ޤައުމީ އިނާމު ދިނުމުގެ ޖަލްސާގައި ރަސްމީ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ރައީސްގެ އިލްތިމާސް: ފިކުރީ ހަނގުރާމަ ދޫކޮށް ގައުމިއްޔަތު އިސްކުރައްވާ

ރައީސް ވިދާޅުވީ ގައުމިއްޔަތު ދިރުވަން އެހެން ގައުމުތަކާ އެކު ވެސް ބަދަހި ގުޅުމެއް ބާއްވަން ޖެހޭ ކަމަށް
20 އޮކްޓޯބަރު 2022
1

ގައުމިއްޔަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފިކުރީ ހަނގުރާމަ ކަމަށާއި އެކަމުން ދިފާއުވެ، ގައުމީ ލޯބި އިސްކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ގޮވާލައްވައިފި އެވެ. 

ވީ ކިހިނެއް؟- ރައީސް އެގޮތަށް އިލްތިމާސްކުރެއްވީ ގައުމީ އިނާމު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ވާހަކަފުޅުގައި އެމަނިކުފާނު މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ ގައުމިއްޔަތުގެ މައްޗަށެވެ.

ބުނީ ކީކޭ؟- ރައީސް ވިދާޅުވީ ގައުމިއްޔަތަށް އޮތް ހުރަސްތަކާއި ގޮންޖެހުންތަކުން އަރައިގަތުމަށް މިއަދު ވިސްނަން ޖެހޭ ކަމަށެވެ. އެގޮތުން ގައުމިއްޔަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އެމަނިކުފާނު ވިދާވި ގޮތުގައި، ފިކުރީ ހަނގުރާމަ އެވެ.

"އެ ހަނގުރާމައިން ދިފާއުވެ، ގައުމިއްޔަތު ދިރުވުމަށްޓަކައި އަޅުގަނޑުމެންގެ ހިތްތަކުގައި އުފައްދަންވީ ގައުމީ ލޯބި. ޅަދަރިންގެ ހިތްތަކުގައި އަށަގަންނުވަންވީ ހުއްބުލް ވަތަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ގައުމު ދެކެ ލޯބިވާންވީ، ރައީސް ވިދާޅުވި ގޮތުގައި، ހަމައެކަނި އެ ގައުމަކުން ތިމާއަށް ލިބޭނެ މަންފާއެއްގެ މައްޗަށް ވިސްނައިގެންނެއް ނޫނެވެ.

"ގައުމު ދެކެ ލޯބިވާންވީ، އެ ބިމަކަށް ތިމާ އުފަންވީތީ. އެ ފަސްގަނޑަށް ތިމާ ނިސްބަތްވީތީ. އަދި އެ ވަޒަނެއްގައި ތިމާގެ ވަންހަ އާއި ނަސްލު ދެމިއޮތަތީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

"ގައުމިއްޔަތު ދިރުވުމަކީ އެ ގައުމެއްގެ އެންމެހާ ސިފަތަކާއި އަގުތަކަށް ލޯބިކުރުން. އެ ގައުމެއްގެ ކީރިތިކަމާއި ހައިބަވަންތަކަން ގަބޫލުކުރުން. ގައުމިއްޔަތުގެ އެންމެހާ ރުކުންތައް ދަމަހައްޓައި ނެގެހެއްޓުން."

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ގައުމިއްޔަތު ދިފާއުކުރަން އެހެން ގައުމުތަކާ އެކު ހަރުދަނާ، ބަދަހި ގުޅުމެއް އޮތުމަކީ ވެސް މުހިއްމު ކަމެއް ކަމަށެވެ. އެއީ، ރައީސް ވިދާޅުވި ގޮތުގައި، ސުލްހަ އާއި މަސަލަސްކަމަކީ ގައުމިއްޔަތެއް ދިރުވާ އާލާކުރަން ބޭނުންވާ 'ހަކަތަ' އަށް ވާތީ އެވެ.

"ގައުމިއްޔަތެއް ދިރުވާ އާލާކުރުމުގެ ހަކަތައަކީ އެބައެއްގެ މެދުގައި އޮންނަ ސުލްހަ މަސަލަސް ކަމާއި ހަމަޖެހުން. އަޅުގަނޑުމެން އުޅެމުން މިދަނީ ގުޅި ލާމެހިފައިވާ ދުނިޔެއެއްގައި. އެހެން ގައުމުތަކާ އެކު ހަރުދަނާ ބަދަހި ގުޅުމެއް ދެމެހެއްޓުމަކީ ވެސް ގައުމިއްޔަތު ދިފާއުކުރުމުގައި އެހާމެ ބޭނުންތެރި ކަމެއް،" ރައީސް ވިދާޅުވި އެވެ.

ޤައުމީ އިނާމު ދިނުމުގެ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

އެނގުން މުހިންމު - ގައުމިއްޔަތު ދިރުވަން އެހެން ގައުމުތަކާ އެކު ގާތް ގުޅުމެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވި އިރު، މި ސަރުކާރުން އިންޑިއާއާ އެކު ކުރިއަށް ގެންދާ ގުޅުމަކީ ރާއްޖޭގެ މިނިވަންކަމަށް އޮތް ގޮންޖެހުމެއްގެ ގޮތުގައި، އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ބުނެ އެވެ. އަދި އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ގެންދަވަނީ އިންޑިއާގެ ގުޅުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ގުޅުން ހުރި ކަމެއް-  މިއަހަރު، 32 ބޭފުޅަކަށް ގައުމީ އިނާމު ދިން. އެއީ:

  • ޝަރަފުވެރިކަމުގެ ގައުމީ އިނާމު - 10 މީހަކަށް

  • ހިތްވަރު ދިނުމުގެ ގައުމީ އިނާމު - 19 މީހަކަށާއި ތިން ފަރާތަކަށް 

ކޮމެންޓް (1)

ސަނާމުގު

21 އޮކްޓޯބަރު 2022
އެބަޔަކު އަމިއްލަޔަކަށް އުފަންކޮށްގެން ކުރާން ފެށިކަމެއް އެބަޔަކު އަމިއްލަޔަކަށް އެއީ ފިކުރީ ހަގުރާމަޔަކަށް ވިޔަސް އަދި ސިޔާސީ ކުޅިގަނޑެއް ކަމުގައި ވިޔަސް އެކަންތައް ދޫކޮށްލުން ރަގަޅުވާނެ. ފިކުރީ ހަގުރާމައެއްފެށީ ރައީސް މައުމޫނުގެ 30 ވަނަ އަހަރު ގުނާލަމުން ދިޔަ ދުވަސްވަރު. ރައީސް މައުމޫނު ކުށްވެރިނުކުރާ އެއްވެސް ކަމެއްނެތް. ކޮރަޕްޝަން، ދައުލަތް ދަވާލުމާއި ޖަލުގައި ހިގައިދިޔަ މަރުތަކާއި ސުންނީ މުސްލިމަކު ކަމުގައި ނުވުންފަދަ އެތައްކަމެއް. ޢެކަމަކުވެސް އާޚިރު ނިމިގެން މިދިޔައީ އެއިން ކަމެއްފެންނާކަށް ނެތް. ފިކުރީ މައްސަލަތަކަށް ވުރެ ބޮޑަށް ނޭއްގާނިކަން ޢަމަލާ ބަހާދިމާ ނުވުން. އިންތިޤާލީ އިންސާފެއްގައި ތިބުން ނިމުމެއްނެތް. ލާމަރުކަޒަކުން އަރައިނުގެން ރިޝޭޕް ކުރަމުންގޮސް ލާމަރުކަޒު ތެރެއިވެސް ބޮޑެތި ވައްކަންކުރުމާއި ޤާނޫނެއް ނެތުން. ޤައުމު ދަރަނިވެރިވެ ނިމިދާއިރުވެސް ފަޤީރު ޤައުމުތަކުން ވެސް ލޯނުނެގުން. މީހުންކުރަމުން އައިވިޔަފާރި ސަރުކާރުގެ ކުންފުނިތަކުންކޮށް އެކުންފުނިތައް ހިންގުމާއި ހަވާލުވެ ތިބިމީހުންގެ އަމިއްލަ ކުންފުނީން އެމަސައްކަތްތައް ނަގައިގެން ކުރުން. ގޯސްއަތަށް މިސްރާބު ދިޔަނުދީ ސަރުކާރެއް ހިންގޭގޮތެއް ނެތް. ހުރިހާ ދަތިތަކެއް ތަހައްމަލް ކުރަނީ ރައްޔިތުން.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް