ޖިންސީ ގޯނާއާ ދެކޮޅަށް 29 ޖޫން 2020ގައި މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން (ދައުރު ފޮޓޯ/ މާޝާ ނައީމް)

މަންމަ ފަރާތު ކާފައަށް ޖިންސީ ގޯނާގެ ތުހުމަތުކުރެވޭތީ ކުއްޖާ ބައްޕަގެ ބެލުމުގެ ދަށަށް

ކައިވެންޏެއްކޮށް ވަރިވެފައިވާ ދެ މީހުންގެ ދަރިފުޅު ބައްޕައާ ހަވާލުކުރަން އަމުރުކުރީ ޖިންސީ ގޯނާގެ ތުހުމަތުކުރެވޭތީ، ކުއްޖާއަށް އެންމެ ރައްކާތެރީ ބައްޕަ ކައިރީ ހުރުން ކަމަށް ހައި ކޯޓުގެ ފަނޑިޔާރުންނަށް ބުރަވެވޭތީ
19 އޮކްޓޯބަރު 2022

މުހިންމު ނުކުތާތައް

ކުއްޖާ މަންމައާ ހަވާލުކުރަން އަމުރު ނެރުނީ ފެމިލީ ކޯޓުން

އެއީ އެ ކުއްޖާއާ ބައްދަލުނުކުރެވޭ ކަމަށް މަންމަ ކޯޓުގައި ބުނުމުން

ބައްޕަ ކުއްޖާ ގެންދިޔައީ "ރައްކާތެރިކަން ފޯރުކޮށްދޭން"

ކުޑަކުއްޖެއްގެ މަންމަ ފަރާތު ކާފަ އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުކުރެވި، އެ މައްސަލައިގައި ފުލުހުންގެ ތަހުގީގެއް ކުރިއަށް ދާތީ އެ ކުއްޖާގެ ބެލެނިވެރިކަން ބައްޕައާ ހަވާލުކުރަން ހައި ކޯޓުން އަމުރުކޮށްފި އެވެ.

ވީ ކިހިނެއް؟ - މި ކުއްޖާ ބެލެމުގެ ހައްގާ ގުޅޭ (ކަސްޓަޑީ) މައްސަލައެއް ފެމިލީ ކޯޓުގައި ކުރިއަށް ދަނިކޮށް، ކުއްޖާ މަންމައާ ހަވާލުކުރަން އެ ކޯޓުން އަމުރުކުރީ، އެ ކުއްޖާއާ ބައްދަލުނުކުރެވޭ މައްސަލައިގައި މަންމަ އެދިގެންނެވެ.

ނަމަވެސް، މިއީ ކުއްޖާގެ މަސްލަހަތަށް އެކަށީގެންވާ ވަރަށް ބެލުމެއް ނެތި ފެމިލީ ކޯޓުން ނެރުނު އަމުރެއް ކަމަށް ބުނެ ހައި ކޯޓުން ވަނީ މިދިޔަ ހޯމަ ދުވަހު އެ އަމުރު ބާތިލުކޮށްފަ އެވެ.

މައްސަލައިގެ ފެށުން - ކައިވެންޏެއްކޮށް ވަރިވެފައިވާ މި ދެ މީހުންނަށް ލިބިފައިވާ އަންހެން ދަރިފުޅުގެ ބެލެނިވެރިކަމުގެ މައްސަލަ އުފެދުނީ، އެ ކުއްޖާ މަންމައާ އެކީ އުޅެމުން ދަނިކޮށް ބައްޕަ ގެންދިޔަ ހިސާބުންނެވެ. 

މި މައްސަލަ ފެމިލީ ކޯޓުގައި ކުރިއަށް ދަނިކޮށް، ކުއްޖާއާ ބައްދަލުނުކުރެވޭތީ އެ ކުއްޖާއަށް ނަފްސާނީ އަނިޔާ ލިބެމުންދާ ކަމަށް ބުނެ، އެ ކުއްޖާ އަނބުރާ ހަވާލުކޮށްދޭން މަންމަ އަމުރަކަށް އެދުނެވެ. ފެމިލީ ކޯޓުން އަމުރު ނެރުނީ:

  • ކުއްޖާ އުފަންވީއްސުރެ ދިރިއުޅެމުން އައީ މަންމައާ އެކީ

  • ބެލެނިވެރިކަމުގެ މައްސަލަ ކޯޓުން ނިމެންދެން ކުއްޖާގެ މަންމައާ ދަރިފުޅު ހަވާލުކުރަން

  • ބައްޕައަށް ކުއްޖާ ކައިރިއަށް ދުވާލަކު އެއް ގަޑިއިރަށް ޒިޔާރަތްކޮށް، ވަގުތު ހޭދަކުރެވޭނެ

ތަފްސީލް - މި މައްސަލަ ކުއްޖާގެ ބައްޕަަ ހައި ކޯޓުގައި އިސްތިއުުނާފު ކުރަމުން ބުނެފައިވާ ގޮތުގައި، ކުއްޖާ ގެންދިޔައީ އެ ކުއްޖާ ނިދާފައި އޮންނަ އިރު "ފޫކޮޅުގައި ދަތް އަޅާ" ކަމާއި ޖިސްމާނީ އަނިޔާ ދޭ ކަމުގެ ޝަކުވާ ކޮށްފައިވާތީ އެ ކުއްޖާއަށް ރައްކާތެރިކަން ދިނުމުގެ ގޮތުންނެވެ. އަދި އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށް ބެލެވޭ މައްސަލައިގެ ތަހުގީގު ނިމުމުގެ ކުރިން، އެ ކުއްޖާ މަންމައާ ހަވާލުކުރަން ކުރި އަމުރު ބާތިލުކޮށްދޭން އޭނާ އެދުނެވެ.

ބައްޕަ މިހެން ބުނި ނަމަވެސް ކުއްޖާގެ މަންމަ ގާތު އެފަދަ ވާހަކައެއް ބުނިކަން އޭނާ ދޮގުކުރި އެވެ. އަދި ކުއްޖާ ހުން އައިސް، ކުރިމަތީ ފަރާތުން "ޑިސްޗާޖު" ވާތީ ޑޮކްޓަރަށް ދެއްކި ރިޕޯޓުގައި ވެސް އެ ކުއްޖާއަށް ޖިސްމާނީ ހާނިއްކައެއް ލިބުނު ކަމަށް ފާހަގަކޮށްފައި ނެތް ކަމަށް ހައި ކޯޓުގައި އޭނާގެ މަންމަ ބުންޏެވެ. 

ހައި ކޯޓުގެ ހުކުމް - މި މައްސަލަ ބެއްލެވި ހައި ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި އަމުރުގައި ފާހަގަކުރި ގޮތުގައި:

  • ކުރިން ކުއްޖާއަށް އަނިޔާކުރި މައްސަލައެއްގައި މަންމައަށް ފުލުހުން ނަސޭހަތްތެރިވި

  • ކުއްޖާ ޑޮކްޓަރަށް ދެއްކީ ހުން އައިސްގެން އުޅޭތާ ތިން ދުވަހަށް ވުރެ ގިނަ ދުވަސް ފަހުން

  • ޖިންސީ އަނިޔާކުރި މައްސަލައިގެ ތަހުގީގު ދަނީ ކުރިއަށް

  • ކުއްޖާ ޑޮކްޓަރަށް ދެއްކި ދުވަހު ފުލުހުންނަށް މައްސަލަ ހުށަހެޅީ ޓްރީޓޮޕް ހޮސްޕިޓަލުން

މިކަންކަމާ ގުޅިގެން ހައި ކޯޓުން އަމުރުކުރީ ފެމިލީ ކޯޓުގައި ކުރިއަށްދާ ބެލެނިވެރިކަމުގެ މައްސަލަ ނިމެންދެން ނޫނީ ކުއްޖާގެ ހާލަތާ ގުޅޭ ގޮތުން ހަދާ އެސެސްމަންޓަކުން ކުއްޖާގެ މަސްލަހަތުގައި މިއަށް ވުރެ ރަނގަޅު ގޮތެއް އޮތް ކަމަށް ކޯޓަށް ގަބޫލުކުރެވެންދެން ކުއްޖާގެ ބައްޕައާ ހަވާލުކުރާށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް