އުދައްޔުގެ މަަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުން ކްރިމިނަލް ކޯޓުގައި.

އުދައްޔުގެ މަރު

އުދައްޔުގެ ބޭބެއަށް ހަމަލާދިން ވަޅި އާއި ކީސް ފެނުނު، ހަމަލާދިން ތަނެއް ނުދެކެން: ހެކިބަސް

އުދައްޔުއަށް ހަމަލާދިން ފަހުން ހިނގި މާރާމާރީއެއްގައި ފިރުޝާނަށް ތޫނު އެއްޗަކުން ޒަހަމްތަކެއް ލިބުނު.
9 ނޮވެމްބަރު 2022

މުހިންމު ނުކުތާތައް

'އިސްވެ ހަމަލާދިނީ ފިރުޝާން'

'ޝަރަފުގެ އަތުގައި އޮތް ވަޅިއެއްގައި ލޭ ހޭކިފައި އޮތް މަންޒަރު ފެނުނު'

ދެން އޮންނާނީ ހެކި ބަސް ނަގަން ބާއްވާ ފަހު އަޑުއެހުން

ގއ. މާމެންދޫގައި މިިދިޔަ އަހަރު ހިންގި ގްރޫޕް މާރާމާރީއެއްގައި އަހުމަދު އުދައްޔު މަރުވި ފަހުން އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ އަތުން ވަޅިއަކާއި ކީހެއް ފެނުނު ކަމަށް ސިއްރު ހެއްކަކު ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

މައްސަލައިގެ ހުލާސާ - މިދިޔަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހު އުދައްޔު މަރާލި މައްސަލައިގައި ދައުލަތުން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އުފުލީ ތިން މީހެއްގެ މައްޗަށެވެ. އެއީ:

  • 1-

    އަހްމަދު ޝަމީމް، ރިހިފަރުދާގެ/މާމެންދޫ 

  • 2-

    ޝަރަފް ރަޝީދު، ބިލަތްމާގެ/މާމެންދޫ

  • 3-

    މުހައްމަދު މާޒިން، ގުލްފާމުގެ/މާމެންދޫ

އުދައްޔު މަރާލި މައްސަލައިގައި ގަސްތުގައި މީހަކު މަރާލުމުގެ ދައުވާކުރި ކުޑަކުއްޖާގެ މައްޗަށް ޖުވެނައިލް ކޯޓުގައި މައްސަލަ ސާބިތުވެފައިވެ އެވެ. އޭނާއަށް އިއްވީ 25 އަހަރުގެ ޖަލު ހުކުމެކެވެ.

ވީ ކިހިނެއް؟ - ގިިނަ ސިއްރު ހެކިންތަކެއް ހިމެނޭ މި މައްސަލައިގައި މިއަދު ހެކިިބަސް ދިން 'ސިއްރު ހެކިވެރިޔާ 13' ކިޔައިދިނީ އުދައްޔުއަށް ދިން ހަމަލާއަށް ފަހު ހިނގައިދިޔަ ކަންކަމެވެ. އޭރު ހިނގައިދިޔަ މާރާމާރީގައިި ޒަހަމްވީީ އުދައްޔުގެ ބޭބެ ފިރުޝާން ޒާހިރަށެވެ. ހެކިވެރިިޔާ ބުނި ގޮތުގައި:

  • ވަޅި ފެނުނީ ޝަރަފު އަތުން

  • ކީސް ފެނުނީ މާޒިިން އަތުން

މާރާމާރީގައި ވަޅިން ހަމަލާދީ މަރާލި އަހްމަދު އުދައްޔު.

ބުނީ ކީކޭ؟ - މަންޒަރު ވަރަށް ގާތުން ފެނުނު މީހެއް ކަމަށް ބުނެ ހެކިބަސް ދިން އެ ހެކިވެރިޔާ ބުނި ގޮތުގައި، އުދައްޔުގެ ދޮން ބައްޕައާ ޝަަރަފު ހަޑިހުތުރު ބަހުން މުއާމަލާތް ކުރަނިކޮށް ފެނުނެވެ. އޭރު ޝަރަފުގެ އަތުގައި "އާދައިގެ މަސްކަނޑާ ވަޅިއެއް" އޮތް ކަމަށް އޭނާ އިތުރަށް ބުންޏެވެ.

"ވަރަށް ހަޑިހުތުރު ބަހުން އެއްޗެހި ކިޔަން ހުރީ. އުދައްޔުއަށް ހެދިހެން ކަލެޔަށް ވެސް ހަދާލާނަމޭ ބުނި. މަރާލާނަމޭ ވެސް ބުނި،" ހެކިވެރިޔާ ބުންޏެވެ.

މި މީހުންގެ އަތުން މި އާލާތްތައް ފެނުނު ކަމަށް ހެކިވެރިޔާ ބުނި ނަމަވެސް، ފިރުޝާނަށް ހަމަލާދިން ވަގުތު މިއިން އާލާތެއް ބޭނުންކުރި މަންޒަރު ނުފެންނަ ކަމަށް ހެކިވެރިިޔާ ބުންޏެވެ.

ތަފްސީލް - ފިރުޝާނަށް ތޫނު އެއްޗަކުން ޒަހަމެއް ލިބުނު މާރާމާރީ ފެށުނު ގޮތް ކިޔައިދެމުން ހެކިވެރިިޔާ ބުނި ގޮތުގައި، މާޒިންއަށް ފުރަތަމަ ހަމަލާދިނީ ފިރުޝާނެވެ. އޭރު މާޒިން އަތުގައި ކީހެއް އޮތެވެ.

ފިރުޝާން ހަމަލާ ދިނުމުން، އޭނާއަށް ހަމަލާ ދިނުމުގައި ބައިވެރިވީ މާޒިން އާއި މި މައްސަލަ ސާބިތުވެގެން ހުކޮމްކޮށްފައިވާ ކުޑަކުއްޖާ އާއި ޝަރަފު ކަަމަށް ހެކިވެރިޔާ ބުންޏެވެ. މި މާރާމާރީތަކުގައި ބައިވެރިވުމުގެ ތުހުމަތު ލިބޭ އަހުމަދު ޝަމީމް އޭނާއަށް ނުފެނެ އެވެ.

މާރާމާރީގެ ތެރެއިން މި ތިން މީހުން ފެނުނު ނަމަވެސް، މާޒިން އަތުގައި އޮތް ކީހުން ނޫނީ ޝަަރަފު ގެންގުޅުނު ވަޅިން ފިރުޝާނަށް ހަމަލާދެނިކޮށް ހެކިވެރިޔާއަކަށް ނުފެނެ އެވެ. އެކަމަކު މާޒިން "އަތުން ތަޅަނިކޮށް" ފެނުނު ކަމަށް ބުންޏެވެ. އަދި ފިރުޝާނަށް ދިން ހަމަލާގެ ފަހުން ޝަރަފު އަތުގައި އޮތް ވަޅިން ލޭ ފެނުނު ކަމަށް ވެސް އޭނާ ބުންޏެވެ.

މިއީ މީގެ ކުރިން ސިއްރު ހެކިބަސް ދިން މީހުންގެ ވާހަކަތަކާ އެއްގޮތް ވާހަކަތަކެކެވެ. އެ މީހުން ވެސް ވަނީ ޝަރަފު ޒުވާބު ކުރި މަންޒަރާއި އޭނާ އަތުން ވަޅިއެއް އޮތް ކަމާއި މާޒިން ކީސް ގެންގުޅުނު ކަމަށް ބުނެފަ އެވެ.

ސިއްރު ހެކިންނާ ގުޅިގެން މާޒިިން އާއި ޝަމީމްގެ ދިފާއި ވަކީލު މުހައްމަދު ޝަހީދު ވަނީ، ހެކިންގެ ތެރޭގައި މާރާމާރީގައި ބައިވެރިވި މީހުންނާއި އުދައްޔުގެ އާއިލާ ހިމެނޭ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. މި ކަންބޮޑުުވުމާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ހެކި ވަޒަންކުރުމުގައި އެކަން ކަމަށް ޝަރިއަތުން ރިއާޔަތްކުރާނެ ކަމަށެވެ.

އޭގެ އިތުރުން ގާޒީ ވަނީ ސިއްރު ހެކިން ހާޒިރުކުރަން ޕީޖީ އޮފީހަށް، އަންނަ ޖެނުއަރީއަށް ތާވަލުކުރި އަޑުއެހުމަށް ފަހު ފުރުސަތު ދީފަ އެވެ. މި އަޑުއެހުމަށް ހެކިން ހާޒިރު ނުވެއްޖެ ނަމަ، އިތުރު ފުރުސަތެއް ނުދޭނެ ކަމަށް ގާޒީ އަލީ ނަދީމް ވިދާޅުވި އެވެ. 

އެނގުން މުހިންމު - މި މައްސަލައިގައި ހިމެނޭ ސިއްރު ހެކިންނަށް ބިރު ދައްކަމުންދާ މައްސަލަ ޕީޖީ އޮފީހުން މީގެ ކުރިން ފެންމަތިކޮށްފައި ވެ އެވެ.  ދެން އޮންނަ އަޑުއެހުމަށް ހާޒިރުކުރެވޭ ސިއްރު ހެކިންގެ ހެކި ބަސް ނަގައި ނިމުމުން، މި މައްސަލައިގައިިި ހެކިބަސް ނަގައި ނިމޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް