ފެނަކައިގެ އެމްޑީ ސައީދު (ކ) ޑީއެމްޑީ އިބްރާހިމް ވަހީދު (މ) އަދި ޗެއާމަން ރަޝީދު: އިބްރާހިމް ވަހީދު ވަނީ އެ ދެ ބޭފުޅުންނަށް ތުހުމަތުތަކެއް ކުރެއްވުމަށް ފަހު މަގާމުން އިސްތިއުފާ ދެއްވާފައި.
ޗެއާމަނާއި އެމްޑީއަށް ތުހުމަތުތަކެއްކޮށް، ފެނަކައިގެ ޑީއެމްޑީ އިސްތިއުފާ ދީފި
ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން މުހައްމަދު ރަޝީދާއި މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދަށް ތުހުމަތުތަކެއް ކުރެއްވުމަށް ފަހު އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު (އިބުރޭ) އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. ނަމަވެސް ސައީދު ވަނީ އެ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވާފަ އެވެ.
ވީ ކިހިނެއް؟ - ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑިޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު، ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުން އިސްތިއުފާ ދެއްވީ މި މަހުގެ 7ގަ އެވެ. މަގާމުން އިސްތިއުފާ ދެއްވައި އޭނާ ސައީދަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، އެ ކުންފުނި ހިންގަމުންދަނީ ޗެއާމަން ރަޝީދާއި އެމްޑީ ސައީދުގެ "އަމިއްލަ ކުންފުންޏެއް"ގެ ގޮތުގަ އެވެ.
ތަފްސީލު - އިބްރާހިމް ވަހީދުގެ އިސްތިއުފާ ސިޓީ 'ދައުރު'އަށް ވަނީ ލިބިފަ އެވެ. އެ ސިޓީއާ ގުޅޭ ގޮތުން ކޮމެންޓަކަށް އެހުމުން އިސްތިއުފާ ދެއްވިކަން ކަށަވަރުކޮށްދިން ނަމަވެސް، "އެކަމާ ގުޅޭ ގޮތުން މީޑިއާގައި އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ" ކަމަށް އިބްރާހިމް ވަހީދު ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - ސިޓީގައި އިބްރާހިމް ވަހީދު ވިދާޅުވީ، ފެނަކަ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ތަކުރާރުކޮށް ހިންގަމުންދާ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ:
-
ކުންފުނީގެ ވިޔަފާރި ބިލްތަކަށް ފައިސާ ދެނީ ހަމައެކަނި ސައީދާ ގުޅުން އޮންނަ ވިޔަފާރިތަކަށް؛ އެ ނޫން ވިޔަފާރިތަކަށް ފައިސާއެއް ނުދައްކާ
-
ކުންފުނީގެ މަގްސަދުތަކުގެ ތެރޭގައި ނުހިމެނޭ އެތައް ކަމެއް ސައިދާއި ޗެއާމަނަށް ފައިދާވާ ގޮތަށް ދަނީ ކުރަމުން؛ އޭގެ ސަބަބުން ކުދި ވިޔަފާރިތަކަށް އޭގެ ގެއްލުންތައް ދަނީ ލިބެމުން
-
ސައީދަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނާއި މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ގިނަ އަމަލުތައް ތަކުރާރު ނުވާނެ ގޮތަށް ކުންފުނީގެ ގަވައިދުތައް ބަދަލުކުރަން ދައުލަތުގެ މުއްސަސާތަކުން ދަނީ އަންގަމުން
-
އެ އެންގުންތަކަށް އަމަލު ކުރެއްވުމެއް ނެތި، ކުންފުނީގެ ބޯޑު ބޭނުންކޮށްގެން ޗެއާމަން ދަނީ އެ ކަންކަން ފޮރުވަމުން
"މަނިކުފާނު [ސައީދު] އާއި ޗެއާމަން ރަޝީދުއަށް ކުންފުނި ހިންގަން ހަވާލުވިއިރު ކުންފުނީގެ ދަރަނީގެ ގޮތުގައި އޮތް 680 މިލިއަން ރުފިޔާ ތިޔަ ދެ ބޭފުޅުން ހިންގަވަމުން ގެންދަވާ ކޮރަޕްޝަނަށް މަގުފަހިވާ އަމަލުތަކާ އަދި ދެ ބޭފުޅުންގެ ނާގާބިލުކަމުން މިއަދު ވަނީ 1.5 ބިލިއަން ރުފިޔާއަށް އިތުރުވެފައި،" އިބްރާހިމް ވަހީދު ވިދާޅުވެފައިވެ އެވެ.
މަތި އުތުރު ޕްރޮވިންސްގެ ރައީސްގެ ހައިސިއްޔަތުން އެމްޑީޕީގެ ގައުމީ މަޖިލީހުގައި އިންނަވާ އިބްރާހިމް ވަހީދު، ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކޮށްފައިވަނީ ޖެނުއަރީ 2019ގަ އެވެ. ސިޓީގައި އޭނާ ވިދާޅުވީ، މިދިޔަ ތިން އަހަރުގެ ތެރޭގައި މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރެއްވުމަށް ޗެއާމަނާއި ސައީދު ހުރަސް އަޅުއްވާފައިވާ ކަމަށެވެ.
"މަނިކުފާނާ އެކު ތިޔަ ކުންފުނީގައި އިތުރަށް ވަޒީފާގައި ދެމިހުރުމަށް އަޅުގަނޑުގެ ޒަމީރު ގަބޫލުނުކުރާތީ މިއަދުން ފެށިގެން ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުން އިސްދިއުފާ ދިން ވާހަކަ ދެންނެވިން،" ސިޓީގައިވެ އެވެ.
'އެއީ ތާކުންތާކު ނުޖެހޭ ހަގީގަތާ ހިލާފު ވާހަކަތަކެއް'
ސައީދު މިއަދު 'ދައުރު'އަށް ވިދާޅުވީ، އިބްރާހިމް ވަހީދު މަގާމުން އިސްތިއުފާ ދެއްވި ސިޓީ ލިބިވަޑައިގެންފައިވާ ކަމަށާއި ކުންފުނީގެ ބޯޑުން އޭނާގެ އިސްތިއުފާ މިހާރު ގަބޫލުކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ ސިޓީގައި ހުރި ކަންކަމަކީ ހަގީގަތާ ހިލާފު ކަންކަން ކަމަށް ވިދާޅުވެ، އޭގައި ކޮށްފައި ހުރި ހުރިހާ ތުހުމަތުތަކެއް ސައީދު ދޮގު ކުރެއްވި އެވެ.
"އެއްވެސް ތާކުން ތާކުން ނުޖެހޭ، ހަގީގަތާ ހިލާފު ވާހަކަތަކެއް އެއީ. އިތުރަށް ކުރިއަށް ނުދެވޭނެކަން އެނގޭތީވެ، ބައެއްގެ ބޮލުގައި ދޮގު ތުހުމަތަކެއް އަޅުވާފައި އެ ދިޔައީ،" ދިފާއުގައި ސައީދު ވިދާޅުވި އެވެ.
ގައްދޫ ދާއިރާގެ ރައީސްގެ ހައިސިއްޔަތުން އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވެސް އިންނަވާ ސައީދު ވިދާޅުވި ގޮތުގައި، އިބްރާހިމް ވަހީދުގެ އިސްތިއުފާ ގަބޫލު ކުރަން ބޯޑުން ނިންމީ، އޭނާ އެގޮތަށް އެދިފައިވުމާއި ކުންފުންޏަށް ވެސް "އޭނާގެ ފަރާތުން ހިދުމަތެއް މިހާރު ނުލިބޭތީ" ކަމަށެވެ.
ސިޓީގައި ފާހަގަކޮށްފައިވާ ކުންފުނީގެ ދަރަންޏާ ގުޅޭ ގޮތުން ސުވާލު ކުރުމުން ސައީދު ވިދާޅުވީ، "އެއީ ކަނޑައެޅިގެން މުތުލަގަށް ދޮގެއް" ކަމަށެވެ. ސައީދު ވިދާޅުވީ، އެ އަދަދުތަކަކީ ސައްހަ އަދަދުތަކެއް ނޫން ކަމަށާއި އޭގެ ތަފްސީލު ފަހުން ހިއްސާކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެން ހަވާލުވި އިރު އޮތް އެސްޓީއޯއަށް ދައްކަން ޖެހޭ ދަރަނިތަކެއް. އަޅުގަނޑުމެންނަށް އެ ނުދެއްކޭ ގަވައިދުން. އެކަމަކު އަޅުގަނޑުމެން އައި ފަހުން ނޯންނާނެ އެ ބުނާ ދަރަންޏެއް އެގޮތަށް އަރާފައެއް،" އޭގެ ލިޔެކިޔުންތައް ހިއްސާކުރައްވާނެކަން ފާހަގަކުރައްވައި ސައީދު ވިދާޅުވި އެވެ.
ކޮމެންޓް (2)
ސަރުކާނު
އެމްސް