އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ އާންމު ބަހުސްގެ ސެޝަނެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަގުރީރުކުރައްވަނީ: އިންޑިއާގެ ނުފޫޒުގެ ސަބަބުން ރާއްޖޭގެ ހާރިޖީ ސިޔާސަތަށް އަސަރު ކުރާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރޭ. (ފޮޓޯ/ރައީސް އޮފީސް)

'އިންޑިއާއާ ގުޅުންހުރި' ކަންކަމުގައި ސަރުކާރު ހަނުއޮންނާތީ ކަންބޮޑުވުން ފާޅުކުރަނީ

ރާއްޖޭގެ ހާރިޖީ ސިޔާސަތު ތަންފީޒު ކުރުމުގައި އެއްވެސް ބައެއްގެ ނުފޫޒެެއް ނޯންނާނެ ކަމަށް ރައީސް އޮފީހުން ބުނޭ
6 ނޮވެމްބަރު 2022

ފަހަކަށް އައިސް ދުނިޔޭގެ މަސްރަހުގައި ހިނގި ބޮޑެތި ކަންތައްތަކުގެ ތެރެއިިން އިންޑިއާގެ މަސްލަހަތު ހިމެނޭ ކަމަށް ބެލެވޭ ކަންކަމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ ފަރާތުން ފާޅުގައި ބަހެއް ނުބުނާ މައްސަލަ ފާހަގަވެ، އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - އިންޑިއާގެ މަސްލަހަތު ހިމެނޭ ކަމަށް ބެލެވޭ ކަންކަމުގެ ގޮތުގައި މި ފަހުން ހިނގި ބައެއް ބޮޑެތި ކަންކަމަކީ:

ދުނިޔޭގެ ގައުމުތަކުގެ ވެރިން ހޮވިވަޑައިގަންނަވާ ފަހަރުތަކުގައި ރައީސް ސޯލިހާއި ސަރުކާރުގެ އިސް ބޭފުޅުން ފާޅުގައި އެ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވި ނަމަވެސް، ޗައިނާގެ ރައީސް ޝީ މިދިޔަ މަހުގެ 23ގައި ތިން ވަނަ ދައުރަކަށް ހޮވިވަޑައިގެންނެވުމާ ގުޅިގެން އެ ބޭފުޅުން ޝީއަށް މަރުހަބާ ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް، ޖެހިގެން އައި ދުވަހު އިނގިރޭސި ބޮޑުވަޒީރުކަމަށް ރިޝީ ސުނާކް އިންތިހާބުކުރިތާ މާ ގިނައިރުތަކެއް ނުވެ ރައީސް ވެސް ވަނީ އޭނާއަށް މަރުހަބާ ވިދާޅުވެ، ޓުވީޓުކުރައްވާފަ އެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާންގެ ގަޔަށް ބަޑިޖެހި މައްސަލައިގައި މިހާތަނަށް ސަރުކާރުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. އެކަމާ ކަންބޮޑުވުން ފާޅުކުރެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅެއް ކަމަށްވާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހިމެނިވަޑައިގަންނަވަ އެވެ.

ބުނީ ކީކޭ؟ - މިކަަމާ ގުޅޭ ގޮތުން 'ދައުރު'ން ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ:

  • ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ 20 ވަނަ ގައުމީ ކޮންގްރެސް ނިމުމާ އެކު ޝީ އަށާއި އެ ޕާޓީއަށް ރައީސް ސޯލިހް މަރުހަބާ ވިދާޅުވެފައިވޭ؛ މި މޭރުމުން ރައީސް ވާހަކަފުޅު ދައްކަވާފައި ވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދު ހާރިޖީ  ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަފްލާއެއްގައި

  • ނަމަވެސް މި ހަފްލާ ބާއްވާފައިވަނީ މިދިޔަ މަހުގެ 22ގައި؛ އެއީ ޝީ ތިންވަނަ ދައުރަކަށް ހޮވިވަޑައިގަތްކަން ރަސްމީކޮށް އިއުލާނުކުރުމުގެ އެއް ދުވަސް ކުރިން

  • އެކަން ފާހަގަކޮށް ސުވާލު ތަކުރާރުކުރުމުން މިއުވާން ވިދާޅުވީ ޝީ ތިން ވަނަ ދައުރަކަށް ހޮވިވަޑައިގަތުމަކީ ކޮންގްރެސްގެ ނަތީޖާ ކަމަށާއި، ސިޓީއެއް މެދުވެރިކޮށް ރައީސް ސޯލިހު ޝީއަށް މަރުހަބާ ވިދާޅުވެފައިވާ ކަމަށް

  • އެހެން ގައުމުތަކުގެ ވެރިންނަށް މިފަދަ ބޮޑެތި ކަންކަމުގައި ފާޅުގައި މަރުހަބާ ވިދާޅުވާއިރު، ރައީސް އެކަން ކުރައްވަނީ އާންމުންނަށް ފެންނަ ގޮތަށް ރައީސް އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް ނުވަތަ ޓުވިޓާ މެދުވެރިކޮށް

  • އިމްރާން އަވަހާރަކޮށްލަން މަސައްކަތް ކުރި ހާދިސާއާ ގުޅޭ ގޮތުން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް މިއުވާން ވަކި އެއްޗެއް ވިދާޅެއް ނުވޭ

ޗައިނާ އާއި ޕާކިސްތާނަކީ އިންޑިއާއާ އެކު އެހާ ރަނގަޅު ހާރިޖީ ގުޅުންތަކެއް އޮންނަ ދެ ގައުމެއް ނޫނެވެ. މި ސަރުކާރުން ވަނީ އިންޑިއާއާ އެކު ވަރަށް ބޮޑަށް ގުޅުން ބަދަހިކޮށްފަ އެވެ.

މިއީ ބައެއްގެ ނުފޫޒުންވާ ކަމެއްތޯ 'ދައުރު'ން ކުރި ސުވާލުގެ ޖަވާބުގައި މިއުވާން ވިދާޅުވީ "ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖޭގެ ހާރިޖީ ސިޔާސަތު ތަންފީޒުކުރުމުގައި ތިން ވަނަ ފަރާތެއް ނުވަތަ ގައުމެއްގެ އެއްވެސް ނުފޫޒެއް ނެތް" ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު. (ފޮޓޯ/ރައީސް އޮފީސް)

ގުޅުންހުރި ކަމެއް - ދުނިޔޭގެ ބާޒާރަށް ބޭރުކުރާ ތެލުގެ މިންވަރު މަދުކުރަން، އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމުތަކުގެ ޖަމާއަތް ކަމަށްވާ އޯޕެކް+ އިން ނިންމުމާ އެކު، އެމެރިކާ އާއި ސައުދީ އަރަބިއްޔާއާ ދެމެދު އުފެދިފައިވާ ހޫނު ޒުވާބުގެ ތެރެއަށް ވެސް ރާއްޖޭން ވަދެފައިވެ އެވެ.

މި މައްސަލައިގައި ސައުދީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނަކަށް ތާއީދުކުރަމުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ދިވެހި ސަރުކާރުން ގަބޫލުކުރާ ގޮތުގައި އޯޕެކް+ގެ ނިންމުމަކީ ހަމައެކަނި އިގްތިސާދީ ނިންމުމެއް ކަމަށެވެ. އެއީ، ރާއްޖޭން ބުނި ގޮތުގައި، ދުނިޔޭގެ ތެލުގެ ބާޒާރު ހަމައަކަށް އެޅުވުމަށް އެޅި ރަނގަޅު ފިޔަވަޅެކެވެ.

ތެލުގެ މިންވަރު މަދުކުރުމުގެ ސަބަބުން ރާއްޖެ ފަދަ ތެލުގެ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެއީ އެއްވެސް ގައުމެއްގެ ނުފޫޒެއް އޮވެގެން ނެރުނު ބަޔާނެއްތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން އެފަހަރު ވެސް ވިދާޅުވެފައިވަނީ "އެއްވެސް ނިންމުމެއް ނިންމުމުގައި ދިވެހި ދައުލަތަށް، ދިވެހި ސަރުކާރަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނޯންނާނެ" ކަމަށެވެ.

އެކަމާ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވަނީ މިދިޔަ ހަފްތާގައި މަޖިލީހުގައި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އެނގުން މުހިއްމު - އިންޑިއާގެ ނުފޫޒުގެ ސަބަބުން ރާއްޖޭގެ ހާރިޖީ ސިޔާސަތާއި ސަރުކާރުގެ ބޮޑެތި ނިންމުންތަކަށް އަސަރު ކުރާ ކަމަށް އިދިކޮޅު ފަރާތްތަކުންނާއި ބައެއް އާންމުން  ވެސް ތުހުމަތުކުރެ އެވެ. އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭ ގޮތަށް ހަދައި ދެ ގައުމުގެ މެދުގައި ސިއްރު އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށް ވެސް އިދިކޮޅުން ތުހުމަތުކުރެ އެވެ. އެހެންވެ، އެ ކޯލިޝަނުން ވަނީ 'އިންޑިއާ އައުޓް'ގެ ނަމުގައި ކެމްޕޭނެއް ވެސް ފަށާފަ އެވެ.

އެކަމަކު ރައީސް ސޯލިހް ވަނީ އެ ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅުއްވައި އެކަން ހުއްޓުވުމަށް ގަރާރަކުން އަންގަވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް