސްކޫލުން މިރޭ ދޮގުކޮށްފި އެވެ.

މައްސަލައިގެ ފެށުން - މި މަހުގެ 10 އިން 12 އަށް އެ ސްކޫލުގައި ބޭއްވި ހަރަކާތުގައި ބައިވެރިވި ގްރޭޑް 8 ،9، އަދި 10ގެ އަންހެން ދަރިވަރުންތަކެއް އަންހެނުންނަށް ހާއްސަ ފާހާނާ ބަރި ކައިރިއަށް ގެންދިޔުމުން ހެދުން ބާލަން އަމުރުކޮށް، ބާރު ޕްރެޝަރުގައި ފެން ޖަހާފައިވާ ކަމަށް ހަބަރު ފެތުރީ އެ ސްކޫލުގެ ބެލެނިވެރިއަކާ ހަވާލާދީފަ އެވެ.

ކޭމްޕްގެ އިންސްޓްރަކްޓަރު އެންގި ގޮތަށް އަމަލުކުރަން ދެކޮޅު ހެދި ކުދިންނާ ދިމާލަށް ބާރަށް ހަޅޭއްލަވައި އެކަން ކުރަން މަޖުބޫރުކުރުވި ކަމަށް ވެސް ބެލެނިވެރިޔަކާ ހަވާލާދީ ބުނެފައިވެ އެވެ.

ތަފްސީލް - އެ ވާހަކަތައް ދޮގުކޮށް ރެހެންދި ސްކޫލުން ނެރުނު ބަޔާނެއްގައި ބުނީ އެފަދަ އެއްވެސް ކަމެއް ހިނގިކަމުގެ ރިޕޯޓެއް ސްކޫލަށް ލިބިފައިނުވާ ކަމަށެވެ. އަދި މީޑިއާއިން ފެތުރި ވާހަކަތަކާ ގުޅިގެން ރެހެންދި ސްކޫލާއި އެޑިޔުކޭޝަން މިނިސްޓްރީ އަދި ކެޑޭޓް ކޯ ގުޅިގެން ބެލިބެލުމުން ވެސް އެނގުނީ، ބަޔާނުގައި ބުނި ގޮތުގައި، އެފަދަ ކަމެއް ހިނގާފައި ނެތްކަމެވެ.

ބަޔާނުގެ ހުލާސާއެއް؛

  • ކޭމްޕްގައި ބައިވެރިވީ 78 އަންހެން ދަރިވަރުންނާއި 122 ފިރިހެން ދަރިވަރުން 

  • އެފަދަ އެއްވެސް ކަމެއް ހިނގިކަމުގެ މައުލޫމާތު ބައިވެރިވި ދަރިވަރުންނާއި ޓީޗަރުންގެ ފަރާތުން ބުނެފައެއް ނުވޭ

  • ކޭމްޕް ނިމުނު ފަހުން ބެލެނިވެރިޔަކު ވެސް ސްކޫލްއާ އެފަދަ މައްސަލައެއް ހިއްސައެއްނުކުރޭ

  • ކޭމްޕުގެ ހުރިހާ ވަގުތެއްގައި ވެސް ސްކޫލުގެ ކެޑޭޓް މުދައްރިސުން ހަރަކާތްތެރިވި

  • އަންހެން ދަރިވަރުންނާ އެކު އަންހެން އިންސްޓްރަކްޓަރުން އަދި ފިރިހެން ދަރިވަރުންނާ އެކު އުޅުނީ ފިރިހެން އިންސްޓްރަކްޓަރުން

ބުނީ ކީކޭ؟ - ރެހެންދި ސްކޫލުން ބުނީ ދައުރުވާ ވާހަކަތައް މީޑިއާއަށް ދައްކާފައި ވަނީ ސްކޫލްގެ ރަޖިސްޓްރީގައި ނެތް މީހެއް ކަމަށެވެ. އަދި އެއީ ސްކޫލާއި ކެޑޭޓް ކޯ އާއި ދަރިވަރުންގެ އަބުރާއި ކަރާމާތަށް ގެއްލުން ލިބޭ ފަދަ ވާހަކަތަކެއް ކަމަށް ވެސް، ބަޔާނުގައި ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް